ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރޯދަ މަހު ފެނާ ކަރަންޓް ބިލް ބޮޑު ނުވާ ގޮތް ހަދައިފިން: ރައީސް
ރޯދަ މަހު ކަރަންޓާއި ފެނުގެ ބިލް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިރޭ ވިދާޅުވީ ރޯދަ މަހަކީ އާންމުކޮށް ވެސް ކަރަންޓް ބިލާއި ފެން ބިލު ބޮޑުވާ މަހެއް ކަމަށެވެ. ނަމަވެސް މިއަހަރުގެ ރޯދަ މަހުން ފެށިގެން ދެން ރޯދަ މަހު ބިލްތައް ބޮޑު ނުވާނެ ކަމަށެވެ.

"އާންމު މަހެއްގަ އެހުންނަ ރޭޓުގަ ކެޕްކޮށްފަ، މާނައަކީ ކުރިން ހުންނަ ވަރަށް، އާންމު މަހެއްގަ ހުންނަ ވަރަށް ކަރަންޓު ބިލާ ފެންބިލާ ހުންނާނީ،" ބ. އޭދަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސްޓެލްކޯ އިން ފެނުގެ ހިދުމަތް ދެމުން އަންނަ ރަށްރަށުން ނަގަމުން އަންނަ 30ރ. ޗާޖް އުވާލުމަށް ވެސް އެ ކުންފުންޏަށް އަންގަވާފައިވާނެ ކަމަށެވެ.

"މިފަދަ ލުއިތައް ރައްޔިތުންނަށް ދިނުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް. ރައްޔިތުން ތިބީ ވަރަށް ހާލުގައި. ރާއްޖޭގެ އިގުތިސޯދު އޮތީ ވަރަށް ހާލުގައި. އިގްތިސޯދުގައި ބުންވަރު ޖައްސަމުން ރައްޔިތުންނަށް ލުއި ދެވޭތޯ މި ބަލަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ އަދި ފުށް ބަސްތާއެއް ހަދިޔާ ކުރާނެ ކަމަށާއި އެއީ ވެސް ރައްޔިތުންނަށް ކޮންމެ ވެސް މިންވަރެއްގެ އެހީތެރިކަމެއް ދިނުމަށް ކުރާ ކަމެއް ކަމަށެވެ. 

މި ފެށޭ ހަފްތާގައި އެ މަސައްކަތް ފެށޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރޯދަމަހު ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު، ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ގޭބީސީއަކަށް 10 ކިލޯ ހަނޑޫ އަދި 10 ކިލޯ ފުށް ހަދިޔާ ކުރެއްވުމަށް ނިންމަވާފަ އެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފުށާއި ހަނޑުލުގެ ޝިޕްމަންޓްތައް ރާއްޖެ ލިބި، ކައުންސިލްތަކުން އެ ތަކެތި ބެހުމުގެ މަސައްކަތް ފައްޓަވާނެކަމަށެވެ. އަދި މިއީ މި އެހީ ބެހުމުގައި ފަގިރުންނާއި ނިކަމެތިންނަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް