ads
ރޯދައަށް ހަނދު ބެލުން މާޗް މަހުގެ 10 ވަނަ ދުވަހު އޮންނާނެ
މިއަހަރުގެ ރޯދައަށް ހަނދު ބެލުން މާޗް މަހުގެ 10 ވަނަ ދުވަހު އޮންނާނެ އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު އިއުލާނެއްގައި ބުނީ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ރޯދަމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ރޯދަމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރި މަތީގައި ކަމަށެވެ.

ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި ދިއުމުގެ ހަރަދު ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އަދި އަތޮޅުތަކުގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރި މަތީގައި ކަމަށާއި މެޖިސްޓްރޭޓެއް ނެތް ރަށެއްގައި ނަމަ އެވަގުތަކު ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައި ކަމަށް ޑީޖޭއޭއިން ވަނީ ބުންޏެވެ. 

ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު ގާތްގަޑަކަށް ހަނދު ހުރި އުސްމިނާއި މިސްރާބާއި އަދި މި ނޫން ވެސް މިފަދަ މުހިންމު މައުލޫމާތު ދޭން ޖެހެ އެވެ.

ޑީޖޭއޭ އިން ބުނީ ރޯދަ މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 10 މާރިޗު ވާ އާދީއްތަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި ރަށު ކައުންސިލްގެ އިދާރާތަކާއި އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށް ބުންޏެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރު ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ މާޗު 11 ގަ އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް