އަލިފާން ރޯވެފައި ވަނީ ތުރުކީ ގޭރެޓެޕޭ ޑިސްޓްރިކްޓްގައި ހުންނަ 16 ބުރީގެ މީހުން ދިރިއުޅޭ އިމާރާތެއްގެ ގްރައުންޑް ފްލޯ އާއި ބިންގަރާހުގައި ހުންނަ މާސްކުރޭޑް ނައިޓް ކްލަބް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
އަލިފާންގަނޑު ނިއްވާލާފައިވާއިރު އިސްތަންބޫލްގެ ގަވަރުނަރު ދާވޫތު ގުލް ވިދާޅުވީ ތަހުގީގެއް ކުރިއަށްދާ ކަމަށެވެ. އެ ހާދިސާގައި ގެއްލުން ލިބުނު މީހުނަކީ މަރާމާތު ކުރުމުގެ މަސައްކަތުގައި ބައިވެރިވި މީހުން ކަމަށް ބެލެވެ އެވެ. އޭނާ އިތުރަށް ވިދާޅުވީ ކަމާބެހޭ ފަރާތްތަކުން މުޅި އިމާރާތް އިންސްޕެކްޓް ކުރަމުން އަންނަނީ އެތަނުގެ ރައްކާތެރިކަން ބެލުމަށް ކަމަށެވެ.
އިސްތަންބޫލްގެ ގަވަރުނަރު އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަދުވެގެން އެއް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ފުލުހުން ސުވާލު ކުރުމަށް ފަސް މީހަކު ހިފަހައްޓާފައިވާއިރު އޭގެ ތެރޭގައި ކްލަބުގެ މެނޭޖަރުންނާއި މަރާމާތުތަކާ ހަވާލުވެ ހުރި އެއް މީހަކު ހިމެނޭ ކަމަށް ޖަސްޓިސް މިނިސްޓަރު ޔިލްމާޒް ޓުންކް ވިދާޅުވި އެވެ.