ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ކުރިއަށް އޮތް 5 އަހަރަށް ދެއްކުމުގައި ވީހާވެސް ފަސޭހަ ލުއި ގޮތްތަކެއް ހައްދަވާދެއްވަން އެގައުމު ރައީސް ޝީ ޖިންޕިން ނިންމެވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަމަށް ވަޑައިގެން ޖެނުއަރީ މަހު ކުރީކޮޅު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ އެޢާޕޯޓްގައި ހުންނަވާ ވާހަކަ ދައްކަވަމުންނެވެ.
ޗައިނާއިން ނަގާފައިވާ ލޯންތައް ދެއްކުން ފަސްކޮށް ލުއިކުރިކަމަށް ރައީސް ވިދަޅުވެފައިވާތީ އެކަމުގެ ތަފްސީލު ހޮދުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެމްބަރަކު ވަނީ އިމާދާއި ސުވާލުކުރައްވާފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ޑެޕިއުޓީ ގަވަރުނަރު އިމާދު ވިދާޅުވީ ޗައިނާއިން ނަގާފައިވާ ލޯންތައް ރީސްޓްރަކްޗާ ކުރިކަމުގެ ރަސްމީ އެއްވެސް މައުލޫމާތެއް މަރުކަޒީ ބޭންކަށް ލިބިފައި ނުވާކަމަށެވެ.
މިިދިޔަ ޖެނުއަރީމަހުގެ 13 ވަނަ ދުވަހު ޗައިނާއިން ރާއްޖެ ވަޑައިގެން ރައީސް ޑރ. މުއިއްޒު ދެއްވި ސްޓޭޓްމަންޓުގައި ވިދާޅުވީ ރާއްޖެ އިން ޗައިނާއަށް ދައްކަންޖެހޭ ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވަން ޝީ ނިންމެވީ ދެ ގައުމުގެ ރަސްމީ ވާހަކަތަކުގެ ތެރޭގައިކަމަށެވެ.
އަދި އެކަން ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން ޗައިނާގެ މާލީ ދާއިރާގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ފޮނުވަން ރައީސް ޝީ ނިންމެވިކަމަށްވެސް އޭރު ރައީސް ވިދާޅުވިއެވެ.