ލޯބި އެކަންޏެއް ނޫނެވެ. އަހަރެންގެ ބޭނުމެއް ނެތީއެވެ. އެހެން އެއްވެސް މީހެއްގެ ހަޔާތުގައި މުހިއްމު މީހަކަށްވެސް އަހަރެން ނުވަނީއެވެ. ހަމައެކަނި އެމީހަކު ބޭނުން ވަގުތެއްގައި އެމީހެއްގެ ބޭނުންތައް ފުއްދާލުން ފިޔަވައެވެ. ނުވަތަ އެފަދަ ކޮންމެ ދަނޑިވަޅެއްގައި އެމީހަކަށް އެފުރުސަތު ދެވުމަކީ އަހަރެންގެ ކުށެއްބާއެވެ. އަހަރެންގެ ސިކުނޑިއާއި މި ހަށިގަނޑުވެސް ވަރުބަލި ވެއްޖެ އެވެ.
މިފަދަ ކޮންމެ ވަގުތެއްގައި އިންސާނާ އެންމެ އެދޭނީ އޭނާގެ ގެއަށްގޮސް، އަރާމު ކޮށްލާށެވެ. އެކަމަކު އަހަރެންގެ އެމިންވަރުވެސް ނެތެވެ.
ދުނިޔޭގެ ހުރިހައި ނިޢުމަތަކުން އެއްކިބާ ކުރެވިފައިވާ ހަމައެކަނި އިންސާނަކީ އަހަރެން ބާއެވެ. އަނިޔާވެރި ދުނިޔެއަށް ބިކަ ކޮށްލާފައި، ލޯބިވާ އެންމެން އަހަރެން ދޫކޮށް ދިޔައީ މިދުވަސް އަހަންނަށް އިޙްސާސް ކޮށްދޭން ބާއެވެ. ޔާﷲ މިއަޅާއަށް ހިތްހަމަޖެހުން ދެއްވާންދޭވެ!
މަގުމައްޗަށް ނިކުމެ، ވެހިކަލްއަކަށް އަތް ނެގީމެވެ. އަހަރެންގެ "ކުޑަ ކޮޓަރި"އަށް ދިއުމަށެވެ.
ނާދިފްގެ ގޭގެ ސޯފާގައި އަހަރެން އިށީނީމެވެ. އެތެރެއަށް މިވަނީ ގޭގެ ދޮރުވެސް ނުލައްޕައި، ހުޅުވާފައެވެ. ހިތާއި ސިކުނޑިއަށް ގެންނާން ބޭނުންނުވާ ކިތަންމެ ފިކުރަކާއި ޚިޔާލެއް އަހަރެން ވަށައިގެން އެނބުރެނީއެވެ. ގަޔަކު ހިތްވަރެއް ނެތެވެ. ކަރުނައިން ފުރިފައިވާ ދެ ލޮލުން، މުޅި ގޭތެރެއަށް އަހަރެން ބަލައިލީމެވެ. ދާދި އަވަހަށް މި ގެއާއިވެސް އަހަރެން އަލްވަދާޢު ކިޔާނެ އެވެ.
އޮހޮރެމުންދިޔަ ކަރުނައަށް ފަރުވާލެއް ނުބަހައްޓަމެވެ. ނަގަމުންދިޔަ ދިލައާއެކު އަހަރެންގެ ދެ ލޯ މަރައިލީމެވެ. މަޑުމަޑުން އަހަރެންގެ ތުންފަތުގައި އިނގިލިތައް ބީއްސާލީމެވެ. ނާދިފްގެ އެ ހަރަކާތް އަހަރެންގެ ތުންފަތުގައި އަދިވެސް ތާޒާއެވެ. އެއިހްސާސް އަހަންނާއި ވަކިވެގެން ނުދެއެވެ. ހަގީގަތަކީ، އަހަރެންނާއިމެދު ނާދިފް އަމަލުކޮށްފައިވާ ހަރުކަށި، އަނިޔާވެރި، ރަހުމުކުޑަ އަދި ލާއިންސާނީ ހުރިހައި ކަމެއް އަހަރެންގެ ހިތުން މަޑުމަޑުން ފަނޑުވެ، ނެތިދާން ފަށައިފި އެވެ.
ނާދިފްގެ "ސޮރީ" އަހަރެންގެ ކަންފަތުގައި އަދިވެސް ހަރުލާފައި އެބަހުއްޓެވެ. މަގުމަތީގައި އަހަރެން އެކަނި ހިނގާފައި އައުން ރައްކާތެރި ނުވާނެކަމަށް ނާދިފް ބުނި ބުނުމާއި އަހަރެންނާއި މެދު އޭނާ ކަންކޮށްފައިވާ ހުރިހައި "ރަގަޅު" ނުވަތަ "ހިއްގައިމު" ހަންދާންތަކެއް ނިއުޅެން ފެށިއެވެ. ދެމީހުން އެކުގައި ލޮނާވްލާގައި ހޭދަކުރެވުނު ހުރިހައި ކަންކަމެއް އަހަރެންގެ ހަނދާނުގައި ނެތަސް، އެ ދަތުރުގެ އުފާވެރި ކިތަންމެ މަންޒަރެއް އަހަރެންގެ ލޯކުރިމަތީގައި ސިފަވަމުން ދިޔައެވެ. އެއިގެ ތެރެއިން ސަބަބެއް ނޭގެނީ އަހަރެންގެ ލޯމެރެމުންދިޔަ ވަގުތުގައި ނާދިފް ބުނެލި ޖުމުލައިގެ ހަގީގަތެވެ.
"މިޒްރާ.. ޑޯންޓް ޑޫ ދިސް ޓު މީ.." އެއީ ކީއްވެ ނާދިފް ބުނި އެއްޗެއް ކަމެއް އަހަންނަކަށް ނޭގެ އެވެ. އެރޭ، އަހަރުމެން ދެމީހުން ދެމެދު "ކަމެއް" ހިނގީ ހެއްޔެވެ؟ ހަގީގަތަކީ ކޮބައި ބާއެވެ؟
ﷲގެ މިންވަރުފުޅުގައި އަހަންނަށްޓަކައި އޮތް ގޮތެއް ނޭގެއެވެ. މިފަދަ އިހުސާސްތަކެއް ކުއްލިޔަކަށް ކުރެވެން މެދުމެރިވި ސަބަބެއް ވެސް ނުވިސްނެ އެވެ.
ބޮލުގެ ދެފަރާތުން އަތުގެ ތެރެއަށް އިސްތަށިގަނޑު ހެޔޮވަރުކޮށްލާފައި ބާރަށް ހިފެހެއްޓީމެވެ. ކުއްލިޔަކަށް ހިތައް އައީ މިއަދު ހެނދުނުގެ ހާދިސާއެވެ. ލޮބުވެތިކަމާއެކު އަހަރެންގެ ނަމުން ނާދިފް ގޮވައިލި ވަގުތެވެ.
"މިޒްރާ"
އާއެކެވެ. އެއީ ހަމަ އެއަޑެވެ. އެ އިހުސާސެވެ. ލޮބެވެތިކަމާއެކު އެގޮވައިލުމެވެ.
"މިޒްރާ"
ކުއްލިޔަކަށް އިހުސާސްކުރެވުނީ އެއަޑު އިވެމުންދަނީ އަހަރެންގެ ބޮލުގެ ތެރެއިން ނޫންކަމެވެ. އިވެމުން އެދަނީ ހަގީގީ ގޮވައިލުމެކެވެ. ހަގީގަތުގައިވެސް ނާދިފްގެ، އެ އަޑެވެ. އަވަސް ހަރަކާތަކާއެކު، ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަމުން ކޮޅަށް ތެދުވީމެވެ. ކުރިމަތީގައި ހުރީ ނާދިފްއެވެ. ހުވަފެނީ ވަގުތުކޮޅެއްކަމަށް ހީކުރެވުނެވެ. އަހަރެންގެ ދެ ކޮނޑުގައި ހިފައި ނާދިފް ތަޅުވައިލުމުން ހަމަބިމަށް އާދެވުނުކަން އިހްސާސްވި އެވެ.
"މިޒްރާ.." މިފަހަރު ނާދިފް ގޮވައިލީ މަޑަކުން ނޫނެވެ. ހަޅޭއްލަވައިގަތީ ކަމަށްވެސް ބުނެވިދާނެ އެވެ.
ނާދިފް މިވަގުތު ގޭގައި ކީއްކުރަނީ ހެއްޔެވެ؟ އަހަރެންނަށް ފާރަލަނީ ބާއެވެ؟ ނުވަތަ އަހަރެން ހިފަހައްޓައިގެން އުޅޭ ސިއްރުތަކުގެ ހަގީގަތް ނާދިފްއަށް އެނގެނީ ހެއްޔެވެ؟
"މިތާގަ މިގަޑީގައި ކީއް ތިކުރަނީ.." ހައިރާންވެފައި ނާދިފް އަހައިލި އެވެ.
"އަހަރެން.. އަހަރެން.. ވަރަށްބޮޑު.. މަސައްކަތެއް އޮތީމަ.." މިވަގުތުގެ ހާލަތު ދެނެގަންނާން އަހަރެންގެ ހިއްސުތައް މަސައްކަތް ކުރަނީއެވެ.
"މާ ސްމާޓް ވާން މިޒްރާ ނޫޅެއްޗޭ.. ޖަސްޓް.." ނާދިފްގެ ޖުމުލަ ފުރިހަމަކުރާން އަހަރެން ފުރުސަތެއް ނުދެމެވެ.
"މުހިއްމު ފައިލްތަކެއް ހުންނާނީ ގޭގައި.. ހަނދާންނެތި ބަހައްޓާފައި ދެވުނީ"
"އޯ ރިއަލީ..؟! ދެން ތިހާލަތުގައި މިތާންގަ ތި އިނީ ކީއްވެ؟"
"އެއީ.. އަހަރެން.. އެއީ.."
"އަހަރުމެން ޕްރެކްޓިސް ކުރަން މިއުޅެނީ.. ވީ އެންމެ އަވަހަކަށް މިޒްރާ ބޭރަށް ދޭ.. އިތުރު ކުރިމަތިލުމެއް އަހަރެން ބޭނުމެއް ނޫން.."
"އަހަރެން ކޮޓަރީގައި މަޑުކޮށްލާނަން.. އަހަރެން އެތަނުން ބޭރަކަށް ނުނިކުންނާނަން.. ﷲގަންދީ ހުވާ.."
"ވަޓް.. އޯ ހެލޯ.." ނާދިފްގެ ޖުމުލަ ފުރިހަމަ ނުކުރެވެނީސް އޭނާއަށް ގޮވައިލި އަޑު އިވުނެވެ.
"ނާދިފް..."
ދޮރާއި ދިމާއަށް ދެމީހުންނަށް އެކުގައި ބަލައިލެވުނެވެ. ނާދިފް ރައްޓެހިން ތިބީ ދާދިކައިރީގަ އެވެ. ފުރަތަމަވެސް އަހަރެންގެ ނަޒަރު ސީދާކުރެވުނީ ޕްރީޝާއަށެވެ. އޭރުވެސް އަހަރެންނާއި ދިމާއަށް އަލިފާންކަނި ބުރުވާހެން ހީވެއެވެ. ދެން ފެނުނީ ނާދިފް އަހަންނާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓަ އެވެ. "އަހަރެން ބުނީމެއްނޫންހޭ" ބުނާ ފަދައަކުންނެވެ.
"ނާދިފް.. އަނެއްކާވެސް މީނަ މިގެއަށް ގެނައީތަ.." ރުޅިވެރިކަމާއެކު މަހެކް ބުނެލި އެވެ.
"އަހަރެން މި ދަނީ.." ދަބަސް ގަނަމުން އަހަރެން ބުނީމެވެ.
"ޔާ ރައިޓް..! ރޭގެ ހާދިސާއަށްފަހު ކަންތައް ވާނީ މިހެންކަން އިނގޭ" ނާދިފްއަށް ބަލަމުން ޕްރީޝާ ބުނެލި އެވެ.
ނާފިދްއަށް ބަލައިލީމެވެ. އޭނާގެ އެ ބުނެލުމުން ނާދިފްގެ ހިތައް ތަދުވެފައިވާކަން އެ ލޮލުން ސާފުކޮށް ފެނެ އެވެ.
"އިތުރަށް ރޭގައި ކުރީ ކޮންކޮން ކަންތައް ތަކެއް..؟" އަހަންނާއި ކައިރިވަމުން މަލާމާތުގެ ރާގުގައި ޕްރީޝާ ބުނެލިއެވެ. އަހަރެންގެ ނޭވާ އެތެރެއަށް ހިފަހައްޓައިލީމެވެ. ޕްރީޝާ ހަމަބިމަށް ތިރިކުރަން އެބަޖެހެ އެވެ. އިތުރަށް ކެއްކުރާކަށް ނެތީމެވެ. އިތުރަށް ވަގުތެއްވެސް ބޭނުމެއް ނޫނެވެ. އޭނާއަށް ޖެހޭނީ އަހަންނާއި ކުރިމަތިލާށެވެ.
"ބުނަން ޕްރީޝާ.. އިލްޒާމް އެޅުވުން ހުއްޓާލާ!" ހަށިގަނޑު ސީދާކޮށްލާފައި ޕްރީޝާއާއި ކުރިމަތިލީމެވެ.
"އަހަރެން ކުރިމަތީގައި އަނގަ ހުޅުވަން ކަލޭ ތިއީ ކާކު..؟ ކަލޭގެ ފެންވަރު ބުނެދޭންވީތަ..؟" ރުޅިވެރިކަމާއެކު އަހަރެންނާއި ދިމާއަށް އަތް އުފުލަމުން ޕްރީޝާ ބުނެލިއެވެ.
"އިނަފްފފ.. ކޮންފަދަ ކަމެއް މިއީ.." އަމަންގެ އަޑަށް މުޅިތަން ހިމޭންވި އެވެ.
އެކަމަކު ކުރިން އަހަރެން ބުނިފަދައިން، މިއަދު ޕްރީޝާ ޖެހޭނީ ހަމަބިމަށް ތިރިވާށެވެ.
"ޔޫ ނޯ ވަޓް ޕްރީޝާ.. ޔޫ ތިންކް ޔޫ އަރ ރިއަލީ ގްރެއިޓް.. ރައިޓް؟ ހަގީގަތް އަހަރެން ބުނެލަދޭނަން.. އޯކޭ..! މިފަހަކަށް އައިސް ކަލޭ ތިކުރާ ކަންކަން، ކަލޭގެ މިތަބަ "ޕްރެންޑްސް"އަށް އެނގިއްޖެއްޔާ ވާނެގޮތް އަންދާޒާ ކޮށްލީންތަ؟ ކޮމާކޯޅި އަހަރެންގެ އަތުން ދައްކާލަމުން ބުނެލީމެވެ.
"ޑޯންޓް މެސް ވިތް މީ.. ޔޫ...!"
"އޯ... ބަލަން ތިބެމާ ދޯ.."
"ތިގޮތަށް ޕްރީޝާއާއި ވާހަކަދެއްކުން ހުއްޓާލާ! ކަލޭގެ ޑްރާމާގެ ސަބަބުން، އަހަރެން ޕްރީޝާ ހަމަޔަކަށް އެޅުވީ ލައްކަވަރުން.. އެކަމަކު ބަޑީ.. ޔޫ...! އެހުރިހައި ކަމަކަށްފަހު، އަދިވެސް މިގޭގައި އޭނާ ބަހައްޓައިގެން ތިއުޅެނީ..؟" ޕްރީޝާގެ ދިފާއުގައި ތެދުވެ، އަހާން ބުނެލި އެވެ.
"މިޒްރާ.. ހަމަ މިހާރު ނިކުމޭ.." ނާދިފް އަމުރު ކުރިއެވެ.
"ނޯ! ނޮޓް ޓު ޑޭ..! ކަލޭމެން ހުރިހައި އެންމެންނަށްވެސް އެނގެން އެބަޖެހޭ.. ކޮންމެހެން، ނާދިފްއަށް އެނގެން އެބަ ޖެހޭ.." ނާދިފްގެ ލޮލަށް ބަލަމުން އަހަރެން ބުނެލީމެވެ.
އަހަރެންގެ ލޮލުން ފެންނަމުންދިޔަ ސީރިއަސްކަން ނާދިފްއަށް އަންދާޒާ ކުރެވުނީއެވެ. ބޮލުން އެއްބަސްވެ އިޝާރާތްކޮށްލީ އަހަރެން ކުރިއަށް ގެންދިއުމަށެވެ.
"ވަޓް އިޒް އިޓް މިޒްރާ..!!" އަހަރެންނާއި ދާދި ގާތަށް ޖެހިލާފައި ނާދިފް ބުނެލި އެވެ.
"ގިވް މީ އަ ސެކަންޑް.." އަހަރެންގެ މަސައްކަތައް އެނބުރުމުގެ ކުރީން ޕްރީޝާއަށް ނަފްރަތުގެ ބެލުމަކުން އަހަރެން ބަލައިލީމެވެ.
އަހަރެންގެ ދަބަހުން ޕެންޑްރައިވް ނަގާފައި ގޭގެ ހޯމް ތިއޭޓަރ ސިސްޓަމްއަށް ގުޅައިލީމެވެ.
މަސައްކަތުގައި އަހަރެން ހުރިވަގުތު އެހެން އެއްވެސް މީހެއްގެ އަޑެއްބަޑެއްވެސް ނީވެ އެވެ. އެމީހެއްގެ ފިޔަވަޅުމަތީގައި ހުއްޓި ތިއްބެވެ.
ޕްލޭ ކޮށްލުމުގެ ކުރީން ފަހު ފަހަރެއްގެ ގޮތުގައި ނާދިފްއަށް އަހަރެން ބަލައިލީމެވެ. ނާދިފް ހުރީ އެހެން މީހުންނާއި ތަންކޮޅެއް ދުރަށް ޖެހިލައިގެންނެވެ.
****
ކެބިން1 (ސީއީސޯ)
އަނދިރި ކޮޓަރީގެ ލައިޓްތައް ކުއްލިޔަކަށް ދިއްލުނެވެ. ކަކުލަށްވުރެން މައްޗަށް ހުރި ހެދުމެއް ލައިގެން އަންހެން ކުއްޖަކު، އަވަސް އަރުވާލާފައި ކެބިންގެ އެތަންމިތަން ޗެކްކުރުމައިގެން އަވަސްވެގަތް މަންޒަރު ފެނެއެވެ. ނާދިފްގެ ޑެސްކް ވަތްގަނޑާއި ހުރިހައި ކަބަޑުތަކެއްވެސް ހާވަނީއެވެ. ހުރިހައި ފައިލްތަކެއް ހުންނަ ހުރިހައި ދިމާއެއް ބަލަނީއެވެ. ޑެސްކް މަތީގައި ހުރި ލިޔުންތައްވެސް ވަކިވަކީން ބަލަނީއެވެ. ކެމެރާއަށް އޭނާގެ މޫނު ކުރިމަތިވި ވަގުތު ފޯނު ރިންގުވި އެވެ.
"ބޭބޭ.. އަދިވެސް ނުފެނޭ.. ވަރަށް ހޯދައިފިން" ފޯނުގައި ހުރެގެން އަނެއްކާވެސް ނާދިފްގެ ވަތްގަނޑުތައް ހާވަން ފެށިއެވެ.
"ބޭބޭ.. ޓްރަސްޓް މީ! އެ ޑީލް.. އެމީހުންނަކަށް.. މިބުނީ އެ ގަމާރު ނާދިފްއަކަށް، ކާމިޔާބުކުރާކަށް.. ލާހިކެއް ނޫން! އެއީ ބޭބޭގެ ހައްގެއް! އެކަމަކު މައްސަލަޔަކީ، އެއިން އެއްވެސް ފައިލެއް މިތާކު ނެތް.. މުޅިތަން އަހަރެން ބަލައިފިން"
އަނެއްކާވެސް އެނބުރިފައި މުޅި ކޮޓަރިއަށް އޭނާ ބަލަން ފެށި އެވެ. އަދިވެސް އިތުރު ގޮތެއް އޮތްތޯ އެވެ.
"ބޭބެ ބޭނުންގޮތެއް އޮތީ.. ފަހުންވެސް އާދެވިދާނެ.. މާދަމާ ލޮނާވްލާއަށް ނާދިފް ފުރާނެ.. އޮފީސް ހުޅުވާފަ ހުންނަ ކޮންމެ ވަގުތަކުވެސް މިތަނަށް އަހަންނަށް ވަދެވޭނެ.. އެކަކުވެސް ޝައްކެއް ނުކުރާނެ"
އެ ހިސާބުން އަހަރެން ވީޑިއޯ މަޑުޖައްސައިލީމެވެ.
ނާދިފްގެ މޫނުގެ ކުލަވަރު މުޅިން ބަދަލުވެއްޖެއެވެ. ޓީވީގެ ސްކްރީނުން ނާދިފްގެ ލޯ ދުރަށްވެސް ނުލައެވެ. އަދިވެސް ހުއްޓިފައި ހުރީއެވެ. އިތުރަށް ކުރިއަށް ގެންދާންވީތޯ ނުވަތަ ނޫންތޯ އަހަރެން ވިސްނާލީމެވެ. އެންމެން ސިއްސުވާލީ އަމަންއެވެ.
"ހިތުހުރި ގޮތަކަށް އަހަރުމެންގެ ސިކުނޑިތަކާއި ކުޅެ، ނުފޫޒު ފޯރުވަމުން ތިއައީ..!؟" ޕްރީޝާއާއި ދިމާއަށް އަމަން ބުންޏެވެ.
އަމަންއާއި ދިމާއަށް ބަލައިލާން ނުކެރިގެން ޕްރީޝާ އިސްޖަހައިލި އެވެ. ފެންނަމުން މިދަނީ އޭނާއަށް މީހެއްގެ މޫނަށް ބަލައިލާން ކެރޭވަރަށްވުރެން ހަޑިމުޑުދާރު އަމަލުތަކެކެވެ.
"ނޯ.. އައި.." ދިފާއުވާން ޕްރީޝާ އުޅުނެވެ.
"ޔެސް ޝީ ޑިޑް..! އެންމެންގެ ނަޒަރު ހުއްޓުނީ އަހަރެންގެ އަޑަށެވެ. އެކަމަކު ނާދިފް ފިޔަވައެވެ. ފެންނަމުންދަނީ ހުވަފެނެއްކަމުގައި ބުނެލާނެ މީހެއްގެ ނުވަތަ އެފަދަ ވަގުތަކަށް ނާދިފް އިންތިޒާރުކުރަމުން ދިޔަފަދައެވެ. އެކަމަކު މިއީ ހަގީގަތެކެވެ. ފެންނަނީ ހަގީގި މަންޒަރެކެވެ. އެކަން ޔަގީނެވެ.
"މިޒްރާ... "ރުޅިވެރިކަމާއި ގަދައަޑުން އަހަރެންނާއި ކުރިމަތިލާން ޕްރީޝާ މަސައްކަތް ކުރިއެވެ.
"އެ ހުރިހައި ފައިލެއް ހުރީ އަހަރެންގެ އަތުގައި.. ޕްރީޝާ ހީކުރީ އަހަރެންގެ އޮފީހަށް ވަދެ، އަހަރެންގެ ބުރަކައްޓަށް ވަޅިހަރާފައި ފިލޭނެ ކަމަށްތަ؟ ފުރަތަމަ ދުވަހުން ފެށިގެންވެސް ކަލޭގެ މަގުސަދަކީ ކޮބައިކަން ވަރަށް ރަގަޅަށް އަހަންނަށް އެނގޭ.. ބަޤްޝޫރާ މެޑަމް ނާދިފްއާއި އެ ފައިލްތައް ހަވާލުކުރިކަން އެނގުނު ވަގުތުން ފެށިގެން ފުރަތަމަ ކަމަކަށް އަހަރެން ކުރި މަސައްކަތަކީ އެ ހުރިހައި ފައިލެއް ނާދިފްގެ ކެބިން ތެރެއިން ބޭރުކުރުން.." އަހަރެންގެ އަޑުގައި ހުރި ޔަގީންކަމުގެ ސަބަބުން އެހެން މީހުންގެ ގައިން ހީބިހި ނަގުވާލާނެކަން އެގެއެވެ.
"ޕްރީޝާ.. ކަލޭ އެއް ފަހަރުވެސް ވިސްނާ ނުލަންތަ..؟ މިވަރުގެ ނުބައިކަމެއް ތި ކުރީ އެ ރާއިޝްއަށްޓަކައި ތަ..؟ އޭނާ.. މީގެ ދެ އަހަރުކުރީން ޖަލުން ނެރުނީ ޕްރީޝާ އަހަރުމެން ކައިރީގައި ރޮއެ އާދޭސްކޮށްގެން.. ނާދިފްގެ އެހީގައި ނޫންތަ..؟ އެފަހަރު ޖަލުން ނެރެން ނާދިފް ކުރި ޚަރަދު ޕްރީޝާ ހަންދާން ނެއްތަ؟ އޭރުވެސް ޖަލަށްލީ މީހެއްގެ ލާރިގަނޑެއް ވަގަށް ނަގައިގެން.. ކީއްވެ ޕްރީޝާ.. މިވަރުކަމެއް ތި ކުރީ.. ކީއްވެ؟"
މަހެކްގެ އަޑު ބެދެމުން ދިޔައެވެ. ބެސްޓްފްރެންޑްގެ ހަގީގީ ސިފަ ބަލައިގަންނާން އޭނާއަށް ކެތް ނުވީއެވެ.
އަހަރެން ނާދިފްއާއި ދިމާއަށް ބަލައިލީމެވެ. އަހަރެންގެ މޫނުން ނާދިފްގެ ނަޒަރު ދުރަށް ނުލިއެވެ. އޭނާގެ ހިތް ކުދިކުދިވެ ފުނޑުވަމުން ދާކަން އިގެއެވެ. އެކަމަކު މިކަން... މިވަގުތަށް މުހިއްމެވެ! ލޯ މަރައިލަމުން ފުންނޭވާއެއް ބޭރުކޮށްލީމެވެ. ވީޑިއޯ ޕްލޭ ކޮށްލީމެވެ. ސްކްރީނުން ދެން ފެންނާނެ ހަޑިހުތުރު، ދަށުދަރައިޖެ އަމަލަށްޓަކައި އަހަރެން ތައްޔާރުވީމެވެ.
.................
އެހެން މީހުންގެ ނަޒަރުގައި އަހަރެންގެ ދިރިއުޅުން، އެމީހުން ސިފަކުރަނީ ކޮންގޮތަކަށް ބާއެވެ. މިއީ ވިސްނުމެއް ފިކުރެއްނެތް، އަމާން އޮމާން ދިރިއުޅުމެއް ކަމަށް ހީކުރާ ކިތައް މީހުން އަހަރެންގެ ވަށައިގެން ވޭބާ އެވެ. ނޫނީ އަހަރެންގެ ދިރިއުޅުން ސިފަކުރެވި، މިފަދަ ހަޔާތަކަށް އުއްމީދީ ނަޒަރަކުން އެދޭނެ ކިތައް މީހުން އުޅޭނޭ ބާއެވެ.
ބިލިއަނަރެއްގެ ހުރި އެންމެ ފިރިހެން ދަރިއެކެވެ. ވާރުތަމުދާ ބެހިގެންދާނެ އިތުރު މީހަކުވެސް މި ދުނިޔޭގައި ހުރީއެއް ނޫނެވެ. މިނޫން ހަގީގަތެއް އަހަރެންގެ ހަޔާތުގައި ނެތްކަމަށް އެމީހުންނަށް ހީވެދާނެބާއެވެ؟
އަހަރެންގެ ދިރިއުޅުމުގެ "ވާހަކަ" އެއިން މީހަކަށް އަންދާޒާވެސް ނުކުރެވޭނެ އެވެ. ހަގީގަތުގައި އަހަރެންގެ ރިހުމާއި، ތަކުލީފްތައް އަހަރެން ނޫން އެހެން އެއްވެސް މީހަކަށް ނޭގެއެވެ. އެންމެ ދެރައީ އަހަރެންގެ އާއިލާގައިވެސް މިކަން އިނގޭ މީހަކު ނެތުމެވެ.
އެމީހަކަށް ފެންނައެއްޗެއްގެ މައްޗަށް އެމީހެއްގެ ނަޒަރިއްޔާތުގައި އެކަންކަމަށް ގޮތް ނިންމާފައި އަނެއްމީހާގެ އަބުރު ކަތިލުމާއި އެމީހާއާއިމެދު ހިތުހުރި ގޮތަކަށް "ގޮތް" ނިންމުމަކީ މުޖުތަމައުގެ އާދައެކެވެ. ހަގީގަތަކީ ބެލުމަކީ ނެތް އެއްޗެއް ފަދައެވެ. ހަޔާތުގެ އެންމެ ހިތްދަތި ވަގުތުގައި އަހަރެން މިވަނީ ކޮންފަދަ ނާޒުކު ފައްތަރެއްގެ މަތީގައިކަން އިނގެނީ ކާކަށް ހެއްޔެވެ؟ އަހަރެންގެ ހާލު ދެނެގަންނާން އެނގޭ ހަމަ އެންމެ މީހަކުވެސް ނެތެވެ. މިބިރުވެރިކަން ހިތުން ފިލައިގެންވެސް ނުދެއެވެ. އަހަރެންގެ ހިތުގެ ހާލަތު އިނގޭ ނުވަތަ މި ހިތުގެ ހާލަތު ދެނެގަންނާނެ މީހަކު ދުވަހަކުވެސް ނުވެއްޖިއްޔާ އަހަރެންއަށް ވާނީ ކިހިނެއް ހެއްޔެވެ؟
"ބޭބޭ.. ޓްރަސްޓް މީ! އެ ޑީލް.. އެމީހުންނަކަށް.. މިބުނީ އެ ގަމާރު ނާދިފްއަކަށް، ކާމިޔާބުކުރާކަށް.. ލާހިކެއް ނޫން!"
އަހަރެންގެ ބޮލުގެ ތެރޭގައި މިޖުމުލަ ގުގުމަމުން ދިޔައެވެ. އެއަޑެއް ފަނޑެއްވެސް ނުވެއެވެ. އަހަރެންގެ ބޭނުން ނާޖާއިޒްގޮތުގައި މިފެންވަރަށް ޕްރީޝާ އެ ނެގީ ކީއްވެ ހެއްޔެވެ؟ އަހަންނަކީ އެހައި ނުބައި "ބޯއިފްރެންޑެއް" ހެއްޔެވެ؟ ފެންނަ ކޮންމެ ފަހަރަކު "އައި ލަވް ޔޫ ބޭބީ" ނޫނީ ދުވަހަކުވެސް ތިމަންނާ ދޫކޮށްނުލާށޭ ބުނެ އާދޭސްކޮށް ރޮއެ، އެ ދެއްކީ މުޅިން ފޭކް ޑްރާމާއެއް ހެއްޔެވެ؟ ނުވަތަ ހަގީގަތުގައިވެސް އަހަރެން ހަމަ އެހައި"'ގަމާރީ" ހެއްޔެވެ؟ ނޫނީ އަހަރެން މިއީ މޮޔައެއް ހެއްޔެވެ؟
މިޒްރާގެ އެ ވީޑިއޯ އަހަރެންގެ ހަށިގަނޑުގެ އެންމެ ކުދިކުދި ސެލްތައްވެސް ގަނޑުކޮށްލި އެވެ. ދިރުމެއް ހުރިކަމުގެ އިހުސާސެއް ކުރެވޭކަންވެސް ނުދެނަހުރީމެވެ. އަހަރެންގެ ހަޔާތުގައި "އަހަރެންގެ މީހެއްގެ" ނުވަތަ "އަހަރެންގެ ބައިވެރިއެއްގެ" ގޮތުގައި ގަބޫލުކުރި ހަމައެކަނި މީހަކީ ޕްރީޝާއެވެ. އޭނާގެ ފަރާތުން މިފަދަ ނުބައި ހީލަތްތެރި ރޭވުމެއް އަހަރެން ހިތައްވެސް ގެންނާނީ ކިހިނެއް ހެއްޔެވެ؟ ޑޭޑް.. މަމް.. އަމަން.. މިޒްރާ.. މި އެންމެންވެސް ޕްރީޝާއާއިމެދު ދެކެމުން އައި ގޮތަކީ މިއެވެ.
ދެން.. މިޒްރާ.. އޭނާއަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ދިނުމަށް އަހަރެން ނުކުރަނީ މިވެނި ދަށުދަރަޖައިގެ އަމަލެކޭ ބުނެ މިންޖުވެވޭނެ ހަނި ދޭތެރެއެއްވެސް ނެތެވެ. ކުރެވުނު އަނިޔާއާއި ދެވުނު ހިތްދަތިކަމަށް އަހަރެން ލަދުވެތިވަމެވެ. އެކަން ފޮރުވާން ނުވަތަ އެއިގެން މިންޖުވާން އަހަރެން ދުވެ ފިލަން ދާނެ ދިމާއެއް ދުނިޔޭގައި ނެތެވެ. އަމިއްލަ ނަފުސު ކުއްވެރި ކުރެވި އިސްޖަހާލެވުނު ވަގުތުގައި އަނެއްކާވެސް ވީޑިއޯ ޕްލޭކޮށްލި އެވެ.
-ނުނިމޭ-