މާލޭގައި ހުރި އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ދަރުމަވަންތަ މިސްކިތުގެ ފަންކާތައް ވަގަށް ނެގީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
އެ މައްސަލަ ސިޓީ ކައުންސިލުން ފުލުހުންނަށް ހުށައަޅާފައިވަނިކޮށް އަނެއްކާވެސް މި ވަނީ އެ މިސްކިތުން ވައްކަން ކޮށް އެތަނުގެ ފެން މޯޓަރު ނައްޓާލައިގެން ވަގަށް ގެންގޮސްފައެވެ.
ސިޓީ ކައުންސިލުން ބުނީ ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރު ރޭގެ ވަގުތެއްގައި ވަގަށް ނަގާފައިވާކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. އެކަމާއި ގުޅުވާ ފުލުހުންވެސް އެކްސްގައި ޕޯސްޓެއްކޮށް ބުނީ ފުލުހުން ކުށް ހިނގި ތަނަށް ހާޒިރުވެ ކުށުގެ ވެށިން ތަޙުޤީގަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ދަނީ މަސައްކަތްކުރަމުން ކަމަށެވެ.
މާލޭގެ މިސްކިތްތައް ބަލަހައްޓާ މާލޭ ސިޓީ ކައުންސިލުން ވަނީ ދަރުމަވަންތަ މިސްކިތުގައި ހުރި 2 ފަންކާ ވަގަށް ނަގައިެގން އެ މައްސަލަ މިމަހުގެ 25 ވަނަދުވަހު ފުލުހުންނަށް ހުށައަޅާފައެވެ.
ފާރުގައި ހަރުކޮށްފައި ހުރި މި ދެ ފަންކާތައްވެސް ވަގަށް ނަގާފައިވަނީ ދަންވަރުގެ ވަގުތެއްގައެވެ.
މިމަހުގެ 18 ވަނަދުވަހު ވަނީ މާލޭގެ 2 މިސްކިތެއްގައި އަންހެނުން ނަމާދުކުރާ ބަޔަށްވެސް ގެއްލުން ދިން މައްސަލައެއް ފެންމަތިވެފައެވެ. ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާަނާގެ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ގެއްލުންދީ ބަޔަކު ވަނީ ހަލާކު ކޮށްލާފައެވެ.