ads
ދަ ޑިމޮކްރެޓްސް ކެންޑިޑޭޓް ލީލާ އިބްރާހިމް މަނިކު
ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކު ސަރުކާރު ފަޅިއަށް
ތ. ގުރައިދޫ ދާއިރާއަށް ވާދަކުރާ ދަ ޑިމޮކްރެޓްސް ކެންޑިޑޭޓް ލީލާ އިބްރާހިމް މަނިކު، އެ ދާއިރާއަށް ވެރިކަން ކުރާ ޕީއެންސީ އިން ވާދަކުރާ ކެންޑިޑޭޓް ހަނާން މުހައްމަދު ރަޝީދަށް ތާއީދު ކުރަން ނިންމައިފި އެވެ.

ގުރައިދޫ ދާއިރާގެ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ސަރުކާރު ކެންޑިޑޭޓަށް އެންޑޯޒް ކުރިއިރު، އެ ދާއިރާއަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކެންޑިޑޭޓެއް ނުނުކުމެއެވެ. 

ޕީއެންސީގެ ކެންޑިޑޭޓްގެ އިތުރުން ދެން އެ ދާއިރާއަށް ވާދަކުރަނީ އަމިއްލަ ކެންޑިޑޭޓެކެވެ. ގުރައިދޫ ދާއިރާއަކީ އަބަދުވެސް ޕީޕީއެމްއަށް ތާއިދު ބޮޑު ދާއިރާއެކެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތުން އެންމެ ގިނަ ވޯޓު ލިބުނު އެއް ދާއިރާއަކީ އެއީ އެވެ.

ޑިމޮކްރެޓްސްގެ ލީލާ، ޕީއެންސީގެ ހަނާން މުހައްމަދު ރަޝީދަށް ތާއީދުކުރަން ނިންމައިފައިވާ ކަން ހާމަކުރަން މިރޭ ބޭއްވި އިވެންޓްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ލީލާ ނިންމި ނިންމުމަކީ ވަރަށް ކެރިގެން ނިންމި ނިންމުމެއް ކަމަށާއި އެއީ ގައުމަށާއި ދާއިރާއަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކިގެން ނިންމި ނިންމުމެއް ކަމަށެވެ.

މިއީ މަޖިލީހުގެ އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބުގެ ރޭހުން ފަހަތަށް ޖެހި، ސަރުކާރުގެ ކެންޑިޑޭޓަށް ތާއިދުކުރަން ނިންމި ދެވަނަ ކެންޑިޑޭޓެވެ. މީގެކުރިން ތިމަރަފުށީ ދާއިރާ އަށް ވާދަކުރާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ފާތިމަތު ޒިލްމާ ވަނީ، އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ އަހްމަދު ރިޔާޒަށް ތާއީދުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް