
ރައީސްޑރ. މުހައްމަދު މުއިއްޒު އަންނަނީ މިމަހު 21 ގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ވެރިކަން ކުރާ މައި ޕާޓީ ޕީޕީއެމް ޕީއެންސީގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވަޑައިގަންނަވަމުންނެވެ.
އެގޮތުން ރައީސް ޑރ.މުއިއްޒު މިރޭ ބައިވެރިވަޑައިގަންނަވާ ފުރަތަމަ އިވެންޓް ބާއްވަން ހަމަޖެހިފައިވަނީ ހެޕީ ޑައުން، ބްލޫކިޔާ މަގުގައި ހުންނަ މާފަންނު ދެކުނު ޖަގަހާގައެވެ. އަދި ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ މިރޭ 9:30 ގައެވެ.
މީގެއިތުރުން މިރޭ 23:00 ގައި ރައީސް ބައިވެރިވަޑައިގަންނަވާ 2 ވަނަ ޖަލްސާ ބޭއްވުމަށް ހަަމަޖެހިފައިވަނީ ހުޅުމާލޭ ޗަންބޭލީ މަގުގައި ހުންނަ ވިލިނގިލި ދާއިރާގެ ޖަގަހާގަ އެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު ރޭ ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގެން އެތާ ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލިސް އިންތިހާބަށް ވާދަކުރައްވައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ހިޔާ ފްލެޓް ސަރަހައްދުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގައި ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެންދަނިކޮށް ހުއްޓާލީ ކަމަށް ބުނެ ދޮގު ފަތުރަމުންދާ ކަމަށެވެ. އެހެންވެ، އެ މަނިކުފާނު ވަނީ ކަމުގެ ހަގީގަތް އަދަދުތަކުން ސާފު ކޮށްދެއްވައިފަ އެވެ.
ރައީސް ވިދާޅުވީ ކެމްޕޭނު ދުވަސްވަރު ރަށްރަށަށް ދަތުރުކުރެއްވިއިރު ވެސް އޭރުގެ ސަރުކާރުގެ ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށެވެ. އެހެންވެ ވެރިކަމާ ހަވާލުވެވަޑައިގެން، އެ މަސައްކަތްތައް ހުއްޓިފައި ހުރި ސަބަބުތައް ހޯއްދެވިއިރު، އެ މަޝްރޫއުތައް ހުއްޓިފައި އޮތީ ފައިސާ ނުދީގެން ކަން ސާފުވާ ކަމަށް ރައީސް ވިދާޅުވި އެވެ.