މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވަނީ މަޖިލީސް އިންތިހާބަށް ދިމާކޮށް އިއްޔެ ފެށި ޕްރެސް ކޮންފަރެންސްގެ ފެށުން ވަރަށް ކާމިޔާބުކަމަށް ވިދާޅުވެފަ އެވެ.
ހީނާ މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒްް އިސްމާއީލް ދެއްކެވި ވާހަަކަފުޅަކާ ގުޅިގެންނެވެ. އެމްޑީޕީގެ ސަރުކާރުގައި ގޯއްޗާ ފްލެޓް ދިނުން ތަންކޮޅެއް ލަސްވެގެން ދިޔަކަމަށް ފައްޔާޒްވެސް އެއްބަސްވެފައި ވުމާއި އެކު ހީނާ ވަނީ ޕްރެސް ކޮންފަރެންސްގައި ދެއްކެވުނު ވާހަކައާ ގުޅިގެން އެބޭފުޅުން ތެދު ހާމަކުރީތީ ވަރަށް ބޮޑަށް އުފާކުރައްވާކަމށް ހާމަކޮށްފަ އެވެ. ނަމަވެސް އެބޭފުޅުން އިތުރަށް ކުރިއެކޭ އެއްފަދައިން ދޮގު ހައްދަވަމުން ގެންދާކަމަކީ ހިތާމަ ކުރައްވާކަމެއްކަމަށް ހީނާ ވަނީ ފާހަގަކުރައްވާފަ އެވެ.
އެމްޑީޕީން ރޭ ބޭއްވި ބައްދަލުވުމުގައި އުތުރު ތިލަފަޅުގައި ޗައިނާ ސިފައިން ތިއްބަވާކަން ރޭ ފާހަގަކުރެެއްވި ވާހަކައިގެ މައްޗަށް ހީނާ ވަނީ އަލިއަޅުއްވާލާފަ އެވެ. އެގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އުތުރު ތިލަފަޅުގައި ދިވެހި ރާއްޖެއަށް ބޭނުންވާ ނުވަތަ ދިވެހި ރައްޔިތުންނަށް މަންފާކުރާ ފުޑް ސެކިއުރިޓީގެ ޕްރެޖެކްޓެއް ހިންގުމާ ގުޅިގެން އެމްޑީޕީން ދައްކަވަމުން ގެންދެވި ވާހަކަތަކާ މެދު ހިތާމަކުރައްވާކަމަށް ހީނާ ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހީނާ ވަނީ ރައްޔިތުން ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ރައްޔިތުން ޕްރައިމަރީ ކާމިޔާބު ކުރީ ރައްޔިތުން ގޮތެއް ނިންމެވުމަށްފަހު ކަަމަށެވެ. ނަމަވެސް ސަރުކާރާއި ރައީސް މުއިއްޒު އެ ނިންމެވުން އެ ކެންޑިޑޭޓަަށް ތާއިދު ނުކޮށް އަމިއްލަ ގޮތަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ގުޅުން އެއީ ހުދު މުހުތާރު ވެރިކަމެއް ކަމަށް ގަބޫލު ފުޅު ނުކުރައްވާކަމަށް ހީނާ ވިދާޅުވި އެވެ.
މީގެ އިތުރުން ހީނާ ވަނީ މިދިޔަ ސަރުކާރުގައި ރަށްތަކުގައި ފެށި ގިނަ މަޝްރޫއުތަކަކީ އެއްވެސް ޕްލޭނެއް ނެތި ފެށި މަޝްރޫތަކެއް ކަމަށް ވިދާޅުވެފައެވެ. އެހެންވެ، އޭގެ ތެރެއިން ގިނަ މަޝްރޫތައް މިހާރު އޮތީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ރައީސް މުއިއްޒު މިހާރު ކުރައްވާ މަސައްކަތަކީ ހުއްޓިފައި ހުރި މަޝްރޫއުތަށް އަލުން ފެށުމުގެ މަސައްކަތް ކަމަށެވެ.