ކުޑަޢީދުގެ މިހަރަކާތްތައް ކުރިއަށްދާނީ "ސިޓީ ކަންމަތި ޢީދު އުފާ"ގެ ނަމުގައެވެ. މިއީ ބިދަބިންގްއާއި ސިޓީ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ގުޅިގެން ކުރިއަށްގެންދާ ސަޤާފީ ހަރަކާތްތަކެކެވެ.
މި ހަރަކާތާއި ގުޅޭގޮތުން މީޑިޔާ އަކަށް މައުލޫމާތުދެއްވަމުން ސިޓީ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މެންބަރު ފަހުދު ފާއިޒް ބުނީ މިއީ އަބަދުވެސް އެޖަމްއިއްޔާއިން ކުރަމުން އަންނަ ކަމެއްކަމަށާ، އެހެންނަމަވެސް މިފަހަރު ތަފާތުވަނީ މުޅި މާލޭގައި ސަޤާފީ ހަރަކާތްތައް ކުރިއަށްގެންދާތީކަމަށެވެ.
މީގެ އިތުރުން ދިވެހިންގެ މުއްސަނދި ތާރީޚާއި ސަޤާފަތް މި ފަހަރު ކުޑަޢީދުގައި ބާއްވާ ހަރަކާތުން ފެނިގެންދާނެކަމަށްވެސް އެ ގްރޫޕުން ބުނެއެވެ.
"ވަރަށް ތަފާތު ކުޅިވަރުތައް އޮންނާނެ. ސަގާފީ ކުޅިވަރުތައް ބޮޑަށް ކުރިއަށްދާނީ.. ވީހާވެސް ގިނަ ރައްޔިތުންނަށް މި ހަރާތްތަތައް ދައްކާލުމަކީ އެންމެ ބޮޑު ބޭނުން. އެގޮތުން މާލޭގެ އެކި ސަރަޙައްދުތަކުގައި މަޑުކޮށްގެން ސަޤާފީ ކުޅިވަރުތައް ކުޅޭނަން" ފަހުދު ބުންޏެވެ.
މި ހަރަކާތް ކުރިއަށްދާނީ ސަބުދެލި މަގާއި އިއްޒުއްދީންމަގު ސަރަހައްދުގެ ޒުވާނުންތަކެއްގެ މެދުގައި މަޝްވަރާކުރެވިގެން އުފައްދާފައިވާ ސިޓީ ކަންމަތި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ރާއްޖޭގައި ސަގާފީ ކުޅިވަރުކުޅޭ ބޮޑުބެރު ގްރޫޕް ބިދަބިންގް ބޮޑުބެރު ގްރޫޕާއި ގުޅިގެންގެނެވެ.
ކުޑައީދު ދިވެހި ސަގާފީ ހަރަކާތްތަކާއެކު މާލޭގައި ބާއްވާއިރު މިކަމަށް ސަރުކާރުން އަދި ސިޓީ ކައުންސިލާ ފުލުހުންގެ އެހީތެރިކަން ބޭނުންވާނެކަމަށް އެޖަމްއިއްޔާއިން ބުނެއެވެ. އަދި މިހާރުވެސް ސިޓީ ކައުންސިލުން މިކަމަށް ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން އެޖަމްއިއްޔާއިން ފާހަގަކުރެއެވެ.