
މިނިސްޓަރު ވަނީ އައްޑޫ ސިޓީއަށް ޒިޔާރަތް ކުރައްވައި އައްޑޫގައި ތިބި ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުންނާއި ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރައްވާފަ އެވެ.
އެ ބައްދަލުކުރެއްވުމަށްފަހު ދައުލަތުގެ މީޑިއާއަ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތައް ތަރައްގީކުރުމަށް ކުރީގެ ސަރުކާރުތަކުން އެދެވޭގޮތެއްގައި މަގުފަހިކޮށްދެއްވާފައި ނުވާ ކަމަށެވެ. އެގޮތުން ބިން ދޫކުރި ނަމަވެސް އެ ބިން ތަރައްގީ ކުރުމަށް މާލީ ދަތިތަކެއް ހުރި ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެހެންކަމުން އެ ބިންތައް ތަރައްގީކުރުމަށް ބޭނުންވާ ފަންޑު ހޯދައިދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓްރުގެ އައްޑޫ ދަތުރުގެ ތެރެއިން "އައްޑޫ އައްސޭރި ޓުއަރިޒަމް ޑިވަލޮޕްމެންޓް ޕްލޭން" ވެސް ވަނީ އިފްތިތާހް ކޮށްފަ އެވެ.
އެ ކަމާގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އައްޑޫ އައްސޭރި ޓުއަރިޒަމް ޕްރޮޖެކްޓަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެއްކަމުން، އެމަނިކުފާނުގެ އިރުޝާދާ އެއްގޮތަށް އެމަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.