ކުޅިވަރު ލެޖެންޑުންގެ ދަފްތަރެއް އެކުލަވައިލަނީ
ސްޕޯޓްސް ޓީމް
19 ފެބްރުއަރީ 2024 - 18:12:04
ނެޝަނަލް ސްޕޯޓްސް ވެޓަރަންސް އެމްބެސެޑާސްގެ ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފި އެވެ.
ނެޝަނަލް ސްޕޯޓްސް ވެޓަރަންސް އެމްބެސެޑާސްގެ ދަފްތަރަކީ ރާއްޖޭގެ ކުޅިވަރުގެ ވެޓަރަންސުންގެ އަގުވަޒަންކޮށް ބޮޑު ފުރުސަތުތަކެއް ފަހިވާ ގޮތަށް، ހަދާފައިވާ ދަފްތަރަކެވެ.
ކުޅިވަރު ލެޖެންޑުންގެ މި ދަފުތަރު އެކުލަވާލާނީ 2015 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ކުޅިވަރާ ބެހޭ ގާނޫނުގެ 13 ވަނަ މާއްދާ އިން ބާރު ލިބިގެން ހަދާފައިވާ އުސޫލެއްގެ ތެރެއިންނެވެ.
ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުށަހަޅާއިރު، މުހިއްމު ޝަރުތެއް ފުރިހަމަވާން ޖެހެ އެވެ.
ޝަރުތުތައް:
- އުމުރުން 40 އަހަރު ފުރިފައިވާ ފަރާތެއް ކަމަށްވުން
- ގައުމީ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގައި ކުޅިވަރު ކުޅެ ވަނައެއް ހޯދާފައިވާ ފަރާތަކަށްވުން.
- ކުޅިވަރު ކުޅުމުގައި އެކަށީގެންވާ މުއްދަތެއް، މަދުވެގެން، 10 އަހަރު ހޭދަކޮށްފައިވުން އަދި މި މާއްދާގެ ބޭނުމަށް ކުޅިވަރުގައި ކުޅުމަކީ ވާދަވެރި މުބާރާތްތަކުގައި ކުޅެފައިވާ ފަރާތަކަށްވުން.
- އަބަދުވެސް ކުޅިވަރު ދާއިރާގައި ކުޅިވަރުގެ މާތް އަހުލާގަށް އިސްކަންދޭ ފަރާތަކަށް ވުން އަދި އަހުލާގީ މައްސަލައެއްގައި ގާނޫނީ ގޮތުން ބާރު ލިބިފައިވާ ފަރާތުގެ ތަހުގީގެއް ހިންގައިފައިވާ ނުވަތަ ސާބިތުވެފައިވާ ފަރާތެއް ކަމުގައިނުވުން.
- ކުޅިވަރުގެ ދާއިރާގައި ގާނޫނާއި ގަވާއިދުތަކަށް އަމަލުކޮށްފައިވާ ފަރާތެއް ކަމުގައިވުން އަދި މި ފަރާތްތަކާއި މެދު އެއްވެސް އިދާރީ ފިޔަވަޅެއް ކުޅިވަރުގެ މައި އިދާރާ އަކުން ނުވަތަ ގާނޫނީ ގޮތުން ބާރުލިބިފައިވާ ފަރާތަކުން އަޅާފައިނުވުން.
- ވެޓެރަންސް މުބާރާތްތައް ފިޔަވައި، ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ކުޅުންތެރިންގެ ގޮތުގައި ބައިވެރިވާ ފަރާތެއްކަމުގައިނުވުން
- ކުޅިވަރުގެ ރިވެތި އަހުލާގަށް ނޭދެވޭ އަސަރެއް ކޮށްދާނެ ފަދަ އެއްވެސް އަމަލެއް، ހަބަރުފަތުރާ ވަސީލަތެއް މެދުވެރިކޮށް، ނުވަތަ އެއްވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމެއް މެދުވެރިކޮށް، ނުކުރުން،
- ގައުމީ ނުވަތަ ބައިނަލްއަގުވާމީ ކުޅިވަރުގެ އިދާރާއަކުން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ފަރާތަކަށް ނުވުން.
ނެޝަނަލް ސްޕޯޓްސް ވެޓަރަންސް އެމްބެސެޑާސްގެ ދަފްތަރުގައި ރަޖިސްޓަރީވުމުގެ އުސޫލު މާދަމާ ގެޒެޓްކުރާނެ އެވެ. އެހާ ހިސާބުން ރަސްމީކޮށް، އުސޫލުގެ ކަންކަން ހުރިހާ ފަރާތަކަށް ވެސް ފެންނާނެ އެވެ. އެ ގޮތުން، އުސޫލުގައިވަނީ ވެޓެރަންސް އެމްބަސަޑަރުންގެ ޒިންމާތަކާއި ލިބޭ މަންފާތަކެއް ވެސް ހިމަނައިފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް