ads
ވެލްފެއާ ފޯ އައިލެންޑް ކެޓްސް އިން ސަލްމާން މިސްކިތް ކައިރި ބެހެއްޓި ކެޓްހައުސްތައް - ފޮޓޯ: ވީއައިސީ
ސަލްމާން މިސްކިތް ކައިރީގައި އުޅޭ ބުޅާތަކަށް ގެތަކެއް އަޅައިދީފި
ސަލްމާން މިސްކިތް ކައިރި އުޅޭ ބުޅާތައް ޝެލްޓާ ވާނެ ގޮތެއް ހަމަޖައްސައިދިނުމުގެ ގޮތުން ވެލްފެއާ ފޯ އައިލެންޑް ކެޓްސް (ޑަބްލިއުއައިސީ) އިން ގެތަކެއް އަޅައިދީފި އެވެ.

މިކަމާއި ގުޅި އެ ޖަމިއްޔާގެ ރަސްމީ ޓްވީޓާ އެކައުޓުގައި ބުނެފައިވަނީ އެ ޖަމިއްޔާއިން ރަސްމީ އިދާރާތަކުގެ ޖަވާބު ހޯދުމަށް އެއްމަސް މަޑު ކުރުމަށް ފަހު އެ ޖަމިއްޔާއިން މިހާރު ސަލްމާން މިސްކިތް ކައިރީގައި ބުޅާތަކަށް ހާއްސަ ކޮށްގެން ގެތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

ހުކުރު ދުވަހު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުދި 2 ބުޅާ މަރުވެފައިވާ ކަމަށާއި ދެން އެކަން އެހެން ވިޔަ ނުދިނުމަށް އެ ޖަމިއްޔާގެ ފަރާތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ނިންމާފައި ވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. 

ސަލްމާން މިސްކިތާއި ކާނިވާ ސަރަހައްދާ ދެމެދު އޮންނަ ޕާކިން ލޮޓަކީ ގިނަ އަދަދަކަށް ބުޅާ ޖަމާވެ ދިރިއުޅޭ ސަރަހައްދެކެވެ. އެގޮތުން ގިނަ އަދަދެއްގެ ބުޅާ ވިހާ، އެ ސަރަހައްދުގައި ދިރިއުޅޭ ބުޅަލުގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. 

ހުރިހާ ވަގުތަކު ވެސް ސިއްހީ ހިދުމަތް ލިބޭނެހެން ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅިފައި އޮތް ފަރުކޮޅުފުށީގައި ޕެޓް ކެއާ ފެސިލިޓީއެއް ގާއިމު ކުރަން ނިންމާ ޖެނުވަރީ މަހުގެ 11 ވަނަ ދުވަހު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށް ބިން ހަވާލުކޮށްފަ އެވެ.  

މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން ޕެޓް ފެސިލިޓީގެ މަސައްކަތް ކުރަމުން އަންނައިރު ހުޅުމާލޭގައި ވަގުތީ ކެޓް ޝެލްޓަރެއް އެޅުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. 

އެ ސެންޓަރު އެޅުމަށް ބޭނުންވާ ބިން ވަނީ އެ ކައުންސިލާއި ހަވާލުކޮށްފައެވެ. ބުޅާތަކަށް ހާއްސަ ޝެލްޓާ ނިމޭއިރު، ބުޅާތަކަށް ހާއްސަ ހޮޓަލާއި ޕާކް އަދި ފިހާރަ ހުންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް