ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު ޒަކާތަށް ލިބިފައިވާ ޖުމްލަ ފައިސާގެ 4،499،433ރ. އެވެ. އަދި އެންމެ ގިނަ މީހުން ޒަކާތް ދައްކާފައި ވަނީ އާދައިގެ ހަނޑުލަށްވާ ފައިސާއިންނެވެ. އަދި އެންމެ މަދު މީހުން ޒަކާތް ދައްކާފައި ވަނީ ރަތް ހަނޑުލަށްވާ ފައިސާއިންނެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އާންމުކޮށް އަހަރުތެރޭގައި ކައިއުޅޭ ބާވަތްތަކުން ޞާއެއްގެ މިންވަރު (2.4 ކިލޯ) ނުވަތަ އެއަށްވާ އަގެވެ.
މާލޭގައި ގޮވާމުން ޒަކާތް ބަލައިގަންނަނީ އަމީނިއްޔާ ސްކޫލް ހޯލުގައި، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 އިން ހަވީރު 4:00 އަށެވެ. އަދި އަންނަ އަންގާރަ ދުވަހު ގޮވާމުން ޒަކާތް ބަލައިގަންނާނީ މެންދުރުފަހު 1:00 އިން ހަވީރު 6:00 އަށެވެ. ރޯދަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނާނެ އެވެ.
ފިތުރު ޒަކާތަށް ލިބޭ ފައިސާ ބަހަނީ ރާއްޖޭ ގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށެވެ.
ފިތުރު ޒަކާތަކީ ރޯދަ މަސް ނިމުމާއެކު ޒަކާތް ހައްގުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރު އެވެ.