އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައިވާގޮތުން ސްކޫލުތަކުގައި ކިޔަވައިދޭން ފަށާނީ ހެނދުނު 8:30 އާއި9:00 އާ ދެމެދު ކަމަށާއި ކިޔެވުން މެންދުރު ފަހު 3:00 ގައި އެންމެ ލަސްވެގެން ނިންމާވެކަމަށް ބުނެފައިވެ އެވެ.
އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުން (1 ގަޑިއިރާ 30 މިނެޓް) ކިޔަވާދޭ އިރު ގްރޭޑް 1 އިން 6 އަށް (2 ގަޑިއިރާ 30 މިނެޓް) ކުރިޔަށް ގެންޖެހޭނެ ކަމަށާއި ގްރޭޑް 7 އިން 12 އަށް (3 ގަޑިއިރު) ކުރިޔަށް ގެންދަން ވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ރޯދަ މަހު ކިޔަވައިދޭ ވަގުތު މަދުކަމުން ގަޑިއެއްގެ ދިގުމިން ވާން ޖެހޭނީ 30 މިނެޓާއި 45 މިނެޓާ ދެމެދު ކަމަށާއި ރޯދަ މަހުގެ ދެ ހަފްތާ ތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައިދޭ ގޮތަށް ހަމަޖައްސަން ޖެހޭނެ އެވެ.
ޓީޗަރުންގެ މަސައްކަތުގެ ގަޑި ހަތަރު ގަޑިއިރަށްވުރެ ދިގު ނުކުރުމަށާއި ކިޔެވުން ކުރިއަށް ގެންދާ ވަގުތުތަކުގައި އިދާރީ އޮފީހުގެ މަސައްކަތްތައް މެދު ނުކެނޑޭނެހެން އިދާރީ މުވައްޒަފުންގެ ގަޑިތައް ރޭވުމަށް ވެސް އެޑިޔުކޭޝަނުން ވަނީ އަންގާފަ އެވެ.
ސްކޫލުގެ ކިޔެވުމުގެ ދަންފަޅިތައް ރާވާއިރު، ވަގުތަށް ނަމާދު ކުރެވޭނެ ގޮތަށް ހަމަޖެއްސުމާއި ކުދިންނަށް ދީނީ މައުލޫމާތު ދިނުމާއި ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ސްކޫލުތަކުގައި އެއްވެސް ހަަރަކާތެއް ނުހިންގަން އެޑިއުކޭޝަނުން ވަނީ އެދިފަ އެވެ.
ސެކަންޑްރީ ގްރޭޑް ތަކުގެ ދަރިވަރުންނަށް ރޭގަނޑު ވަގުތުތަކުގައި ސްކޫލުން ހިންގާ ޕްރޮގްރާމްތައް 9:00 އާއި 10:30އާ ދެމެދު ރޭވުމަށް ވެސް މިނިސްޓްރީން އެދިފައިވެ އެވެ.