މިއަދު ނޫސްވެރިނާއި ބައްދަލު ކުރައްވާ ފުލުހުންގެ ފަރާތުން މައުލޫމާތު ދެމުން ބުނީ އެ އިދާރާއަށް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އާރްޑީސީގެ ފައިސާގެ ހިޔާނާތާއި ބެހޭ މައްސަލަ އެއް ހުށަހެޅިފައި ވުމުން އެކަމާއި ގުޅިގެން ކުރިޔަށް ގެންދަން ޖެހޭ ތަހުގީގުތައް ކުރަމުން ދާކަމަށެވެ.
މި މައްސަލަގައި 3 މީހެއްގެ އެކައުންޓަށް 14 މިލިއަންއަށް ވުރެން ގިނަ ފައިސާ އާރްޑީސީއިން ފޮނުވާފައިވާ ކަމަށާއި މީގެ އިތުރުން ސަރުކާރުގެ އިސްވެރިންގެ އެކައުންޓަށް އަދި އާރްޑީސީގައި މަސައްކަތް ކުރާ އެހެން މުވައްޒިފުންގެ އެކައުންޓަށް ފައިސާ މި 3 މީހުން ފޮނުވާފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
އާރްޑީސީގެ އެކައުންޓުން އެތަނުގެ އެއް މުވައްޒަފުގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ޓްރާންސެކްޝަންތަކުގެ ހަގީގަތް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު 14 ގައި ބައެއް ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެފަދަ މައްސަލަތައް ތަހުގީގު ކުރުމަކީ އުނދަގޫ މައްސަލައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން 160 ހާސް ރުފިޔާ ކުންފުންޔާ ގާތް ގުޅުމެއް ބާއްވާ ފަރާތެއްގެ އެކައުންޓަށް ފޮނުވާ ލެވިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން 3 ތަނެއް ބަލާ ފާސް ކުރިކަމަށާއި އެ ތަންތަނުން ބޭނުންވާ އެތަށް ބައިވަރު ޑޮކިއުމަންޓުތަކެއް ފެނިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މި މައްސަލަގައި މައިގަނޑު ހިމެނެނީ 3 ފަރާތެއް ކަމަށް އެ އިދާރާއިން ބުނެ އެވެ. މީގެ އިތުރުންވެސް މި މައްސަލަގައި އާރްޑީސީގެ 10-15 ވަރަކަށް ސްޓާފުން ހިމެނޭ ކަމަށް ފުލުހުން ބުނި އެވެ.
ފުލުހުން ބުނި ގޮތުގައި ހިޔާނާތުގެ ތުހުމަތު އޮތް މި މައްސަލައިގެ ތަހުގީގަށް ގިނަ ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. އެއީ މައްސަލާގައި ޝާމިލުވާ މީހުންގެ އަދަދު ގިނަ ވުމާއި ފައިސާ ދައުރު ކޮށްފައިވާ މިންވަރު ގިނަވުމެވެ. މި މައްސަލައިގެ ތުހުމަތު ގައި މަނީ ލޯންޑާ ކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.
މި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކާ ސުވާލު ކޮށްފައި ނުވާ ކަމަށާއި އެ ތުހުމަތުތައް ކޯޓެއްގައި ސާބިތު ކުރެވޭ ވަރަށް ހެކި ހުރިކަން ނޭނގޭ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
ނޫސްވެރީންގެ ބައްދަލްވުމުގައި އޭސީސީން ބުނީ އެ ކޮމިޝަނުން މައްސަލަ ބަލަން ފެށީ ދައުލަތުގެ އިދާރާއަކުން އެކަން ހުށައެޅުމުން ކަމަށެވެ. އެ ގޮތުން އާރުޑީސީގެ އެކައުންޓުން އަމިއްލަ އެކައުންޓްތަކަށް ފައިސާ ޖަމާކޮށް ބޭނުންކޮށް ހިޔާނާތްތެރިވާ ކަމުގެ މައްސަލަ އެ ކޮމިޝަނަށް ހުށައެޅިފައިވާ ކަމަށެވެ.
ރައީސް ސޯލިހްގެ ސަރުކާރުގައި އާރުޑީސީ ގައި ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ހިނގަމުންދިޔަ ކަމަށް ފަޅާ އަރުވާލި އެވެ. އެ ކުންފުނީގެ ވެރީންގެ މައްޗަށް ހިޔާނާތުގެ ތުހުމަތު އޭރުއްސުރެ އޮތެވެ.
ކުންފުނީގެ މުވައްޒަފުންނާއެކު ބޭއްވި ވަދާއީ ހަފްލާގައި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި މޫސާ އަލީމަނިކު (މޫކޭ) ވަނީ އޭނާގެ ބެލުމުގެ ދަށުގައި އޮތް އޭނާ މެނޭޖިން ޑިރެކްޓަރުކަމުގައި ވެސް ހުންނެވިއިރު، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގައި މަސްއޫލިއްޔަތު އަދާ ކުރުމުގެ ތެރެއިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ ބަލައި ކުށްވެރިވާ ކަމެއް އޮތް ނަމަ އިންސާފު ހޯދައިދިނުމަށް އެދިވަޑައިގެންފަ އެވެ.
މޫކޭ ވިދާޅުވީ ކުންފުނީގެ މަސްއޫލިއްތު އަދާ ކުރުމުގެ ތެރެއިން ބަދުނާމު އަޅުވައި ތުހުމަތު ކުރެވުނު ތިޖޫރީ އާއި 13 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ބަލައި އޭނާ ކުށްވެރިވާ ކަމެއްވާ ނަމަ އިންސާފު ހޯދައި ދިނުމަށް ރައީސްގެ ކިބައިން އެދޭ ކަމަށެވެ.
އާރުޑީސީގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ފައިސާ ވަންނަ ކަމުގެ ތުހުމަތު ނިމުނު ސަރުކާރުގެ ވަރަށް ކުރީކޮޅު ކުރެވެން ފެށި އެވެ. އޭރު، އެ ކުންފުނިން ބުނީ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވަނީ ޕެޓީކޭޝްގެ ގޮތުގައި މުވައްޒަފުންނަށް ދޭ ފައިސާ ކަމަށެވެ. މިގޮތުން އެ ކުންފުނީގެ ފައިނޭންސް ޑިޕާޓްމެންޓުގެ ތިން މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް އޭރު ވެސް ތުހުމަތު އޮތެވެ.