ސަރުކާރުގެ ފަރާތުން މިކަން އިއުލާންކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
އިހުސާން މިހެން ވިދާޅުވީ، އއ. ރަސްދޫގައި ރޭ ތަރާވީހް ނަމާދު ވަގުތު މިސްކިތުގައި ކުޑަ ކުއްޖަކަށް އަނިޔާކޮށް ބުލީކުރާ މައްސަލައިގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އިިހުސާން ވިދާޅުވީ ކުޑަކުދިން ކުރާ ކުށްތައް ހުއްޓުވުމަށް މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރަކީ 15 އަހަރުގެ ގޮތުގައި އޮތުން ކަމަށެވެ. ނަމަވެސް ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ 200 ވަރަކަށް ކުޑަކުދިން މިހާރު ތިބި ކަމަށާއި އޭގެ ތެރޭގައި 12، 13 އަދި 14 އަހަރުގެ ކުދިން ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުށްތަކަށް ޒިންމާވާންޖެހޭ އެންމެ ހަގު އުމުރުގެ ގޮތުގައި ކަނޑައަޅާފައިވަނީ 12-14 އަހަރު ކަމަށެވެ.