މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފެށީ މި މަހުގެ 17 ވަނަ ދުވަހުގައެވެ. މި މަސައްކަތަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއާއި، ދިވެގު ފުލުހުންގެ ހިދުމަތާއި، މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މި ޕްރޮގުރާމުގެ ދަށުން މިހާތަނަށް 108 އުޅަނދެއް މަގުމަތިން ނަގާފައިވާކަމަށާއި މީގެ ތެރޭގައި ބައު ހަލާކުވެފައިވާ ކާރާއި ޕިކަޕު ހިމެނެއެވެ.
އަދި އޭގެތެރެއިން ބައެއް އުޅަނދު، ފުޑުކޮށްލުމަށްފަހު ތިލަފުއްޓަށް މިހާރު ގެންގޮސްފައިވާކަމަށާއި މި ހަފްތާތެރޭ ބާކީ ހުރި ހުރިހާ އުޅަނދެއް ތިލަފުއްޓަށް ގެންދެވޭނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ފުރަތަމަ ބައިގައި ކުރިއަށް ގެންދަނީ މާލޭގެ އެކި ހިސާބުތަކުގައި ޕާކްކޮށްފައި ހުރި ގިނަ ދުވަސްވެފައިވާ ވެހިކަލްތަކުގެ ތެރެއިން 4 ފުރޮޅުލީ ވެހިކަލްތައް ނައްތާލުމުގެ މަސައްކަތެވެ. އަދި މި ޕްރޮގްރާމުގެ ދަށުން އަމިއްލައަށް އެދިގެން، އުޅަނދުތައް ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ހުޅުވާލާފައިވެއެވެ.
ޓްރާންސްޕޯޓް ގޮތުގައި މިޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މާރިޗު 3 ވަނަ ދުވަހުގެ ނިޔަލަށެވެ.
މާލޭގެ މޭޔަރުކަމުގެ ހުވާކުރެއްވުމަށްފަހު އާދަމް އާޒިމް މިއަދު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ މާލެ ސަރަހައްދުގައި ދުއްވޭނެ އެއްގަމު އުނޅަދުގެ އަދަދު ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ކަނޑައަޅާނެ ކަމަށެވެ.
މޭޔަރު ވިދާޅުވީ މާލޭގައި ހުރި ގަރާޖުތަކުގެ މައްސަލަތައްވެސް ހައްލުކުރަން ޖެހިފައިވާ ކަމަށާއި މިކަމަށް ރަނގަޅު ހައްލެއް ގެނައުމުގެ މަސައްކަތް ބޮޑު އިސްކަމެއް ދީގެން ކުރައްވާނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ވެހިކަލް ގިނަވާތީ އެ މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ޓްރާންސްޕޯޓް މިނިސްޓްރީންވެސް ވަނީ ހާއްސަ ކޮމިޓީއެއް މިދިޔަ ޑިސެންބަރު 27 ވަނަ ދުވަހު އެކުލަވާލާފަ އެވެ. މި މައްސަލަތައް ހައްލުކުރުމަށްޓަކައި ބޭރުގެ ފަންނީ ބޭފުޅުންނާ ގުޅިގެން ކަމާ ގުޅޭ ދިރާސާއެއް ހެދުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
މާލޭ ސަރަހައްދުގައި ދުއްވޭނެ އެއްގަމު އުނޅަދު ފަހަރުގެ އަދަދު ކަނޑައެޅުމުގެ މަސައްކަތްތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ކުރެއްވި އެވެ.