ads
ރާއްޖޭގެ ފަޅުރަށްތަކެއް
މަސްވެރިކަމާއި ދަނޑުވެރިކަން ނޫން ބޭނުންތަކަށް ފަޅުރަށް ދޫކުރެވޭނީ 21 އަހަރަށް
މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސޯދީ ބޭނުންތައް ފިޔަވައި އެހެން ބޭނުންތަކަށް ފަޅުރަށްތައް ދޫކުރުވޭނެ މުއްދަތު 21 އަހަރަށް ކުޑަކޮށްފި އެވެ.

ހައުންސިން، މިނިސްޓްރީން ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސޯދީ ބޭނުންތައް ފިޔަވައި އެހެން ބޭނުންތަކަށް ފަޅުރަށްތައް ދޫކުރުމާ ބެހޭ ގަވައިދުގެ 12 ވަނަ މާއްދާގެ (ށ) އިސްލާހްކޮށް އެ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށް، އެ އިސްލާހު ގެޒެޓު ކޮށްފަ އެވެ.

ގަވައިދުގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސޯދީ ބޭނުންތައް ފިޔަވައި އެހެން ބޭނުންތަކަށް ކައުންސިލްތަކަށް ފަޅުރަށްރަށް ދޫކުރާނީ 25 އަހަރުގެ މުއްދަތަކަށް ކަމުގަ އެވެ.

އެ މާއްދާއަށް އަލަށް އިތުރުކުރި އަކުރުގައި ވަނީ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް ކައުންސިލަކަށް ފަޅުރަށެއް ދޫކުރުމަށް ވެވޭ އެއްބަސްވުމުގެ މުއްދަތުގެ ގޮތުގައި ބަޔާންކުރަންވާނީ 21 އަހަރު ދުވަހުގެ މުއްދަތެއް ކަމުގައި ބުނެފަ އެވެ.

މީގެއިތުރުން 21 އަހަރަށްވުރެ ދިގު މުއްދަތަކަށް އެއްބަސްވުން އިތުރުކުރަން އެދޭ ނަމަ މުއްދަތު ހަމަވުމުގެ އެއް އަހަރު ކުރިން އެކަމަށް އެދި އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ އެވެ. އެއާއެކު އިތުރު ހަތަރު އަހަރަށް މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 17 ގައި މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވައިދުގެ ދަށުން 25 ރަށެއް ދޫކުރަން ކަނޑައަޅައި އެކަމަށް ކުރިމަތިލުމަށް ކައުންސިލްތަކަށް ފުރުސަތު ހުޅުވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް