ads
ރައީސް ކ. ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް މާލީ ގޮތުން ބާރުވެރި ކުރަނީ
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް މާލީ ގޮތުން ބާރުވެރި ކުރަން ގާނޫނުތައް އިސްލާހު ކުރަން ހުށައަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ޑރ. މުއިއްޒު މިހާރު ރާއްޖޭގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކ.ގުރައިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ބާރުވެރިކުރުވައި މާލީ މިނިވަންކަން ހޯދައިދިނުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނެ އެއް ސިޔާސަތު ކަމަށެވެ.

ރައީސް ވިދާޅުވީ މުޅި ރާއްޖޭއަށް ލިބޭ އާމްދަނީގެ ތެރެއިން ބައެއް ކައުންސިލުތަކަށްވެސް ޖަމާވާގޮތަށް ހަދާ، މިހާރު ލިބޭ ބްލޮކްގްރާންޓުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ 5 އިންސައްތައަކީ ވެސް އެކޮމިޓީން ހިންގާ ހަރަކާތްތައް ހިންގުމަށް އެކަނި ހާއްސަކުރެވޭ ފައިސާކަމުގައި ކަނޑައެޅުއްވުމަށް މަސައްކަތްކުރައްވާކަމުގައި ރައީސް ވިދާޅުވި އެވެ. 

އަދި މިކަންކަން ކުރުމަށް ގާނޫނުތަކަށް އިސްލާހު ގެންނަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ކައުންސިލްތަކުގެ އާމްދަނީ އިތުރުކޮށް ރަށްތަކުގެ ފުދުންތެރިކަން އިތުރުވާނެ. ބްލޮކް ގްރާންޓް އިތުރުކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ހަރަކާތްތައް ހިންގުމަށް، ކައުންސިލް ބަޖެޓުގެ 5 އިންސައްތަ ކަނޑައަޅާގޮތަށް ބަދަލުގެންނާނަން. މި އިސްލާހުތައް ގެނައުމަށް ޓެކުހުގެ ގާނޫނު، ޓޫރިޒަމް އަދި ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރާނަން." ރައީސް ވިދާޅުވި އެވެ.

ގުރައިދޫގެ ތަރައްޤީއަށް ކޮށްދެއްވާނެ މަސައްކަތްތަކުގެ ތެރޭގައި ރައީސް ވިދާޅުވީ ގުރައިދޫގައި ހިއްކެން އޮތް އެންމެ ބޮޑުކޮށް ބިން ހިއްކަވައިދެއްވާ އެ ބިން ތަރައްގީކޮށްދެއްވާނެކަމަށެވެ. އަދި ރައްޔިތުން އެދުނު ބަދަލުތަކާއެކު، މިއަހަރުގެ ތެރޭގައި އެ މަޝްރޫއު ފައްޓަވާނެކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަށުގެ ސްކޫލްގެ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުމަށް މަދުވެގެން 20 ކްލާސްރޫމުގެ އާ ސްކޫލެއް އަޅުއްވައިދެއްވާނެ ކަމަށެވެ. މީގެއިތުރުން ރަށުގެ ހޮސްޕިޓަލްގައި އޮޕަރޭޝަން ތިއޭޓަރ ފެސިލިޓީއެއް އިމާރާތްކޮށްދެއްވާނެކަމަށްވެސް ވިދާޅުވި އެވެ. އަދި ނަރުދަމާގެ މައްސަލަ ހައްލުކުރުމަށް މުޅި ވިއުގަ ބަދަލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް