ads
ރައީސް ޑރ. މުއިއްޒު
އިދިކޮޅުން ހަދަމުންދާ އެންމެ ބޮޑު ދޮގަކީ މަޝްރޫތައް ހުއްޓާލި ކަމަށް ބުނުން: ރައީސް
ކުރީގެ ސަރުކާރުން ހިންގާފައިވާ މަޝްރޫތައް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ދައްކާ ވާހަކައަކީ އިދިކޮޅު ފަރާތްތަކުން ހަދަމުންދާ ދޮގުތަކުގެ ތެރެއިން އެންމެ ބޮޑު ދޮގު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް އާންމު ފަރާތަކުން ދެންނެވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

ރައީސް ވިދާޅުވީ، އެއީ އެމަނިކުފާނާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދައްކާ ދޮގު ވާހަކަތަކުގެ ތެރެއިން ހަދަމުންދާ އެންމެ ބޮޑު ދޮގު ކަމަށެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުވެސް މަޝްރޫތައް ހުރީ ހުއްޓިފައި ކަމަށާއި އެކަމަށް ރަށްރަށުގެ ރައްޔިތުން ހެކި ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.  

ރައީސް ވިދާޅުވީ ގިނަ މަޝްރޫއުތައް ހަވާލުކޮށްފައި ހުރީ އަމިއްލަ ބޭނުމަށް ޕާޓީގެ އެކި މީހުންނާ ކަމަށެވެ. މަޝްރޫއުތައް ހުއްޓުމުގެ އެއް ސަބަބަކީ އެތައް ބަޔަކަށް ފައިސާ ނުދީ ހުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އޭރު ކަންކުރި ގޮތަކީ ޕާޓީގެ ކޮންމެސް މީހަކަށް ފައިސާ ކޮޅެއް ދޭން ކަމަށް ތުހުމަތު އަޅުގަނޑުމެންނަށް އަޑު އިވިފަ އޮތީ، ދޭން ވެގެން ކޮންމެވެސް ފަރާތަކަށް ޕްރޮޖެކްޓް ދެނީ، ދެން އޭނައަށް އެޑްވާންސް ޕޭމަންޓް ދެނީ، އޭނައަށް އެ ފައިސާކޮޅު ލިބެނީ، އޭނާ އެ ހިސާބުން އެދިޔައީ، ދެން އަނެއްކާވެސް އެ މަޝްރޫއު އެހެން މީހަކާ މި ހަވާލުކުރަނީ ހަމަ ޕާޓީގެ އެހެން މީހަކާ،" ކެމްޕޭނު ތެރެއިން ލިބިވަޑައިގަތް މައުލޫމާތުތަކެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މަޝްރޫތައް ފެށުނީ މި ސަރުކާރުން ވެރިކަމަށް އައުމުން ކަމަށެވެ. ނަމަވެސް، އިދިކޮޅުން ބުނަމުންދަނީ މި ސަރުކާރުން އައިސް އެ ފަރާތްތަކުން ފަށާފައިވާ މަޝްރޫތައް ހުއްޓުވާލި ވާހަކަ ކަމަށެވެ. އެއީ ދޮގު ކަމަށާއި އެކަމަށް ރައްޔިތުން ސަމާލުވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ޕީޕީއެމް/ޕިއެންސީއަކީ ތަރައްގީގެ މީހުން ކަމަށާއި އެ ޕާޓީގެ ފިކުރު ހުރީ ރާއްޖެ ތަރައްގީކުރުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ނަތީޖާ ގެނެސްދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ހުރިހާ ސަމާލުކަމެއް ހުރީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށް ކަމަށް ވިދާޅުވި އެވެ.

ސަރުކާރު ބަދަލުވިއިރު އެކި ސަބަބުތަކާހުރެ ހުއްޓިފައިހުރި މަޝްރޫއުތައް ހިމެނޭހެން 527 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަމަށް ވިދާޅުވެ، އެމަޝްރޫއުތަކުގެ ތަފާސްހިސާބު ދާދިފަހުން ޑރ. މުޙައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް