ads
ފުވައްމުލަކުގައި ކަނޑުމަތީގެ ސަލާމަތާ ގުޅޭ ޕްރޮގްރާމެއް ހިންގައިފި
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މެރިން ޕޮލިހުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފުވައްމުލައް ސިޓީގައި ފަށައިފި އެވެ.
Advertisement

ހޯމަ ދުވަހު ފެށި މި ޕްރޮގްރާމްގައި ފުރަތަމަ މައުލޫމާތު ދީފައިވަނީ ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ ފުލުހުންނަށާއި ރަށު ކައުންސިލުގެ މުވައްޒަފުންގެ އިތުރުން ރަށުގެ ކަމުވޮށިގެންވާ ފަރާތްތަކަށް ކަމަށް ފުލުހުންގެ އިދާރާއިން ބުނެ އެވެ.

ފުލުހުން ބުނީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އަދި އެ ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރާނެ ގޮތް، ކަނޑުމަތީގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތައް، ކަނޑު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި އެ ގަވާއިދުތަކަށް އަމަލުކުރުމުގައި ހާއްސަ ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން ސަމާލުކަންދޭންޖެހޭ ކަންކަމާއި ކަނޑު އުޅަނދަކުން ދަތުރުކުރާއިރު އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

ފުވައްމުލައް ސިޓީގައި ހޯމަދުވަހުން ފެށިގެން މާދަމާ އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި، ކަނޑު އުޅަނދުފަހަރު ދުއްވާ މީހުންނާއި އުޅަނދުފަހަރުގެ ވެރިންނާއި، ސްކޫލުތަކުގެ މުދައްރިސުންނާއި ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

your imageފުލުހުން ފުވައްމުލަކު ރައްޔިތުންނައް މައުލޫމާތު ދިނުމުގެ ތެރެއިން

މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް ދިވެހި ރާއްޖޭގެ ކަނޑުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމާއި ކަނޑުމަތީގައި ދިމާވާ އެކްސިޑެންޓުތަކާއި ހާދިސާތަކުގައި މީހުންނާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ކަނޑު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ތަބާވާ އަދި ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ބަޔަކަށް ހެދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ފުލުހުން ބުނެ އެވެ.

މިޕްރޮގްރާމްގައި މެރިން ޕޮލިހާއެކު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަދި އެލައިޑް އިންޝުއަރެންސް ކުންފުނީގެ ބޭފުޅުން ވެސް މައުލޫމާތު ދެއްވާނެކަމަށް އެ  ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް