ރޯދަ މަސް ފެށުނުއިރު 30ރ. އަށް ލިބެން ހުރި ކެރެޓް ކިލޯއެއްގެ އަގު 45ރ. އަށް އުފުލިފައި ވަނީ މިއަދު އެެވެ. އޭގެ ކުރިން ކިލޯއެއް 35ރ. އަށް ވެސް ވަނީ ވިއްކާފަ އެވެ.
މާރުކޭޓްގައި ތަކެތި ވިއްކަން ތިބި ފަރާތްތަކުން ބުނީ ކެރެޓް އަގު އުފުލިފައި ވަނީ އެތަކެތި މަދުވެ ޑިމާންޑް މަތިވެފައިވާތީ ކަމަށެވެ.
މާރުކޭޓުގެ ގޮޅިތަކުން ކުރުނބާއެއްގެ އަގު މިއަދު އުޅެނީ 70-40 ރުފިޔާ އަށެވެ. ރޯދަ މަސް ފެށުނު ފަހުން ބާޒާރުގައި ކުރުނބާގެ އަގު އެއް ވަރެއްގައި ހިފެހެއްޓިފައި ހުއްޓެވެ. ނަމަވެސް ކުރުނބާ ފުޅިއެއް ވެސް މިހާރު ލިބެން ހުރީ 180 ރުފިޔާއަށެވެ. ކުރިން 100 އަށް ކުރުނބާ ފުޅިއެއް ލިބެ އެވެ.
މާރުކޭޓުގައި އަނބުގެ އަގުތަކަށް ބަލާއިރު، ހުތް އަނބު ކިލޯއެއްގެ އަގު އުޅެނީ 100 ރުފިޔާއަށް ކިލޯއެކެވެ. އަދި ތައިލެންޑު އަނބުގެ އަގު އުޅޭނި 160އަށް ކަމަށް އޭނާ ބުންޏެވެ.
އޮރެންޖާއި އާފަލު މާރުކޭޓުގައި ލިބެން ހުރީ 10 ރުފިޔާއަށާއި އަށް ރުފިޔާއަށް އެއްޗެއްގެ ރޭޓުންނެވެ. މެންޑެރިން ކިލޯއެއްގެ އަގު ހުރީ 65ރ. އާއި 70ރ. އާ ދެމެދުގެ އަގެއްގަ އެވެ.
މިއަދު ދިވެހި ޖުމްހޫރީ މޭވާ މަދުން ނަމަވެސް ބާޒާރުގައި ހުރިއިރު، އަގު ހުރީ 140ރ. އާއި 160ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ބޭރު ޖުމްހޫރީ މޭވާ ލިބެން ހުރީ 120ރ. އާއި 130ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ކަރާ ކިލޯއެއްގެ އަގު ހުރީ 17ރ. އާއި 25ރ. އާ ދެމެދުގަ އެވެ. މިއީ ރޯދައިގެ ކުރިން ވެސް ކަރާ ކިލޯއެއް އާއްމުކޮށް ވިއްކި އަގެވެ. އެންމެ ގިނައިން މާރުކޭޓަށް ކަރާ ގެންނަނީ އއ. ތޮއްޑު އާއި ށ. ގޮއިދު އާއި ތ. ކަނޑޫދު އާއި ކ. ކާށިދޫންނެވެ. އިންޑިއާ ކަރާގެ އަގު ކުރިއަށް އޮތް ތަނުގައި ވެސް ހެޔޮވެދާނެ އެވެ.
ވިޔަފާރިވެރިން ބުނި ގޮތުގައި ދަތިކަމެއް ނެތި ކަރާ ލިބޭނެ ކަމަށް ބެލެވޭތީ ކަރާގެ އަގު ދެން ރޯދަ މަހު ބޮޑުވާނެ ކަމަކަށް ނުބެލެވެ އެވެ.
ކަނޑޫދޫ މިރުހުގެ 100 ގްރާމު ބައެއް ގޮޅިތަކުން 20ރ. އަށް ލިބެން ހުރިއިރު، އެހެން ގޮޅިތަކުން 100 ގްރާމު ލިބެން ހުރީ 25ރ. އާއި 40ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ރޯދަ މަސް ފެށުނުއިރު ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ހުރީ 750ރ. ގަ އެވެ.
ވިޔަފާރިވެރިން ބުނާގޮތުގައި މި ރޯދަ މަހު ދެން މިރުހުގެ އަގު މާ ބޮޑުވެގެން ދާނެ ކަމަކަށް ނުބެލެވެއެވެ.
ތަރުކާރީގެ އަގު މިއަދު ވެސް ހުރީ އެއް އަގެއްގައި ހިފެހެއްޓިފަ އެވެ. އަދި މަހުގެ ބާވަތްތަކުގެ އަގު ވެސް ހުރީ އެއް އަގެއްގައި ހިފެހެއްޓިފަ އެވެ.
މަހުގެ އަގުތަކަށް ބަލާއިރު ކަނޑު މަސް ކިލޯއެއްގެ އަގު ހުރީ 35ރ. އަށެވެ. އަދި ކަންނެލި ކިލޯއެއް ލިބެން ހުރީ 35ރ. އާއި 40ރ. އަށްކަން ފާހަގަކޮށްލެވެ އެވެ.
މާރުކޭޓުގައި ތަފާތު އެކި ބާވަތްތަކުގެ ފަރުމަސްވެސް ލިބެންވެސް އެބަހުއްޓެވެ.