
ދަފްތަރު ރައްޔިތުން މީގެ ކުރިން، ތިބީ މާލޭގެ އެތައް މިތަނަށް ބަދަލުކޮށްފައެވެ. ވޯޓުލުމަށް އެކި ދާއިރާތަކަށް ބަހާލާފައެވެ. މާލެއަށް ގޮނޑިއެއް އިތުރުކުރުމަށް، ބޭނުންކުރަނީ ދަފްތަރު ރައްޔިތުންނެވެ. ނަމަވެސް މިފަހަރު މި ލިބުނީ ރަނުގެ ފުރުސަތެވެ. މިނިވަންކަމާއެކު ދަފްތަރު ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވޭނޭ ރަނުގެ ފުރުސަތެވެ.
މި ފުރުސަތު ހޯދައިދިނީ ދަފްތަރު ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަން ނުކުތް މީހުންނެވެ. އެކި ފޯރަމްތަކުގައި ދަފްތަރު ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރި މީހުން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިގެން ދެ ގޮނޑި މި ވަނީ ހޯދައިދީފައެވެ. ނަތީޖާއެއްގެ ގޮތުން އެ މަސައްކަތުގައި އުޅުނު ދެ ބޭފުޅުން މި ވަނީ އެ ދެ ގޮނޑިއަށް ނުކުންނަވާފައެވެ. އެއީ ހުޅުމާލޭ މެދު ދާއިރާ (T16)ގެ ކެންޑިޑޭޓް ނަންބަރު 1، މާލެ ސިޓީގެ ދަފްތަރު ނަންބަރު ރސ 13447، އަޙްމަދު މުޖްތަބާ (ތަފްތަރު މުޖޭ) އާއި، ހުޅުމާލޭ އުތުރު ދާއިރާ (T17)ގެ ކެންޑިޑޭޓް ނަންބަރު 5، ދަފްތަރު ނަންބަރު ދރ 1320، ފާޠިމަތު ސަރީރާ ޢަލީ ޝަރީފެވެ. "ޓީމް ދަފްތަރު"ގެ މި ދެ ކެންޑިޑޭޓުން ވާދަ ކުރައްވަނީ އަމިއްލަ ގޮތުންނެވެ.
ހުޅުމާލެ މެދު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ، އަޙްމަދު މުޖްތަބާ (ދަފްތަރުމުޖޭ) އިލެކްޝަން އަށް ފޯމް ހުށައަޅުއްވަނީ
މި އާޓިކަލް ހާއްސަ މިކޮށްލަނީ ދަފްތަރު މުޖޭއަށެވެ. މުޖޭއަކީ ނޫސްވެރިއެކެވެ. ވޭތުވެދިޔަ 15 ވަރަކަށް އަހަރު އޭނާ އުޅުނީ ނޫސްވެރިކަމުގައެވެ. ދަފްތަރު މުޖޭގެ ނަމުން މަޝްހޫރުވީ، ކުލީގެ އަޅުވެތިކަމާ ދެކޮޅަށް، އަދި ވަޒަންވެރީންގެ މެދުގައި ސަރުކާރުތަކުން ގެންގުޅޭ ތަފާތުކުރުންތަކާ ދެކޮޅަށް އަޑުއުފުލައި، ރައްޔިތުންގެ ޙައްޤުގައި އަދި ޚާއްސަކޮށް ދަފްތަރު ރައްޔިތުންގެ ހައްގުގައި ފެށި"#RiseRT"ގެ ހަރަކާތުގެ ތެރެއިންނެވެ.
"ހަނދާން ބަހައްޓަވާ! ތިޔައިން ކޮންމެ ބޭފުޅެއްގެ ވޯޓު މުޙިއްމު! ސިޔާސީ ފިކުރުގެ ބަދަލުގައި ޤައުމަށްޓަކައި، ތިޔަ ރައްޔިތުންގެ ޙައްގުގައި ކެނޑިނޭޅި މަސައްކަތްކުރާނޭ މަޖިލިސް މެމްބަރުން އިންތިހާބު ކުރަށްވާ!"
ވޯޓާ ދިމާކޮށް ޝަރުޠު ހަމަވާ، ނަމަވެސް ގޯތި ދޭންވީމާ ޝަރުޠު ހަމަނުވާ ކަމަށް ކަނޑައަޅާ ދަފްތަރު ރައްޔިތުންގެ ޙައްޤުގައި މުޖްތަބާ ވަނީ ސޯޝަލް މީޑިއާ އާއި މީޑީއާގައި އަޑުއުފުލާފައެވެ. އެ ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކާފަ އެވެ.
ހުޅުމާލެ މެދު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ، ކެންޑިޑޭޓް ނަންބަރު 1، އަޙްމަދު މުޖްތަބާ (ދަފްތަރުމުޖޭ)
އަހްމަދިއްޔާ ސްކޫލުން ސާނަވީ ތައުލީމު ޙާސިލްކޮށް، އައިޓީ ދާއިރާއިން މެލޭޝިއާއިން މަތީތަޢުލީމު ހާސިލްކޮށްފައިވާ މުޖްތަބާ ވަނީ، ނޫސްވެރިކަމުގެ ދާއިރާގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 8 އަހަރު، އަދި ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ އަމިން ކޮންސްޓްރަކްޝަންގެ މެނޭޖްމަންޓުގައި ވެސް 5 އަހަރު ޚިދުމަތްކޮށްފައެވެ.
ދަފްތަރުމުޖޭއަކީ، ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްހޫރު ބިންވެރިޔާ ސްކީމަކީ، މާލޭގެ ރަށްވެހީންގެ ތެރޭގައި ހިމެނޭ ދަފްތަރު ރައްޔިތުންގެ ތެރޭން އެތަކެއް ހާސް ރައްޔިތުން ބާކީކޮށް، ޤާނޫނުއަސާސީގެ 17، 18 އަދި 41 ވަނަ މާއްދާއާއި ލާމަރުކަޒީ ގާނޫނުގެ 138 ވަނަ މާއްދާ އާއި އަދި މިނޫންވެސް ރަށްވެހިކަމުގެ ޤާނޫނާއި ބަންޑާރަގޯތި ދޫކުރުމާ ބެހޭ ޤާނޫނު ހިމެނޭހެން މިފަދަ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ކުރިއަށް ގެންދިޔަ މަޝްރޫއެއް ކަމަށް ބުނެ އޭރުން ފެށިގެން މިއަދާހަމަށްއަށްވެސް ކެނޑިނޭޅި ވަކާލާތުކުރަމުން އަންނަ ފަރާތެކެވެ. ޤާނޫނާޚިލާފު އުސޫލުތަކާއި ޝަރުތުތައް ކަނޑައަޅައި، ރައްޔިތުންގެ މެދުގައި މިފަދަ ތަފާތުކުރުންތަކާއި ނާއިންސާފު ނުގެންގުޅުމަށް ގޮވާލައި، ސަރުކާރުގެ މުއައްސަސާތަކާއި، ސިޔާސީ އިސް ފަރާތްތަކުގެ ސަމާލުކަމަށް މި މައްސަލަ ތިލަކުރުވިއެވެ. މީގެ އިތުރުން، ކޮންމެ ވޯޓަކާ ދިމާކޮށް، މާލޭގެ ދާއިރާތަކުގެ އާބާދީ ހެޔޮވަރުކުރާން "ފުޅިމަދު އުނގުރިތަކެއް"ފަދައިން ބޭނުންކުރަމުން އައި ދަފްތަރު ރައްޔިތުން، ދާއިމީ ދާއިރާއަކަށް ގެނައުމަށް، ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް، އަދި އެކަން ކާމިޔާބު ވެސް ކުރީއެވެ. "ދަފްތަރުމުޖޭ" މިނަން ކިޔުނީވެސް މަސައްކަތުގެ ތެރޭގައެވެ.
ހުޅުމާލެ މެދު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ، އަޙްމަދު މުޖްތަބާ (ދަފްތަރުމުޖޭ)
މާލޭގެ ރައްޔިތުންގެ މެދުގައި ސަރުކާރުތަކުން ގެންގުޅޭ ތަފާތުކުރުންތަކާ ދެކޮޅަށް، "#RiseRT"ގެ ނަމުގައި މުޖޭއާއި އޭނާގެ ޓީމުން ހިންގި ހަރަކާތުގެ ނަތީޖާއަކީ، މި މައްސަލަ ގައުމީ ލެވެލްގައި ގިނަ ފަރާތްތަކެއްގެ ސަމާލުކަމަށް އައުމެވެ. މިއަދު ދަފްތަރު ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް ހިމެނޭގޮތަށް، ހުޅުމާލެ މެދު (T16)އާއި އަދި ހުޅުމާލެ އުތުރު ދާއިރާ (T17) ކަނޑައެޅިގެން ދިއުމަކީ، ހަމަ ޔަގީނުން ވެސް، ދަފްތަރު ރައްޔިތުންގެ ޙައްޤުގައި މީގެ ކުރީން އެއްވެސް ކަމެއް ކޮށްދިނުމަށް ނުކުޅެދިފައި އޮތް ސިޔާސީ ޕާޓީތަކާއި، އަދި ފައިސާއާ ނުފޫޒުން އިންތިޚާބުތަކުގެ ނަތީޖާއާ ކުޅޭ ފަރާތްތަކަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.
ޕީއެސްއެމުން ކުރިއަށް ގެންދިޔަ ހުޅުމާލެ މެދު (T16)ގެ ބަޙުޘުގައި ވެސް ފާހަގަވި ތަފާތަކީ މިއެވެ. ޖުމުލަ 6 ކެންޑިޑޭޓުން ވާދަކުރާ މި ދާއިރާގައި، އަނެއް 5 ކެންޑިޑޭޓުން ޟަމީރާ ދެކޮޅަށް މުޅީން އާވާހަކަތަކެއް ދައްކަވާން މަޖުބޫރުވެގެން ދިޔައިރު، ދަފްތަރުމުޖޭ ދެއްކީ ހަމަ ކުރީން ވެސް ދައްކަމުން އައި ވާހަކަތަކެވެ.
ސިޔާސީ އެއްވެސް ނުފޫޒެއްގައި ތާށިވެފައި ނުވާ، މިނިވަންކަމާއެކު ދަފްތަރު ރައްޔިތުންގެ ހައްގުގައި މިހާތަނަށްވެސް ވަކާލާތު ކޮށްފައި ފަރާތެއް ޚިޔާރުކުރެއްވުމަށް މުޖޭ ވަނީ އެދިވަޑައިގެންފައެވެ.
މުޖޭގެ ބައެއް ވަޢުދުތައް:
• ހުޅުމާލޭގެ މެދުދާއިރާ (T16)ގައި ވާ ރައްޔިތުންނަކީ، ޚާއްސަކޮށް މި ދާއިރާގައި ހިމެނޭ ދަފްތަރު ރައްޔިތުންނަކީ އެއްވެސް ތަފާތެއް، އިސްތިސްނާއެއް ނެތި މާލޭގެ ކޮންމެ ރައްޔިތަކަށް ވެސް ލިބިދޭ އެންމެހައި ފުރުސަތުތަކާއި، ހިދުމަތްތަކާއި، އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބިދޭ، އަދި މާލޭގެ އެހެނިހެން ރައްޔިތުންނެކޭ އެއްފަދައިން، ދަފްތަރު ރައްޔިތުންނަކީ ވެސް ގަދަރާއި އިހުތިރާމު ލިބިގެންވާ ރައްޔިތުންނަށް ހެދުން.
• ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެންމެ ފުރަތަމަ ހިންގި ބިންވެރިޔާ ސްކީމްފަދަ ބޯހިޔާވެހިކަމާއި ގެދޮރުވެރިކުރުން ފަދަ މަޝްރޫޢުތަކުގައި ޣައިރުޤާނޫނީ ޝަރުތުތަކާއި އުސޫލުތަކުގެ ތެރޭން، މާލޭގައި ވަޒަންވެރިވެފައިވާ އެތަކެއް ހާސް ދަފްތަރު ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަތްފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުން.
• ވަޒަންވެރިވެ އުޅޭ އެޑްރެހުގެ ބަދަލުގައި ދާއިމީ އެޑްރެހަށް ބަލައިގެން، މިހާރު ހަނިކުރެވިފައިވާ ވޯޓުދިނުމުގެ ހައްގާއި އަދި އެނޫންވެސް އެފަދަ ޙައްޤުތަކުން ރައްޔިތުން މަޙްރޫމްކުރުވާ އެންމެހައި ހުރަސްތަކާއި، ތަފާތުކުރުންތައް ނައްތާލުމަށް ގާނޫނީ ހައްލެއް ހޯދައިދިނުން.
• ބޯހިޔާވަހިކަމާއި އަދި އެނޫންވެސް އަސާސީ ޚިދުމަތްތަކަކީ، ކަނޑައެޅިފައިވާ ނިޒާމުން ބޭރުން، ބާރާއި ނުފޫޒު ބޭނުންކޮށްގެން، ވަކި ކުލައަކަށް ނުވަތަ ވަކި ފިކުރަކަށް ތާޢީދުކުރާތީ، ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި ޢާއިލާއަކަށް ނިސްބަތްވީތީ ދެވޭ ޚިދުމަތްތަކެއް ނޫންކަމުން، ޤާނޫނާ ޤަވާއިދާއި އުސޫލުތަކުގެ ތެރޭން ފިޔަވަޅު އަޅައިގެން، އެ ޚިދުމަތް ފޯރުކޮށްދޭން ތިބި ފަރާތްތައް ޒިންމާދާރުކުރުވައި، ފުރިހަމައަށް ޖަވާބުދާރީ ކުރުވައި ހަމަހަމަކަން ކަށަވަރުކުރުން.
ކުލީގެ އަޅުވެތިކަމުން މިނިވަންވުމާއި، ޒަމާންވީ ތަފާތުކުރުންތައް ނެތިކޮށްލައި، ދަފްތަރު ރައްޔިތުން ވެސް އުފާވެރިކަމާއެކު އަމިއްލަ ގެދޮރުގައި، ކުށްމަދު މާހައުލެއްގައި ދިރިއުޅުމުގެ ފަރުސަތު ފަހިކުރުމަށް، މަޖިލީސް ތެރޭންނާއި މަޖިލީހުގެ ބޭރުންވެސް މަސައްކަތް ކުރުމަށްޓަކައި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދެއްވާއިރު، ދަފްތަރު ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވޭނެފަދަ، ތިޔަ ފަރާތްތަކުގެ ހައްގުގައި މިހާތަނަށްވެސް މިނިވަންކަމާއެކު ވަކާލާތު ކޮށްފައިވާ ފަރާތެއް ޚިޔާރުކުރެއްވުމަކީ މުޖްތަބާގެ އެދުމެވެ. އަދި ރައްޔިތުންގެ މެދުގައި ތަފާތުކުރުންތައް ނައްތާލައި، ހަމަހަމަކަމާއި އިންސާފުވެރި މާޙައުލެއް ގާއިމުކުރުމަށް ކެންޑިޑޭޓް ނަންބަރު 1، އަޙްމަދު މުޖްތަބާ (ދަފްތަރުމުޖޭ)އަށް ވޯޓު ދެއްވުމެވެ.