ads
އީސީން ކެންޑިޑެސީ ބަލައިނުގަތް އަފްނާނަށް ފުރުސަތު ދޭން ހުކުމްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި އާއިޝަތު އަފްނާންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަކަށް ނޫން ކަމަށް ކަނޑައަޅައި، ވާދަކުރުމުގެ ފުރުސަތު ދިނުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ކޯޓުން މިގޮތަށް ހުކުމް ކުރީ މަޖިލިސް އިންތިޚާބުގައި ވ. ކެޔޮދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި އާއިޝަތު އަފްނާން އަލީގެ ފޯމު ބަލައިނުގަތުމުން އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި ވަނީ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސްއިން ނިންމީ ޤާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.

އިލެކްޝަންސްއިން އޭނާގެ ކެންޑިޑެސީ ގަބޫލު ނުކުރި ސަބަބެއް ކަމަށް ބުނެފައިވަނީ އަފްނާންގެ ރަސްމީ އެޖެންޓުގެ ކުށާއި ދަރަނީގެ ރެކޯޑު ފޯމާއެކު ހުށަހަޅަންޖެހޭ ބައެއް ތަފްސީލްތައް ހުށަހަޅާފައިނުވާތީކަމަށެވެ. އެގޮތުން ފެމިލީ ކޯޓުގައި ކުށުގެ ރެކޯޑު ހުރިކަމަށް ބަޔާންކުރި ނަމަވެސް އެކަމުގެ ތަފްސީލު ހުށަހަޅާފައިނުވާކަމަށް އިލެކްޝަނުން ބުނެއެވެ. ނަމަވެސް ފެމިލީ ކޯޓަށް ދައްކަން ޖެހޭ ފައިސާ ދައްކާ ހަލާސްކުރުމަށްފަހު އިލެކްޝަންސްއަށް ރަސީދު ހުށަހެޅިކަމަށް އަފްނާން ބުނެއެވެ. 

ސުޕްރީމް ކޯޓުން މައްސަލަ ބެލުމަށް ފަހު، މިއަދު ނެރުނު ހުކުމުގައި ވަނީ އަފްނާނުގެ ފޯމުގައި، އޭނާގެ ރަސްމީ އެޖެންޓުގެ ދަރަންޏެއް ނެތް ކަމަށް ބުނާ ފެމިލީ ކޯޓުގެ ތަތްގަނޑާއެކު އެޓޭޗުމަންޓެއް ހިމަނާފައިވާއިރު އޭގައި މައުލޫމާތު މަދުކަން ޔަގީން ކުރަން އިލެކްޝަނުން މަސައްކަތް ކުރި ކަން ބެލެވެން ނެތް ކަމަށެވެ.

އެެ ކޮމިޝަނުން މަސައްކަތް ކުރި ނަމަ، މުއްދަތު ހަމަވުމުގެ ކުރިން މައުލޫމާތު ހަމަ ކުރުމަށް ކެންޑިޑެސީ ހުށަހެޅި ފަރާތަށް އަންގަން ފުރުސަތު ލިބޭނެ ކަމާއި، މައުލޫމާތު ހަމަނުވާ ކަން ޔަގީންކުރުމަށް ފަހު ކެންޑިޑެސީ ބާތިލް ކުރި ކަމަށް ވެސް ނިންމޭނެ ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ސުޕްރީމް ކޯޓުން މި ހުކުމް ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ، ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް