ads
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު
ދައުވާ ރައްދުވާ ފަރާތް އުނިކޮށް އަޒުލުކުރުމާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ފަށައިފި
ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ މަރުހަލާތައް ބަޔާން ކުރާ މާއްދާތައް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން ބަދަލު ކުރުމުން، އެކަން ބާތިލު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި ދުސްތޫރީ މައްސަލަ، މައްސަލަ ރައްދުވާ ފަރާތެއް ނެތް ގޮތަށް ކުރިއަށް ގެންދަން ސުޕްރީމް ކޯޓުގައި މިއަދު ޝަރީއަތް ފަށައިފި އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގުގަންނަވާ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު،  ފަނޑިޔާރު އައިޝާ ޝުޖޫން، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

މައްސަލައިގެ ފުރަތަމަ އަޑުއެހުން ފައްޓަވަމުން، ޝަރީއަތުން އިއުލާން ކުރެއްވީ މި މައްސަލަ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ރައްދުވާ ގޮތަށް ހުށަހެޅި ނަމަވެސް އެ ކަން ބަދަލުކޮށްދިނުމަށް އެދި ބަންޑާރަ ނައިބު ފަހުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. 

މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް އިއުތިރާޒެއް އޮތްތޯ ސުޕްރީމް ކޯޓުން ސާފުކުރިއިރު، މަޖިލީހުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް ވެސް ލިބިފައިވާ ކަން ޝަރީއަތުން ފާހަގަ ކުރެއްވި އެވެ.

ދައުލަތުގެ ބަންޑާރައި ނައިބް މި މައްސަލަ ސުޕްރީމްކޯޓަށް ހުށައެޅީ މިިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އެއާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރިފައެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. 87 މެމްބަރުން ތިބެންޖެހޭ މި ދައުރަށް ބަލާއިރު އެއީ 58 މެމްބަރުންނެވެ. 

އެހެންނަމަވެސް މަޖލީހުން ވަނީ އެ އަދަދު ގުނުމުގައި މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުގުނުމަށް ނިންމާ މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނެެސްފައެވެ. މި ބަދަލު ގެނައީ އައު ސަރުކާރުގެ މަގާމުތަކަށް މަޖިލީހުގެ 6 މެމްބަރަކު މަޖިލީހުން ވަކިވެގެން އެ މަގާމުތަކަށް ދިޔުމުންނެވެ. 

ރައީސް ވަކިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުންވަނީ އަމުރުކުރީ މިދިޔަ ބުރާސްފަތިދުވަހުއެވެ. 

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރުއްވި އަމުރުގައިވަނީ މެމްބަރުންގެ އަދަދު ގުނާނެ ގޮތާ ބެހޭގޮތުން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފް ކަމަށް ދައުލަތުން ތުހުމަތު ކުރާ ހާލަތެއްގައި، އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ.

ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރިފައިވަނިކޮށް އާންމު ކޮމިޓީން މިހާރު ވަނީ، މައްސަލަ ޖެހުނު އިސްލާހުތައް ކުރީގެ މާއްދާއިން އުނިކޮށް، މަޖިލިސް ގަވާއިދުގެ އެހެން މާއްދާއެއްގައި އެކަމާ ގުޅޭ އިސްލާހު ހިމަނަން ފާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް