ads
ގދ. މަޑަވެލީގައި އޮތް ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
އަމިއްލަ ނަފްސަށް ތެދުވެރިވާން ޖެހޭ: މުއިއްޒު
އަމިއްލަ ނަފްސަށް ތެދުވެރިވާން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާފަންނު ހުޅަނގު ދާއިރާގެ ސަރުކާރުގެ ކެންޑިޑޭޓް އަހްމަދު މުސްތަފާ މުހައްމަދުގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ސިޔާސީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު ރައީސް ތުހުމަތު ކުރެއްވީ އިދިކޮޅުން ރައްޔިތުންނަށް އޮޅުވާލައި، ދޮގު ހަދަމުންދާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު އަބަދުވެސް ވާހަކަ ދައްކަވާނީ ތެދު ބަހުން ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ވާހަކަ ދައްކަވާއިރު ތެދުބަހުން ވާހަކަ ދައްކަވަންޖެހޭނީ ކޮންމެ ބޭފުޅަކު ވެސް. އޮޅުވާލެވިދާނެ، ދޮގު ހެދިދާނެ. އެކަމަކު އޮޅުވާނުލެވޭނެ ފަރާތެއްވާކަން އަބަދުވެސް ގަބޫލުފުޅު ކުރައްވަންޖެހޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މަކަރު ހަދައިގެން، އެހާ ފިނޑި ދެކޮޅު ނުޖެހޭ ޣައިރު ޒިންމާދާރު މީހުން މަޖިލީހުގައި ތިބި ކަމަށާއި އެމީހުންނަށް ދެވަނަ ފަހަރަށް ވޯޓް ދިނުމަކީ އަތުން ހެދޭނެ ބޮޑު ގޯހަކަށް ނޫނީ ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޒިންމާދާރުވެ، އަމިއްލަ ނަފްސަށް ތެދުވެރިވާން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ދޮގު ހަދާ މީހުން ﷲ އަށް ބިރުވެތިވާންޖެހޭ ކަމަށާއި އެމީހުންގެ އަމިއްލަ ނަފުސުތަކަށް އެމީހުން ތެދުވެރިވާންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ގެދޮރުވެރިކަން ޔަގީން ކުރުމަކީ އެމަނިކުފާނުގެ އެންމެ މުހިންމު ސިޔާސަތު ކަމަށާއި މި ފަސް އަހަރު ނިމޭއިރު ގެދޮރު ޔަގީން ނުވާ ހަމަ އެއްވެސް ރައްޔިތެއް ނުހުންނާނެ ކަމަށެވެ. އެހެންކަމުން ބޭނުން ވަނީ އެ ސިޔާސަތަށް އެއްބާރުލުން ދޭނެ މަޖިލިސް މެންބަރުން އަންނަ އިންތިހާބުގައި ހޮވައިދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީންނެވެ. އެ ޕާޓީން 89 ކެންޑިޑޭޓަކު ވާދަކުރާ އިރު، އިދިކޮޅު އެމްޑީޕީން 82 ކެންޑިޑޭޓަކު ވާދަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް