ads
ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އައިސީޖޭގައި ބަޔާނެއް ދޭން ތައްޔާރުވަނީ
ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ބަޔާނެއް ދޭން ތައްޔާރުވަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅު ވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިއަދު މިނިސްޓަރު ޒަމީރު ވިދާޅުވީ، އިރުމަތީ ގުދުސް ހިމެނޭހެން އިސްރާއިލުން ހިފާފައިވާ ބިންތަކުގައި އެ ގައުމުން އަމަލު ކުރަމުންދާ ގޮތާ މެދު އުފެދިފައިވާ ގާނޫނީ ސުވާލުތަކާ ގުޅޭ ގޮތުން އދ. ގެ އާންމު މަޖިލިހުން އައިސީޖޭގެ އިސްތިޝާރީ ލަފައަކަށް އެދިފައިވާތީ، އެ މައްސަލައިގައި ރާއްޖެއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ޒަމީރު ވިދާޅުވީ ފަލަސްތީނުގެ ސަރުކާރުގެ އެދުމުގެ މަތިން މިދިޔަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު ރާއްޖެއިން އައިސީޖޭއަށް ލިޔުމަކުން ބަޔާނެއް ހުށަހަޅާފައިވަ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މި މަހުގެ 26 ވަނަ ދުވަހު އައިސީޖޭގައި ދިވެހިރާއްޖެ އިން އޯރަލް ސްޓޭޓްމެންޓެއް ދިނުމަށް ތަވާލުކުރެވިފައިވާތީ، އެކަމަށް ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވަމުންދަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން ރާއްޖެއިން ފަލަސްތީނަށް އެއްބާރުލުން ދިނުމުގައި ސާބިތުވެ އޮންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އިޒްރާއީލާ ދެކޮޅަށް ސައުތު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައަށް ވެސް ރާއްޖެއިން ތަދައްހުލުވެފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓްރު ވިދާޅުވީ އެ މައްސަލައިގައި ރާއްޖެއިން ތާއީދު ކުރަނީ ޓޫ ސްޓޭޓް ސޮލިއުޝަނަކަށް ކަމަށެވެ. އޮގޮތުން ރާއްޖެއިން ގަބޫލު ކުރާ ގޮތުގައި ދެ ގައުމު ވަކިވާ ބޯޑަރު އޮންނަން ޖެހޭނީ އިސްރާއީލުން ފަލަސްތީނަށް އަރައިގަތުމުގެ ކުރިން، 1967ގެ ކުރީގެ އަހަރުތަކުގައި އޮންނަ ބޯޑަރަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން މި ގެންގުޅޭ ޕޮޒިޝަންއަކީ ފަލަސްތީނުގެ ސަރުކާރާއި އަރަބި ގައުމުތަކާއި އެހެން ވެސް ވަރަށް ގިނަ ގައުމުތަކާއި ޖަމިއްޔާތަކުން ވެސް ގެންގުޅޭ ކޮމަން ޕޮޒިޝަން. ނަވާރަ ސަތޭކަ ފަސްދޮޅަސް ހަތެއްގެ ބޯޑަރަށް، މި ޕޮޒިޝަންއަކީ ގާތްގަނޑަކަށް ފަލަސްތީނުގެ ހައްގުގައި ހެޔޮއެދޭ ހުރިހާ ފަރާތަކުން ވެސް ގެންގުޅޭ ޕޮޒިޝަން." މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން ކުރީގެ ސަރުކާރުގައި ރާއްޖެއިން ފަލަސްތީނަށް ހަދިޔާކުރަން ނިންމާފައިވާ ދެ މިލިއަން މަސްދަޅު އަދިވެސް ފަލަސްތީނަށް ފޮނުވޭ ގޮތް ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ނަމަވެސް މިސްރުގެ ސަރުކާރާ މަޝްވަރާކޮށްގެން ފަލަސްތީނުގެ ރައްޔިތުންނާ ހަމައަށް މަސްދަޅުތައް ފޯރުކޮށްދިނުމަށް މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް މިނިސްޓަރު މައުލޫމާތު ދެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް