ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން އިބްރާ ވިދާޅުވީ އެކަން ކުރަން ޖެހޭނީ ރައްޔިތުން މަޖިލީސް މެދުވެރިކޮށް ގާނޫނެއް ހަދައިގެން ކަމަށާއި އެނޫން ގޮތަކަށް އަމިއްލައަށް އެކަން ކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެގޮތަށް އަމިއްލައަށް އެ ކަންކަން ނިންމާ ކަމުގައި ވާނަމަ ހުރިހާ ކޮމިޝަންތަކުން ވެސް އެ ބޭފުޅުން ބޭނުން އަދަދަކަށް އިނާޔަތާއި މުސާރަ ލިބޭ ގޮތަށް ހަދާނެ ކަމަށާއި އެ ކަމުގެ ސަބަބުން ގެއްލުން ލިބޭނެ ހަމަ ނިކަމެތި ރައްޔިތު މީހާ އަށް ކަމަށް އިބުރާ ވިދާޅުވި އެވެ.
ދެ ދައުރަށް ފަހު ދެން އިތުރު ދައުރަކަށް އެއްވެސް ކޮމިޝަނެއްގައި މެމްބަރުކަން ނުކުރެވޭނެ ކަމަށާއި އެއީ ގާނޫނުގައިވެސް އެކަން އޮތް ގޮތް ކަމަށް އިބުރާ ވިދާޅުވި އެވެ.
އިބުރާ މިހެން ވިދާޅުވެފައި މި ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަން ދެ ދައުރު އަދާކޮށްފައިވާ ނަމަ އިނާޔަތާއި އެކު ރިޓަޔާވެވޭ ގޮތަށް އެ ކޮމިޝަންގެ ގަވާއިދަށް އިސްލާހު ގެނެސްފައި ވަނިކޮށެވެ.
މި އިސްލާހާއި އެކު އެ އުސޫލުގެ ދަށުން ރިޓަޔާ ކުރާއިރު، އެއްފަހަރާ ގަނޑުކޮށް ދޭ ފައިސާ އިނާޔަތެއްގެ ގޮތުގައި އެ މީހަކު ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރަ އާއި ހިދުމަތްކުރި އަހަރު ގުނަކުރުމުން ޖެހޭ އަދަދަށް ވާ ފައިސާ އެއްފަހަރާ އެ މީހަކަށް ލިބޭނެ ކަމަށާއި މަހުން މަހަށް އެ މީހެއްގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އެ މީހަކު އެންމެ ފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 ޕަސެންޓް ރިޓަޔާމަންޓު ޕޭގެ ގޮތުގައި ދެވޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.
އިތުރަށް ކިޔާލަން: އީސީގެ މެމްބަރުކަން ދެ ދައުރު އަދާކުރުމުން އިނާޔަތާ އެކު ރިޓަޔާވެވޭގޮތް ހަދަނީ