ads
ސެކަންޑް ޗާންސް..!؟
(16 އޭޕްރީލް 2024 އާ ގުޅޭ) ލަކުޑި ދޮރު މެދުގައި ހަރުކޮށްފައިވާ ބިއްލޫރިގަނޑުން އަހަރެން އެތެރެ ބަލައިލީމެވެ. މިޒްރާ ބާއްވާފައިވަނީ އެހެން އެންމެންނާއި އެކަހެރި ތަނެއްގައެވެ. އަދިވެސް މިޒްރާ ހޭނާރައެވެ. ކޮޓަރީގައިވަނީ ފަނޑު އަލިކަމެކެވެ. ވާއަތުގެ އެތަން މިތަނަށް ވަނީ ކަށިހަރައި އޭތިމީތި ގުޅާފައެވެ. ކާރޑިއެކް މޮނީޓަރއިން ރެކޯޑްވަމުންދިޔަ އޭނާގެ ހިތުގެ ހަރަކާތްތަކަށް އަހަރެން ބަލައިލީމެވެ. ހިތް ފަޅައިގެން ދާވަރުގެ މަންޒަރެކެވެ. މިޒްރާގެ އެނދު ވަށައިގެން އެކި މެޝިންތައް ގުޅާފައި ހުއްޓެވެ.
Advertisement

އައިސީޔޫ ބޭރުގައި ހުރި ގޮނޑިއެއްގައި އަހަރެން އިށީނީމެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިލެވުނެވެ. އަތް ނުފޯރާ ހިސާބަށް ހާލަތު ބަދަލުވެ ފަސްދީފިއެވެ. ކުރެވޭނެ އެއްކަމެއްވެސް ނެތެވެ. އެކައުންޓުތަކުގައި މިލިއަނުން، ބިލިއަނުން ފައިސާ އެބަހުއްޓެވެ. އެކަމަކު އުއްމީދުގެ އެންމެ ސޫތެއްގެ މިންވަރުވެސް އަހަރެންގެ ބާރުގެ ދަށުގައި ނެތެވެ. މިޒްރާގެ ވަގުތު ޖެހިއްޖެ ކަމާއި، އަހަރެންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލާންވެސް ދެން މިޒްރާ ނުހުންނާނެކަން ހިތައް އެރުމުން، މި ހިތުގައި މިރިހޭ ރިހުން ބަޔާންނުކުރެވޭނެއެވެ.

"ދާންޖެހޭ ވަގުތު އައުމުން އަހަރުމެން ދޫކޮށް އެމީހުން ދާނެ.. އެކަމަކު އަހަރުމެންގެ ހިތާއި ރޫހް، އެ ހަނދާންތަކާއި ވަކިނުވާނެ... ހިތާއި ސިކުނޑީގައި ބިންވަޅުނަގާފައިވާ ހަނދާންތަކާއި ދުވަހަކުވެސް ވަކިވުމެއް ނެތް... ލޯބިވާ މީހުން ބީވެ ދިއުމުން، އަލުން ހޯދަން ބޭނުންވޭ.. ގެއްލި ދިއުމަށްފަހު އެނބުރި އައުމެއް ނެތްކަން އެނގިތިބެ... ދެން އޮތް މަރުހަލާއަކީ އެ ހަނދާންތަކުން ލިބޭ އެހީގައި އަހަރުމެންގެ ޚިޔާލީ ދުނިޔެ އާރާސްތު ކުރުން.. އެ ހިތްގައިމު އަޑުތަކާއި، އެ ލުއި ހިނިތުންވުމުގެ އަސަރުތަކާއި ލޮބުވެތި ހަރަކާތްތަކުން، އެމީހުންނަށް ޓަކައި އަހަރުމެންގެ ހިތާއި ރޫޙްގައި ގަނޑުވަރެއް ބިނާކުރުން..."

އަހަރެން ކުރިމަތީގައި ހުރި އުމުރުން ދުވަސްވީ އަންހެން މީހާއަށް ބަލައިލީމެވެ. އޭނާގެ އެ ޖުމުލަތައް އަހަރެންގެ ސަމާލުކަން ހޯދިއެވެ. އެއީ ދުނިޔެއިން ތަޖުރިބާ ހޯދާފައިވާ މީހެކެވެ. އޭނާ އެ ބުނީ ތެދެކެވެ. އެއިން ކޮންމެ ލަފްޒަކީ ތެދު ހަގީގަތެވެ. އެކަމަކު އެއިގެ މީހަކަށް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ޚިޔާލީ ދުނިޔެއެއްގައި ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ބޭނުމީ ހަގީގަތެވެ. ހިތާއި ރޫޙް ގުޅިފައިވާ ހަޔާތެކެވެ. އަހަރެން ބޭނުމީ ހަގީގީ ބީހިލުމުން ކުރެވޭ އިހްސާސްތަކެވެ.

"ވެން ޝީ ލޭ ދެއަރ ސެންސްލެސް އޮން މައި ލެޕް... އައި... އައި ތޯޓް އައި ލޮސްޓް ހަރ... ފޮރެވަރ.." އޭނާގޭ މޫނަށް ބަލައިލަމުން އަހަރެން ބުނީމެވެ.

ލޮލުން ވެއްޓުނު ކަރުނަތިކި އަހަރެންގެ ކޯތާފަތް ހުރަސްކޮށް ދެމިގަތެވެ. ފިރިހެނަކަށްވިޔަސް، ހުއްޓުމެއްނެތް ކަރުނައަޅަން އަހަރެން ލަދެއް ނުގަނެއެވެ. އަހަރުމެންގެވެސް ހުންނަނީ ކައްޓާއި މަހާއި ލެޔެވެ. ވިސްނަނީ ސިކުނޑީންނެވެ. ވޭން އިޙްސާސްކުރަނީ މޭގައިވާ ހިތުންނެވެ. އަހަރެންގެ ލޮލުން ކަރުނަ ނުހިކޭތީ މީހަކު ބުނެފާނެ އެއްޗަކަށް ފަރުވާލެއް ނެތެވެ.

އަހަރެންނާއި ދާދި ގާތުގައި އޭނާ އިށީނެވެ. ކުރިއެކޭ އެއްގޮތަށް އަނެއްކާވެސް އޭނާގެ އަޑު އިވުނެވެ.

"ވަކިވެ ދިއުމަކީ ވިސްނާލަންޖެހޭ ކަމެއް.... އަހަރުމެން އަތުން ވީއްލިގެން އެދިޔައީ ކިހައިވަރެއްގެ ކޯންޗެއްކަން އަންދާޒާކުރެވެން ޖެހޭ.... އިންސާފާއި ނާއިންސާފުން ކުރެވުނު ކަންކަން ދެނެގަތުމަށްޓަކައި... އެކަމަކު ދުނިޔެއަށް ލޯ މިހުޅުވެނީ ވަގުތު ފާއިތުވާ ފަހުން...." ތަޖުރިބާއިން ފިލާވަޅެއް ބުނެދިނުމަށްފަހު އޭނާ ހިމޭންވި އެވެ.

ހިންދިރުވާލާފައި އަހަރެންގެ ކުށްވެރި ޞަފްހާއިން ބައެއް ހިއްސާކުރެވޭތޯ ހިތްވަރު ކުރީމެވެ.

އަހަރެންގެ ރަޙުމުކުޑަ އަނިޔާތަކާއި، ޒަހަރަށްވުރެ ވިހަގަދަ ބަސްތަކުން އޭނާގެ ހިތް ކުދިކުރީމެވެ. އެކަމަކު، ކޮންމެ މަރުހަލާއެއްގައި، ކޮންމެ ހިނދެއްގައި އަހަރެންގެ ވޭންތަކަށް ފަރުވާދިނީ ހަމައެކަނި އޭނާއެވެ. ހައްގުން ކަމަކާއި ނުލައި ކޮންމެ ދުވަހަކު އެއްޗެހި ކިޔަމެވެ. އެއްގޮތް ނެތިއްޔާ އަނެއް ގޮތަކުންވެސް އޭނާދެކެ ރުޅިއަންނާނެ ގޮތެއް ހޯދީމެވެ. މިހުރިހައި ކަމެއް އަހަރެން ކުރީ، އެއިން ކޮންމެ ކަމަކާއި  ކުރިމަތިލާނެ ހިތްވަރު އޭނާގައިގައި ހުންނާނެކަން ޔަގީން ކޮށްފައެވެ. އެކަމަކު.. އަހަރެންގެ ވިސްނުމުގެ ދޯހަޅިކަމާއި، އަހަރެންގެ އަމަލުތަކަކީ ކިހައި ދަށުދަރަޖައިގެ އަމަލުތަކެއްކަން އިހްސާސްވީ،..... އެވަގުތު އޭނާ ފެނުމުންނެވެ! އަދި މިޒްރާއަކީ އަހަންނަށް ކިހައި ވަރެއްގެ، ކިހައި މުހިއްމު ކުއްޖެއްކަން...... އިހްސާސްވީ އެވަގުތުއެވެ.

"ލައިފް އިޒް އަންޕްރެޑިކްޓަބަލް.. ޔޫ ހޭވް އިޓް ޓުޑޭ.. ބަޓް މޭބީ ދެއަރސް ނޯ ނެކްސްޓް ޑޭ! ދަ ޑޭ ޝީ ކޭމް ހިއަރ، އިޓް ވޯޒް ވިސިބަލް ޝީ ވޯޒް ސަފަރިންގ..!

ލަދުން އިސްޖަހައިލެވުނެވެ. އޭނާގެ ގާތަށް އައި ފުރަތަމަ ފަހަރުވެސް އޭނާ މިޒްރާގެ ހާލަތު ދެނެގަތެވެ. އަހަރެންގެ ދާދި ގާތުގައި އެތައް ދުވަހެއް ހޭދަކުރީރުވެސް އެއިން ކަމެއް ފާހަގަކުރާން ނުކުޅެދުނެވެ. އޭނާގެ ވާހަކަ ނުނިމެއެވެ. އަހަރެންގެ ލަދުވެތިކަން، ސިކުނޑި ބަރުކޮށްލީ އެވެ.

ފާޅުކޮށް ފެންނާން ހުއްޓަސް، މިޒްރާގެ ހާލަތާއިމެދު އޭނާ ސުވާލުނުކުރާކަމާއި، އަދި އަދަށްވެސް އެކަމާއި ބެހޭ ގޮތުން އެއްވެސް ސުވާލެއް ނުކުރާކަމަށް ބުންޏެވެ. އަޅުކަމުގެ ވާޖިބު ފުރިހަމައަށް އަދާކުރުމަށްފަހު، ކަޅު އަނދިރިކަމަށް ބަލަހައިޓެން ކުޑަދޮރު ކައިރީގައި އިނދެއެވެ. އޭނާގެ ހަށިގަނޑުގައި ހަކަތައިގެ ކުޑަވެސް މިންވަރެއް ނުވެއެވެ. އެއީ އޭނާ ބަލިކަށިވެގެން ނޫނެވެ. އެކަމަކު ވަރުބަލިވެގެންނެވެ! ކުރަމުންދާ ފިކުރުތަކާއި އެނބުރެމުންދާ އިހްސާސްތަކާ ހެދި ވަރުބަލިވީއެވެ. ނުވަތަ ކުރެވިފައިވާ ބޮޑު ކުށެށްގެ ސަބަބުން ނަފުސުގެ އިތުބާރެއް ނެތީއެވެ. އޭނާ އެއްވެސް ކަމަކަށް އުއްމީދެއް ނުކުރެއެވެ. ބައެއްފަހަރު، ފެނުނު މަންޒަރަކީ ދިރިއުޅުމަށް ދެވަނަ ފުރުސަތެއް އޭނާގެ އުއްމީދުގެ ޞަފްހާގައި ލިޔެފައިވެސް ނެތުމެވެ.

"އިޓްސް އޯލް މައި ފޯލްޓް" އޭނާގެ ވާހަކަ ނިންމާލުމުން އިސްޖަހާލާފައި އަހަރެން ބުނީމެވެ.

"ޔެސް މޭބީ... މޭބީ ނޮޓް"

ދެން މިޒްރާ ގާތު އަހަރެން ބުނަންވީ ކީކޭތޯ ސުވާލުކުރީމެވެ!

ނެތް އުއްމީދެއްގެ ހުޅުކޮޅެއް ރޯ ނުކުރުމަށް ނަސޭހަތްދިނެވެ. އެއީ އުނދަގޫކަމެއް ކަމާއި އަހަރެންގެ ހިތްވަރު ގަދަކުރާން ހަނދާން ކޮށްދިނެވެ.

އެއްބަސްވަމުން އަހަރެން ބޯޖަހައިލީމެވެ. އަހަރެންގެ ބުރަކަށީގައި އޭނާ ފިރުމާލިއެވެ.

"ތިންގްސް ވިލް ގެޓް ބެޓަރ.. ދޭ އޯލްވޭޒް ޑޫ!" ލުއި ގޮތަކަށް ބުނެލާފައި އޭނާ ހިނގައްޖެއެވެ.

.........

ފާއިތުވީ ކިތަށް ގަޑީރުކަމެއް ނޭގެއެވެ

ކުއްލިޔަކަށް ވަރަށް ފިނިގަދަ ވައިރޯޅިއެއް އަހަރެންގެ ގައިގައި ބީހިލާފައި ތުރުތުރު އަޅުވައިލުމުން އަހަރެން ބަލައިލީމެވެ. އިށީންދެގެން އިން ފެންޑާގެ އަރިމަތީން ކުޑަދޮރެއް ހުރީ ހުޅުވާފައެވެ.

ތެދުވެގެން ގޮސް ކުޑަދޮރުކައިރީގައި ހުއްޓި ބޭރު ބަލައިލީމެވެ. ދުންފިނީގެ އަސަރުތައް ދުރުން ފެނެއެވެ. ކުރިމަތީގައި އޮތީ ހިތްގައިމު ބޮޑު ޕާކެކެވެ. އުމުރުން ދުވަސްވީ ފިރިހެނަކު އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އޭނާގެ ގާތުގައި ހަމަ އެ އުމުރުގެ އަންހެނަކު އިނެވެ. ފެންނަފެނުމަށް ހީވަނީ އޭއީ އޭނާގެ އަނބިމީހާ ހެނެވެ. އެމީހުން ވަށައިގެންވަނީ އަނދިރިކަމެވެ. އެކަމަކު އެ މަންޒިލްގައި ދެމީހުން، އެކަކު އަނެކަކާއެކު ވަގުތު ހޭދަކުރަމުންދިޔައީ އަނދިރިކަމަށް ކުޑަވެސް ފަރުވާލެއް ނެތިއެވެ. ފަހަރެއްގައި ލޯތްބަކީ އެއީ ކަމަށްވެސް ވެދާނެއެވެ. އެކަކު އަނެކެއްގެ ފަރާތުން ލިބިދޭ ރައްކާތެރިކަމުގެ ސަބަބުން ހިތް ފުރާލަދިނުމެވެ. އެއީ އަމިއްލަ އެދުމެއް، ބަދަލު ހިފުމެއް ނުވަތަ ހުށަހެޅުންތަކަކާއި ޝަރުތުތަކެއް ނެތް މާތް، ސާފު ގުޅުމެކެވެ.

ހުދޫދެއް ނެތް މިންވަރަށް ތިބާދެކެ ލޯބިވާ މީހަކަށް، އެއަށްވުރެން މަތިވެރި ލޯތްބެއް ތިބާގެ ހިތުގައި އުފެދިއްޖެކަން އިހްސާސް ވުމަށްވުރެން ބޮޑު އުފަލެއް މިދުނިޔޭގައި ވާނެބާއެވެ!

މަތީން ފެންނާން އޮތް އުޑަށް  ބަލައިލީމެވެ. ވިދާ ބަބުޅަމުންދިޔަ ތަރިތަކުން ކާއިނާތުގެ ރީތިކަން އިތުރުވެފައި ވެއެވެ.

އަހަރެންގެ އިހްސާސްތައް ދެނެގަންނާން ވަގުތު ނަގައިފިއެވެ. އެކަމަށް މާބޮޑަށްވެސް ލަސްވެއްޖެއެވެ. އެކަމަކު މިޒްރާ، އަހަންނާއި ވަކިވުމުގެ ކުރީން، މި އިހްސާސްތައް އޭނާއަށް ބުނެދެވޭނެ ކަމުގެ ހިތްހަމަޖެހުން ލިބެއެވެ. އަހަރުމެން ދެމީހުންނަށްޓަކައި މިންވަރުފުޅުގައި ކަނޑައެޅިފައިވާ ގޮތަކީ މިއީ ކަމަށް ފަހަރެއްގައި ވެދާނެއެވެ. ކެއްކުރުން ނޫން ގޮތެއް ނެތެވެ!

"އަތު ހުރި ބާރެއް ލާފައި އަހަރެންގެ މޫނުމަތީގައި ޖަހާފައި، މިޒްރާ އަހަރެން ދެކެ ލޯބިވާކަމަށް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަންނަމަ، ފަހަރެއްގައި ކަންތައްތައް... މި ނޫން ގޮތަކަށް... ބަދަލުވުންވެސް އެކަށީގެންވޭ" ބޭރަށް ބަލައިލަމުން އަހަރެން އަމިއްލަ ނަފުސަށް ބުނީމެވެ. ފިނި ވައިރޯޅި ހުރަހެން ނެތި އަހަރެންގެ މޫނަށް އަމާޒުވަމުން ދިޔައެވެ.

"ސަރ؟ އެކްސްކިއުޒް މީ!"

އައިސީޔޫގެ ބޭރުގައި ހުރި ސޯފާއެއްގައި އޮށޯވެލިތަނާ އަހަންނަށް ނިދުނީއެވެ. މިތާ އަހަރެން އޮށޯތީވެސް ބިއްލޫރިގަނޑުން މިޒްރާ ދެކިލާފައި އައިހެވެ. އޭރުވެސް އޭނާ ހޭނާރައެވެ.

