ރައީސް މައުމޫނާ ދެކޮޅަށް އެމްޓީސީސީން ކޯޓަށް ދިޔައީ، ޑީއާރުޕީން އެމްޓީސީސީގެ ފަރާތުން ހޯދި ހިދުމަތްތަކަށް 1.1 މިލިއަން ރުފިޔާ ނުދައްކާ އޮތުމާ ގުޅިގެންނެވެ.
ޑީއާރުޕީގައި މެމްބަރުން ހަމަނުވާތީ އުވާލުމުން އެމްޓީސީސީން ސިވިލް ކޯޓުގައި އެދުނީ އެ ޕާޓީގެ ކުރީގެ ލީޑަރުގެ ހައިސިއްޔަތުން އެ ދަރަންޏަށް މައުމޫން ޒިންމާވާން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ. އެހެންނަމަވެސް ސިވިލް ކޯޓުން ނިންމާފައި އޮތީ އެ ދަރަނި ދައްކަން މައުމޫންގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށެވެ.
ސިވިލް ކޯޓުން އެ ގޮތަށް ނިންމުމުން، އެމްޓީސީސީން ދެން އެ މައްސަލަ ހުށަހަޅީ ހައިކޯޓަށެވެ. ހައިކޯޓުގައި މައުމޫންގެ ފަރާތްޕުޅުން އިޖްރާއީ އިއުތިރާޒެއް ނެގީ އެމަނިކުފާނަށް ރައްދުވާ ގޮތަށް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެވެ. އެއީ ޑީއާރުޕީގެ ދަރަނީގެ އަސްލު މައުޟޫއީ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ދިޔައިރު މައުމޫންގެ މައްޗަށް ދައުވާ ކޮށްފައި ނެތުމުންނެވެ.
ނަމަވެސް ހައިކޯޓުން މިއަދު ނިންމީ ދަށު ކޯޓުގައި މައްސަލާގެ ހަސްމަކަށް ނުވާ ފަރާތަކާ ދެކޮޅަށް ވެސް އިސްތިއުނާފެއް ހުށަހަޅަން ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އަދި ޑީއާރުޕީގެ ދަރަންޏަށް މައުމޫން ޒިންމާވާން ނުޖެހޭނެ ކަމަށް ނިންމި ނިންމުމާ މެދު ގާނޫނީ ބަހުސެއް އެމްޓީސީސީން އުފައްދާފައި އޮތުމުން އެއީ މައުމޫނާ ދެކޮޅަށް ކުރެވިދާނެ އިސްތިއުނާފެއް ކަމަށް އެ ނިންމުމުގައިވެ އެވެ.