ads
ގިނަ ދުވަސްވީ އުޅަންދުތައް ނައްތާލުމުގެ ތެރެއިން
މަގުތަކުގައި ހުރި ދުވަސްވީ އުޅަނދުތައް ނެގުމުގެ ފުރަތަމަ ބުރު ނިންމާލައިފި
މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނެގުމުގެ ފުރަތަމަ ބުރު ނިންމާލައިފި އެވެ. މިބުރުގައި 158 އުޅަނދު ވަނީ ނަގާފަ އެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނަގާ ނައްތާލުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 17 ގައި އެވެ. 

މި މަސައްކަތަކީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީ ، ދިވެހި ފުލުހުންގެ ޚިދުމަތް އަދި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމުގެ ފުރަތަމަ ބައިގައި މާލޭގެ އެކި ހިސާބުތަކުގައި ޕާކްކޮށްފައި ހުރި ގިނަ ދުވަސްވެފައިވާ ވެހިކަލްތަކުގެ ތެރެއިން 4 ފުރޮޅުލީ ވެހިކަލްތައް ނަގާ ނައްތާލުމުގެ މަސައްކަތްވަނީކޮށްފައެވެ. 

އަދި މި ޕްރޮގްރާމުގެ ދަށުން އަމިއްލައަށް އެދިގެން، އުޅަނދުތައް ނައްތާލަން ބޭނުންވި ފަރާތްތަކަށް އެފުރުސަތު ވެސް ވަނީ ދީފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ޕްރޮގުރާމުގެ ދަށުން މަގުމަތިން ނެގި އުޅަނދުތަކުގެ ތެރޭގައި ބައުވެ ހަލާކުވެފައިވާ ކާރާއި ޕިކަޕު ހިމެނޭ ކަމަށެވެ.

 

އަދި އޭގެތެރެއިން ބައެއް އުޅަނދު، ފުޑުފުޑުކޮށްލުމަށްފަހު ތިލަފުއްޓަށް މިހާރު ގެންގޮސްފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ ދެން ކުރިއަށްދާނީ ވެހިކަލްތައް ނެގުމުގެ މަސައްކަތުގެ ދެވަނަ ބައި ކަމަށެވެ. ދެވަނަ ބައިގައި ނެގުމަށް ހަމަޖެހިފައިވަނީ މާލެއާއި ހުޅުމާލޭގެ މަގުމަތީގައި ބަހައްޓާފައިހުރި ރަޖިސްޓްރީނުކުރާ ވެހިކަލްތައް ކަމަށާއި މި ވެހިކަލްތައް ނެގުމަށްފަހު، ރަޖިސްޓްރީ ކުރެވެންދެން ބިމެއް ކަނޑައަޅާ، އެ ބިމަށް ވެހިކަލް ގެންދެވޭނެ އުސޫލު ކަނޑައަޅާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ގިނަ ދުވަސްވެފައިވާ ވެހިކަލްތައް މަގުމަތިން ނަގާ ނައްތާލުމުގެ މަސައްކަތެއް ކުރިއަށްގެންދިޔުމުގެ މަޤުސަދަކީ މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ވެހިކަލް ޕާކުކޮށްފައި ހުރުމުން މާލެ ތެރޭ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްކަމަށާއި ތޮއްޖެހުމުން ދިމާވާ އެކްސިޑެންޓުތައް މަދުކުރުމުކީވެސް މިޕްރޮގުރާމުގެ އެއް މަގުސަދުކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް