ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވިލުފުށީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ހުޅުމާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީީސް ވަނީ، އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅުތައް ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރައީީސް ވިދާޅުވީ ގައުމީ މަސްލަހަތާއި ގުޅުންހުރި މަސައްކަތްތަކަށްފަހު ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަށް ކުރަންޖެހޭ ކަންކަން ކުރައްވަމުންގެންދަވާ ކަމަށެވެ. އެގޮތުން ވައުދުފުޅާ އެއްގޮތަށް މި ފަސް އަހަރުތެރޭ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ހުޅުމާލެއާއި ގުޅީފަޅުގެ އިތުރުން ގިރާވަރުފަޅުން ހިއްކާ ބިންތަކުގެ މަސައްކަތް ނިމުމާއެކު އެތަންތަނުން ގޯތި ލިބުނު މީހުންނަށް ގޯތި ދެއްވާނެކަމަށް ރައީީސް ވަނީ ވިދާޅުވެފަ އެވެ. އަދި ކުރީގެ ސަރުކާރުން ދީފައިވާ ތަންތަނުން ގޯއްޗާއި ފްލެޓް ދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ގޯއްޗާއި ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ލިސްޓުގައިވާ އެއްވެސް ފަރާތެއްގެ ނަން އުނިވާން ބޭނުންފުޅުނުވާކަމަށް ރައީީސް ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން ރައީސް ވިދާޅުވި ގޮތުގައި ރައީީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތަރައްގީގެ ނަމުގައި ރާއްޖެ އަޅުވެތިކޮށް ދަރުވާލާފައިވާ ކަމުގަ އެވެ.
ރައީީސް އިތުރަށް ވިދާޅުވީ ރަށްރަށުގެ މަޝްރޫއުތަކުގެ މަސައްކަތް ވެސް ހުރީ ހުއްޓިފައި ކަމަށެވެ. އަދި ހުރިހާ މެޖޯރިޓީއެއް އޮތުމާއެކު ވެސް ކުރީގެ ސަރުކާރަށް ގައުމަށް ތަރައްގީ ހޯދައިދެވިފައި ނުވާކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވަނީ އެ ހުރިހާ ކަމަކަށްފަހު މިއަދު މަޖިލިސް އިންތިހާބު ބޯމަތިވުމުން މެޖޯރިޓީ ދޭންޖެހޭކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާމެދު މިއަދު ރައްޔިތުން ވިސްނުމަށް އެދިވަޑައިގެންފަ އެވެ.