މިއީ ޑީއާރުޕީގެ ދަރަނި ރައީސް މައުމޫން ދައްކަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ސިވިލް ކޯޓުން މިދިޔަ އަހަރުގެ ޖޫން މަހު ކުރި ހުކުމްގެ އިސްތިއުނާފެވެ. އެ ހުކުމް ކުރީ، 2010 ވަނަ އަހަރު، ޑީއާރުޕީން އެމްޓީސީސީއަށް ފައިސާ ދައްކަން ހުކުމްކޮށްފައިވާ މައްސަލައަކާ ގުޅިގެން، ހުކުމާ އެއް ގޮތަށް އެ ފައިސާ ދައްކާފައި ނުވާތީ، އެ މައްސަލައިގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ސިވިލް ކޯޓުން ބެލި މައްސަލައެއްގަ އެވެ.
މި މައްސަލަ ހައިކޯޓުގައި ފެށުމަށް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު އެވެ. މި މައްސަލަ ހައިކޯޓަށް ބަލައިގަތީ، އެންމެ ފުރަތަމަ ބަލައި ނުގަންނަން ނިންމުމަށް ފަހު ދެވަނަ ފަހަރަށް އެ ނިންމުން މުރާޖައާކޮށްގެންނެވެ.
2010 ވަނަ އަހަރު ކޮށްފައިވާ އެ ހުކުމުގައި ޑީއާރުޕީގެ މައްޗަށް އަމުރުކޮށްފައިވަނީ އެމްޓީސީސީން ހޯދާފައިވާ ހިދުމަތްތަކުގެ އަގަށްވާ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާށެވެ. އެކި ފަހަރު މަތިން އެ ފައިސާ ދައްކަން ފުރުސަތު ދެވުނު އިރުވެސް އެ ފައިސާ ދައްކާފައި ނުވާކަން ކޯޓުގެ ހުކުމުން އެނގެއެވެ. ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި ޑީއާރުޕީގެ ބޭންކް އެކައުންޓުގައި އެންމެ 3000 ރުފިޔާވެސް އެ ހުކުމް ކުރިއިރު ނެތެވެ.
މި މައްސަލައާ ގުޅިގެން ޑީއާރުޕީގެ ފައިސާ ދެއްކުމަށް ސިޔާސީ ޕާޓީގެ ގަވާއިދާ ހަވާލާދީ ރައީސް މައުމޫނަށް އަންގާފައިވަނީ އެ ދަރަނި އުފެދުނުއިރު ޕާޓީގެ އެންމެ އިސް ފަރާތުގެ ގޮތުގައި ރައީސް މައުމޫން ހުންނެވުމުންނެވެ. އެހެންނަމަވެސް ސީދާ ރައީސް މައުމޫން އެ ފައިސާ ދައްކަވަން ޖެހޭ ކަމަށް އަމުރެއް ނެތުމުން، ރައީސް މައުމޫންގެ ފަރާތުން އެ ފައިސާ ދައްކަން އިންކާރު ކުރެއްވިކަން ސިވިލް ކޯޓުގެ ހުކުމުން އެނގެ އެވެ.
މި މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދްރީސް އިއްވި ހުކުމުގައި ބުނެފައިވަނީ، އެމްޓީސީސީއަށް ދައްކަން ޖެހޭ ފައިސާ ރައީސް މައުމޫން ދެއްކުމަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށެވެ.