ads
ހަންކެޑެ މަޝްރޫއު އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ - ފޮޓޯ: އެކްސްޕްރެސް ނިއުސް
ހަންކެޑެ މަޝްރޫއުއަކީ އައްޑޫ ގިނަ ބޭފުޅުންގެ ވަޒީފާގެ ހައްލު: އިހުސާން
އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރިއަށްގެންދާ ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއަކީ އައްޑޫ ގިނަ ބޭފުޅުންގެ ވަޒީފާގެ ހައްލު ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

"ހަންކެޑެ މަޝްރޫއު" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ރޭ ވިދާޅުވީ، މި މަޝްރޫއާއެކު ސިދާގޮތުންނާއި ނުސީދާގޮތުން އައްޑޫގައި 3000 ވަޒީފާ އުފެދިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން މި މަޝްރޫއުގެ އަޑު އައްޑޫ ރައްޔިތުން އަޑުއަހަމުން އަންނަކަމަށާއި، ނަމަވެސް އެކަން ހަގީގަތަކަށް ވެގެންދާނީ މި ވެރިކަމުގައި ކަމަށެވެ. އަދި އެތައް އަހަރެއް ވާންދެން އައްޑޫ ރައްޔިތުން އިންތިޒާރުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްއޮތް ދެ ހަފްތާގެ ތެރޭގައި ފެށިގެންދާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"2082 އެނދު އެއީ މި ޕްރޮޖެކްޓުގެ ވައުދަކީ. މިއާއެކު އުފެދިގެން މި އަންނަނީ 1986 ސީދާ ވަޒީފާ. ނުސީދާގޮތެއްގައި 1635 ވަޒީފާ. މިއީ އައްޑޫ ސިޓީގައި މިވަގުތު ވަޒީފާތަކަށް ބޭނުންވެފައިތިބި ގިނަ ބޭފުޅުންގެ އެ އުއްމީދަށް ހައްލެއް އަންނާނެ ޕްރޮޖެކްޓެއް." މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްރޫއު ނިމޭއިރު އެ ސަރަހައްދަށް ކާޕެންޓްރީ، ހޯލް ސޭލް ވިޔަފާރި އަދި ޓުއާ ގައިޑިން ސިނާއަތް ފަދަ ދާއިރާތަކުން ދިރުން ގެނުވައިދޭނެ ކަމުގަ އެވެ.

ހަންކެޑެ މަޝްރޫއު މެނޭޖް ކުރަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެފްއެމްސީ)އިންނެވެ. އަދި މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީއީސީ)އަށެވެ.

ދެ އަހަރުން ނިންމާ ގޮތަށް ރާވާފައިވާ މި މަޝްރޫއުގެ ދަށުން، ލަގްޒަރީ ވިލާތަކާއި ލަގްޒަރީ އެޕާޓްމަންޓްތަކުގެ އިތުރުން އައްޑޫއަށް ހާއްސަ މިއުޒިއަމެއް ވެސް އެޅުމަށް ހަމަޖެހިފައިވެ އެވެ. 

އައްޑޫ ސިޓީގެ ތާރީހުގައި ވެސް ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ހަންކެޑެގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނެސް، އައްޑޫ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުމެވެ. މިއީ 142.9 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް