އިންޑިއާގެ ސުޕްރީމް ކޯޓުން ފާހަގަކުރި ގޮތުގައި، ކޭންސަރު ބައްޔަށް ފަރުވާކުރުމަށް ބޭނުންކުރާ މުހިންމު ބޭސްތައް ހޯލްސޭލްކޮށް ލިބެން ހުންނަ އަގަށްވުރެ 10 ގުނަ އަގުބޮޑުކޮށް ރީޓޭލް މާކެޓުގައި ދަނީ ވިއްކަމުންނެވެ. މިގޮތަށް ބޭހުގެ އަގު އިންތިހާއަށް ބޮޑުކޮށްގެން ވިއްކުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ވަނީ ސާފުކޮށް ކަނޑައަޅައިފަ އެވެ.
ޚާއްޞަކޮށް ބޮޑެތި ހޮސްޕިޓަލްތަކުން ބޭހުގެ އަގަށް ބޮޑެތި އިންސައްތަތަކެއް އިތުރުކޮށްގެން ނުވަތަ ބޮޑު މާކްއަޕެއް ނަގައިގެން ވިއްކާ މައްސަލައަށް ކޯޓުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ހޮސްޕިޓަލްތަކުން ފައިދާ ނަގާ މިންވަރު ކޮންޓްރޯލްކޮށް، ބޭހުގެ އަގުތައް ވަކި އިންތަކެއްގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި ސަރުކާރުން ހަރުކަށި ގަވާއިދުތަކެއް އެކުލަވައިލުމަށް ސުޕްރީމް ކޯޓުން ވަނީ އެދިފައެވެ.
މި މައްސަލައިގައި ކޯޓުން ދީފައިވާ އިންޒާރާއެކު، ބޭސް އުފައްދާ ކުންފުނިތަކުންނާއި ހޮސްޕިޓަލްތަކުން އާންމުންގެ އަތުން ނަގަމުންދާ ނާޖާއިޒު ފައިދާތައް ހުއްޓުވުމަށް ސަރުކާރުން ޚާއްޞަ އުސޫލުތަކެއް އެކުލަވައިލާނެ ކަމަށް ބެލެވެ އެވެ.