ads
އަންހެން ވިޔަފާރިވެރިންނަށް ހާއްސަ ލޯނަކާއި ލީޒިން ސްކީމެއް
ދިވެހި އަންހެނުންނަށް ހާއްސަކޮށްގެން އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން "ފަށާ މަދަދު" ލޯނާއި "ފަށާ މަދަދު ލީޒިން" ސްކީމް ތައާރަފުކޮށްފި އެވެ.
Advertisement

އެސްޑީއެފްސީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އެ ލޯނު ތައާރަފް ކުރުމަށް ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ އޮޑިޓޯރިއަމްގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

"ފަށާ މަދަދު" ލޯނުން، އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ކޮންވެންޝަނަލް ބޭންކުތަކުން ހިދުމަތް ލިބިދިނުމުގައި ދަތިތައް ދިމާވާ އަންހެން ވިޔަފާރިވެރިންނަށް ފައިނޭންސް ކޮށްދޭނެ އެވެ. އޭގެ ދަށުން އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް އަހަރަކު ހަ އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދޫކުރާނެ އެވެ.

މި ލޯނަށް ގިނަވެގެން އެއް އަހަރުގެ ގްރޭސް މުއްދަތެއް ލިބޭނެ ކަމަށާއި، ހަތް އަހަރަށް ބަހާކައިގެން ލޯނު އަނބުރާ ދެއްކޭނެ ކަމަށް އެސްޑީއެފްސީން ބުނެ އެވެ.

މީގެއިތުރުން "ފަށާ މަދަދު ލީޒިން" ގެ ނަމުގައި ތައާރަފްކުރި ސްކީމަކީ ދިވެހި އަންހެނުންގެ ތެރެއިން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި ގޭގައި މަސައްކަތްކުރާ ފަރާތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ހަރުމުދާ ގަތުމަށް ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަގްސަދުގައި ތައާރަފްކުރި ސްކީމެކެވެ.

އެ ސްކީމްގެ ދަށުން އަހަރަކު އަށް އިންސައްތައިގެ އިންޓްރެސްޓެއްގައި ލީޒިން ފައިނޭންސްގެ ގޮތުގައި 10،000 ރުފިޔާއާއި 100،000 ރުފިޔާއާއި ދެމެދު ހަރުމުދާ ގަނެދެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ސްކީމް މެދުވެރިކޮށް ހޯދައިދޭ މުދަލަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތަކީ ގިނަވެގެން ހަ މަސް ދުވަހެވެ.

އެސްޑީއެފްސީން ދޫކުރާ މަދަދު ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާނީ މާޗް މަހުގެ ތިން ވަނަ ދުވަހު އެވެ. އަދި ފަށާ މަދަދު ލީޒިންއަށް އެދި ހުށައެޅުމުގެ ފުރަސަތު ވެސް ފެށޭ މަހުގައި ހުޅުވާލާނެ ކަމަށް އެސްޑީއެފްސީން ވަނީ ބުނެފަ އެވެ.

އަންހެނުންނަށް ހާއްސަކޮށްގެން އަލަށް ތައާރަފްކުރި 100 މިލިއަން ރުފިޔާގެ ލޯނު އަދި ލީޒިން ސްކީމަކީ ހަފްތާ 14ގެ ވައުދު ފުއްދުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް