ޅ. ހިންނަވަރުގެ ރައްޔިތުންނާއި ބައްދަލު ކުރައްވަން އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އަމާޒަކީ ކުރިޔަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަގާ މަޖިލީސް މެދުވެރިކޮށް، ހަމަމަގުން ކައްސާލާފައިވާ މި ސަރުކާރު އަނބުރާ ހަމަ މަގަށް އެޅުވުން ކަމަށެވެ.
މި ސަރުކާރުން ދޮގު ހަދައިގެން ރައްޔިތުންނަށް އޮޅުވާލަމުން އަންނަކަމަށާއި މަޖިލީސް މެދުވެރިކޮށް އެކަންކަމަށް ހައްލެ ގެނެސްދެވޭނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެންކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުން ވެރިކަމަށް އެރީ އިންތިހާބުތެރޭގައި ހެދި ދޮގުތަކާއި އުފެއްދި ނަފްރަތުގެ ސަބަބުން ކަމަށާއި އެކަންކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑަށް ތަންދޮރު އޮޅިގެންދިޔަ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ
ލޯމަރާލައިގެން އަޅާ ނުލާ ހުންނަން ފަސޭހަ ނުވާނޭކަމަށާއި ގައުމު މިދާ މިސްރާބު އެއްގޮތަކަށް ވެސް ރަނގަޅެއް ނޫން ކަމަށާއި އެންމެ އެކީގައި ގިނަ ގުނަ މަސައްކަތް ނުކޮށްފިނަމަ މި ގައުމު ގޮސް ވެއްޓޭނީ ބޮޑު އަނދަވަޅުގަނޑަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވަނީ ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ކުރިޔަށް އޮތް މިޖިލީސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާއްދަކުރާނޭ ކެންޑިޑޭޓުން ހޮވުމަށް އެ ޕާޓީން ބޭއްވި ޕްރައިމަރީގެ ވޯޓުލުން ބައްލަވާލެއްވުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ޕާޓީގެ އަމާޒަކީ މަޖިލީހުގެ މެޖޯރިޓީ ނެގުން ކަމަށާއި، އަދި އެކަން ކުރާނޭ ކަމަށެވެ.
އެމްޑީޕީއަކީ އަބަދުވެސް ވަރަށް ރަނގަޅަށް އިންތިޒާމްވެގެން ކެންޕޭން ކުރާ ޕާޓީއެއް ކަމަށާއި މިފަހަރުގެ ކެންޕޭނު ކުރާނީ އިންތިޒާމްކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.