އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ސޮއި ކުރައްވާ ކެނދިކުޅުދޫ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ތުހުމަތުކޮށްފައި އޮތީ، ރަސްމީ ދަތުރެއްގައި ރައީސް ކެމްޕެއިން ކުރުން ކުށްވެރި ކުރުމަކީ އެމަނިކުފާނުގެ ޒިންމާ އަދާ ކުރަން ކައުންސިލުން ހުރަސް އެޅުން ކަމަށެވެ.
ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލް ކުރަން އެލްޖީއޭއިން އެނގުމުން އެކަން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ކައުންސިލްތަކުން ނެރޭ ބަޔާންއް އަނބުރާ ގެންދަން އެންގުމާއި ކައުންސިލްތަކުން ނިންމާނިންމުންތަކާއިމެދު ބިރު ދެއްކުމުގެ ނިޔަތުގައި އެލްޖީއޭއިން މެދުވެރިކޮށް ސުވާލު ކުރުމަކީ އަލުން އަނެއްކާވެސް 2013 ގައި އުފެދުނު ޕީޕީއެމްގެ ވެރިކަމުގައި ކައުންސިލްތަކަށް ރައްޔިތުން އިންތިހާބުކޮށްފައިވާ ކައުންސިލަރުންގެ މުސާރަ އުނިކޮށް، ސަސްޕެންޑްކޮށް ކައުންސިލަރުންގެ ބާރު އަނެއްކާވެސް ކަނޑުވާލުމުގެ ފިކުރު ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެ ސިޔާސަތުތައް އިޔާދަކުރުމަށް ކުރަމުންދާ ކަމެއްކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.
"އެޓޯލްސް" މިނިސްޓްރީ މެދުވެރިކޮށް ކައުންސިލްތަކަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށާއި އެ މިނިސްޓްރީ އުވާލުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލާފައިވާއިރު، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެ ކަމަށް ޚާއްޞަ މިނިސްޓްރީ އާއި ރައްޔިތުންގެ މަދަނީ ހައްގުތައް ރައްކާތެރިކޮށްދިނުމާ ގުޅޭ އިދާރާ އުފެއްދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މިކަން އެ މަނިކުފާނު ހާމަކުރެއްވުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ވެސް އޭރު ފާޅުކުރިއެވެ. އެހެން ނަމަވެސް "ކައުންސިލް މިނިސްޓްރީ" އުފައްދަވާނީ އެހެން އިދާރާތަކުގެ މަސްއޫލިއްޔަތާ ފުށުނާރާ ގޮތަށް ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ކެނދިކުޅުދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ވަޑައިގެން، ކައުންސިލުގެ ރުހުން ނެތި، ކައުންސިލުން އިންތިޒާމުކޮށް ކުރިއަށް ގެންދިޔަ ހަރަކާތްތައް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިފަވާ ގޮތަށް، ރައީސް ބައިވެރިވެޑައިގެންނެވި ހަފުލާގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.
ރައީސް ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފުލާ ވަކި ހިސާބަކުން ރައީސް އާއި އެމަނިކުފާނުގެ ކެބިނެޓުގެ ބައެއް ބޭފުޅުން ދެއްކެވި ވާހަކަފުޅުގެ މިސްރާބު ބަދަލުވެގެންދިޔައީ ސިޔާސީ ޕޯޑިއަމެއްގައި ރައީސް ނިސްބަތްވާ ސިޔާސީ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ދެއްކެވި ވާހަކަފުޅަކަށް ކަމަށްވެސް ބަޔާނުގައިވެ އެވެ.