މާއްޑޫއަކީ މީގެ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެކަމަކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި ފެށި އެއްފަސްކުރުމުގެ މަސައްކަތުގެ ދަށުން، މާއްޑޫގައި ދިރިއުޅުނު މީހުން އޭދަފުއްޓަށް ބަދަލުކުރީ އެވެ.
އޭދަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖެއްސުމަކީ ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދެއް ކަމަށާއި އެ ވައުދާ އެއްގޮތަށް މާއްޑޫ، އޭދަފުއްޓާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށެވެ.
މި ހަފުތާގެ ތެރޭގައި އެކަމުގެ ލިޔުންތައް އޭދަފުށީ ކައުންސިލްއާ ހަވާލުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭރަށް އެ ރަށުގެ ބޭނުން އޭދަފުށީ ރައްޔިތުންނަށް ހިފޭނެ ކަމަށާއި އެތަނުގައި ބޯހިޔާވަހިކަމާއި އެހެން މަޝްރޫއުތައް ވެސް ހިންގޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އޭދަފުށްޓަކީ މިސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ހަތް އާބަން ސެންޓަރުގެ ތެރޭގައިވެސް ހިމެނޭ ރަށެއް ކަމަށެވެ. އެހެންކަމުން މިސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އެންމެ އިސްކަންދޭ ރަށްތަކުގެ ތެރޭގައި އޭދަފުށި ހިމެނޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އޭދަފުށީގެ ތަރައްޤީއަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގެވުމާއި ރަށުގެ ސިއްހީ އަދި ތައުލީމީ ނިޒާމު ކުރިއެރުވުމަށްވެސް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށެވެ. އަދި ރަށުގެ އިތުރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވުމާއެކު ޖުމްލަކޮށް ސަރުކާރުން ވައުދުވީ ހުރިހާ ކަންކަމެއް އެ ރަށަށް ފުއްދަވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.