ads
ފުޓްސަލް ކިންގް ސައްޓު
ސައްޓުއަކީ ފުޓްސަލްގެ އާ ރަސްގެފާނު
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ފުޓްސަލް ކިންގްގެ މަގާމު އޭދަފުށީގެ އިޝާން އިބްރާހީމް – ސައްޓު ހޯދައިފި އެވެ.

މުބާރާތުގެ ފައިނަލްގައި އޭދަފުށިން ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ލ. ގަން އަތުން މޮޅުވީ 4-2 އިން ރޭއެވެ. މި މެޗުގައި ސައްޓުވަނީ މޮޅު ކުޅުމެއް ކުޅެ،ގޯލު ވެސް ޖަހައިފަ އެވެ. 

ސައްޓު އަކީ، 2019 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި ތ. ތިމަރަފުށި އަތުން ބަލިވިއިރު ވެސް އެ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އެއީ ކުރިން އޭދަފުށި ފައިނަލަށް ދިޔަ ހަމައެކަނި ފަހަރެވެ.

ގައުމީ ފުޓްސަލް ޓީމުގައި ވެސް ހިމެނޭ ސައްޓު ވަނީ، ބޭންކް އޮފް މޯލްޑިވްސް ޓީމުގައި ހިމެނިގެން، ކްލަބް މޯލްޑިވްސް ތަށި ވެސް ހޯދައިފަ އެވެ. އެހެންކަމުން، ފުޓްސަލްގައި އެންމެ ބޮޑު ދެ މުބާރާތުގެ ތަށި ސައްޓު އަށް މިވަނީ ލިބިފައެވެ.

ސައްޓުގެ އިތުރުން ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ، އޭދަފުށީ ޓީމުގެ ހައިޝަމް ހަސަން (ބިޑި) އާއި ގަމުގެ އަލީ ޝާމިސް (ތޮއްޕޭ)، ގަމުގެ ކެޕްޓަން، އަދި މިދިޔަ އަހަރުގެ ފުޓްސަލް ކިންގް، ހުސެއިން ޝަރީފް (އޮންލީ) އަދި ކ. ގާފަރު ޓީމުގެ، އަލީ މާއިޝް (މައްޓު) އެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކީ، އޭދަފުށީ ޓީމުގެ އަބްދުﷲ ނާސިހު އެވެ. އެންމެ މޮޅު ކޯޗަކީ ގަމު ޓީމުގެ އިސްމާއިލް ޝަރީފް (އިއްސެ) އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ، އއ. މަތިވެރި ޓީމުގެ އަލީ އަލްސަން (އައްލެ) އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރަން ބޫޓު ހޯދީ، ފ. ބިލެތްދޫ ޓީމަށް 18 ގޯލު ޖަހައިދިން ޒީދާން ޒުހުރީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް