އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ މަޖިލިދސް އިންތިހާބުގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން ވޯޓަށް ނުފޫޒު ފޯރުވުމަށް ވަޒީފާ ދިނުމާއި އަދި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމުން ވަޒީފާގެ ބިރު ދެއްކުން ފަދަ ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިނގަމުންދާކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބެމުން އަންނަކަމަށެވެ.
މީގެއިތުރުން ރިޝްވަތު ދިނުމާއި ދޮގުވާހަކަ ފެތުރުމާއި ކެމްޕެއިން ޕޯސްޓަރުތަކަށް ގެއްލުދިނުމާއި ކެމްޕެއިނަށް ހުރަސްއެޅުމުގެ އަމަލުތައްވެސް ހިންގަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށް އެޗްއާރުސީއެމުންް ބުނެއެވެ.
ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަކަށް ނުވަތަ އެއްވެސް ފަރުދެއްގެ ވޯޓު ދިނުމުގެ ހައްގަށް އުނިކަން އަތުވެދާނެ އަމަލުތަކުން ދުރުހެލިވުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ. އަދި މި ފަދަ އަމަލުތައް ކުރާ ފަަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކަށްވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ގޮވާލާފައެވެ.