ads
އާސަންދަ
ދައުލަތުގެ އެހީގައި އައިވީއެފް ހަދަން ދޭ 100 ފުރުސަތަށް ހުޅުވާލައިފި
ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުން ހަދާ އައިވީއެފް ފަރުވާއަށް އާސަންދައިން ހިލޭހޯދަން ބޭނުންވާ މީހުން އެކަމަށް އެދިކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ބުނީ "އައި.ވީ.އެފް" ހަދަން ދައލަތުގެ އެހީއަށް އެދޭ ފަރާތްތަކަށް އިއްޔެއިން ފެށިގެން މޭ މަގުގެ 15 ވަނަދުވަހާއި އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. 

އާސަންދައިން ބުނީ "އައި.ވީ.އެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ، އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށްކަމަށެވެ. އަދި މިހިދުމަތް ފޯރުކޮށްދޭނީ އާސަންދަ ސްކީމް މެދުވެރިކޮށް "އައި.ވީ.އެފް"ގެ ފަރުވާ ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުންނާއި، ރާއްޖެއިން ބޭރުން މި ހިދުމަތް ދޭ މަރުކަޒުތައް މެދުވެރިކޮށްކަމަށެވެ. 

އެންސްޕާއިން ބުނީ "އައި.ވީ.އެފް"ގެ ފަރުވާއަށް އެދޭ ފޯމު އެ އެޖެންސީގ އަދި އާސަންދަ ކައުންޓަރުން ލިބެން ހުންނާނެކަމަށެވެ. އަދި aasandha.mv އަދި nspa.gov.mv ވެބް ސަައިޓް މެދުވެރިކޮށްވެސް ލިބެން ހުންނާނެކަމަށެވެ. 

ފޯމު ހުށައަޅަން ޖެހެނީ

އެންސްޕާ އިން ބުނީ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅާނީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާގައި ޤާއިމްކުރެވިފައިވާ އެ އެޖެންސީގެ ކައުންޓަރުތަކަށްކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށްނަމަ، [email protected] އަށް، ނުވަތަ ވައިބަރ މެދުވެރިކޮށްނަމަ 7291402 މި ނަމްބަރަށް ފޮނުވޭނެކަމަށްވެސް އާސަންދައިން ބުނެއެވެ. 

 ފޯމު ބަލައިގަތުމާއި ގޮތް ނިންމުން 

  • އެންސްޕާއިން ބުނީ އެ އެޖެންސީއަށް ފޯމު ލިބޭތާ ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި ހުށަހަޅާފައިވާ ފޯމު ފުރިހަމަކަން، ނުވަތަ އިތުރު މަޢުލޫމާތާއި ލިޔެކިޔުން ބޭނުންވާނަމަ އެކަން، އެސް.އެމް.އެސް ނުވަތަ އީމެއިލްގެ މެދުވެރިކޮށް ފޯމު ހުށައެޅު ފަރާތައް އަންގާނެކަމަށް.
  •  ފޯމު ފުރިހަމަކުރުމަށްފަހު، އެޖެންސީއަށް ފޯމު ބަލައިގަންނަތާ ރަސްމީ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ޝަރުޠުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން، ފޯމު ހުށަހެޅި ފަރާތަށް އަންގާނެ.

އެންސްޕާއިން ބުނީ ފޯމު ހުށައަޅުމަށް ހުލުވާލި މުއްދަތު ހަމަވާ ތާރީހު (15 މެއި 2024) އިން ފެށިގެން ރަސްމީ 30 ދުވަހުގެ ތެރޭގައި "އައި.ވީ.އެފް" ގެ އެހީ ފޯރުކޮށްދިނުމަށް މި އަހަރަށް ހަމަޖެހުނު ފަރާތްތަކަށް އެކަން އަންގާނެކަމަށެވެ. އަދި ހޮވުނު ފަރާތްތަކަށް އެކަން އަންގާނީ އެސް.އެމް.އެސް ނުވަތަ އީމެއިލް މެދުވެރިކޮށްކަމަށާއި އަދި އެފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަނުވާނެފަދަ ގޮތަކަށް، މި ލިސްޓު އާއްމުކޮށް ޝާއިޢު ކުރާނެކަމަށްވެސް އެންސްޕާއިން ބުނެއެވެ. 

މިއަހަރު އެހީ ހަމަނުޖެހޭ ފަރާތްތަކަށް، އަންނަ އަހަރު އަލުން ހުޅުވާލުމުން ކުރިމަތިލުމުގެ ފިރުސަތު އޮންނާނެކަމަށްވެސް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް