ރައީސް ޔާމީން އުފައްދަވާ ޕާޓީން ކެންޑިޑޭޓުން ތައާރަފުކުރުމަށް ކަމަށް ބުނެ ބާއްވަމުން އަންނަ ބައްދަލުވުންތަކުގައި ރޭ ރައީސް ޔާމީން ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ބޮޑެތި ތުހުމަތުތަކެއްވެސް ކުރައްވާފަ އެވެ.
ޔާމީން ވިދާޅުވީ މި ސަރުކާރުން ފުރަތަމަ ދެ މަހުގެ ތެރޭގައި ރައްޔިތުން ބޭނުންވާ ކަންކަމަށް ތަރައްގީއަށް ކުރި ހޭދަ އެމްޑީޕީ ސަރުކާރަށްވުރެ އެތައް ތަނެއް ކުޑަކަމަށެވެ.
ރައީސް ޔާމީން ވަނީ މި ސަރުކާރުން ރައްޔިތުންގެ ތަރައްގީއަށް ހޭދަ ނުކުރާ ސަބަބުވެސް ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރި މީހުންގެ މުސާރައާއި އިނާޔަތްތަަށް އެމްޑީޕީ ސަރުކާރަށްވުރެ ދެ ގުނަ އިތުރަށް ފުރަތަމަ ދެމަހު ހަރަދުކޮށްފައިވާކަން ޔާމީން ފާހަގަކުރެއްވި އެވެ.
ސަރުކާރު މުވައްޒަފުންނަށް ރައީސް މުއިއްޒުގެ ސަރުކާރުން ބިރު ދައްކާކަމުގެ ތުހުމަތުވެސް ރައީސް ޔާމީން ވަނީ ކުރައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ތާއިދުކުރާ ކެންޑިޑޭޓުންނާއި އެކުދިންގެ މައިން ބަފައިންނާއި ރަހުމަތްތެރިންނަށް ރައީސް މުއިއްޒުގެ ކެންޑިޑޭޓުން ނުވަތަ މުއިއްޒަށް ތާއީދުކުރާކަމަށް ބުނާ ކެނޑިޑެޓުންގެ ފަރާތުން ވަޒީފާގެ ބިރު ދައްކަމުން އަންނަކަމަށެވެ.
ބަންދުގައި ހުންނަވައިގެން ރައީސް ކެމެޕެއިން އޮފީހެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ދާދީ ފަހުން ވަނީ ބައިވެރިވެޑައިގެންފަ އެވެ. މިކަން ފެންމަތި ވުމުން މި މައްސަލަ ބަލަމުން އަންނަކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. އެހެހްނަމަވެސް އެކަމުގައި ނިންމި ގޮތެއް މިހާތަނަށްވެސް ކަރެކްޝަނުން ބުނެފައެއް ނުވެއެވެ.