"ސަރ؟"

ކުރިމަތީގައި ހުރި އަންހެން ކުއްޖަކު އަހަންނާއި  ވާހަކަދައްކާހެން ހީވެގެން ބަލައިލީމެވެ. އޭނާހުރީ ނަރުހުންގެ ޔުނިފޯމްގައެވެ. ވާނުވާ ނޭގިފައި އިރުކޮޅަކު އޮތީމެވެ. އޮވެވުނީ ކޮންތާކުކަމާއި މިވަނީ ކީއްކަން ރެއަކާލުމުން ތެޅިގަނެވުނެވެ. އަހަރެންގެ ހާލަތު އެނގުމާއެކު އޭނާ އަނެއްކާވެސް ވާހަކަދެއްކިއެވެ.

"ސަރ، ދި ޕޭޝަންޓް އިޒް ސްޓޭބަލް ނައު.. ޔޫ ކޭން ގޯ އިން އިފް ޔޫ ވޯންޓް" އޭނާ ބުންޏެވެ. މި ހުރިހައި އިރު މިތަނުގައި މި އިނީ އެކަމުގެ އިންތިޒާރުގައެވެ. ލިބުނު ހިތްހަމަޖެހުމުގައި ހިނިތުންވެލީމެވެ.

"ތޭންކް ޔޫ" އަދަބުވެރިކަމާއެކު އޭނާއަށް ޝުކުރުއަދާކުރަމުން ބޯ ޖަހައިލީމެވެ.

............

ހަށިގަނޑުގައި ހުރި ހުރިހައި ހިތްވަރެއް ނެރެމުން އައިސީޔޫގެ ދޮރު ހުޅުވާލީމެވެ. މިޒްރާއަށް ޚާއްސަވެފައިވާ އެނދުގައި އޭނާ އުނަގަނޑު ދަށަށް ބާލީހެއް ލައްވައިލައިގެން އިށީންދެ އިނެވެ. ކުޑަދޮރުން ބޭރަށް ބަލަން އިނދެފައި، އަހަރެން އެތެރެއަށް ވަންކަން އެނގުމުން އަހަރެންނާއި ދިމާއަށް އެނބުރުނެވެ.

ބަލިގޮތަކަށް ހިނިތުންވެލައިންގެން އިން އިރުވެސް ލޮލުން ކަރުނައިގެ އަސަރު ފެނެއެވެ.

އޭނާގެ އެނދުގައި އަހަރެން އިށީނީމެވެ.

"ނާދިފް އަށް ތިޔަ އާދެވުނީ، އަހަރެން ދާންވީ ވަގުތު ޖެހުމުން"

މިޒްރާގެ ޖުމުލަ ނުނިމެނީސް އޭނާގެ ކޯތާފަތް ހުރަސްކޮށް ކަރުނައިގެ ކޯރު ދެމިގަތެވެ. އެބުނި ޖުމުލައިގެ މާނަ ހޯދަން ގޫގުލްގެ ބޭނުން ކުރާކަށް އަހަރެން ނުޖެހެއެވެ. އެކަމަކު، އެކަމަށް މިހިތުން ހުއްދަ ދޭނީ ކިހިނެއް ހެއްޔެވެ؟ އެޖުމުލައިގެ ބާރު އަހަރެންގެ ހިތް ފުނޑުފުނޑު ކޮށްލިއެވެ. އެކަމަކު ކުރެވޭނެ އެއްކަމެއްވެސް ނެތެވެ. މިޒްރާގެ މޫނަށް ބަލައިލީމެވެ.

"މިޒްރާ... އައި...." ހިތްވަރު ކޮށްފައި ވާހަކަދައްކަން އުޅުނީމެވެ.

"ޑޯންޓް—" އަހަރެން ހުއްޓުވަން އޭނާ މަސައްކަތްކުރިއެވެ. އެކަމަކު މިފަހަރު މިޒްރާ ހުއްޓުވީ އަހަންނެވެ. އަދި އަހަރެންގެ އަތުގެ ތެރޭގައި މިޒްރާގެ ކުޑަކުޑަ އަތް ބާއްވައިލާފައި ފިރުމާލީމެވެ.

"އިހްސާސާއި... ޖަޒްބާތާއި... މިކަހަލަ ކަންކަމުގައި ހަގީގަތުގައި އަހަންނަށްވުރެން ނާގާބިލު އެހެންމީހަކު ދުނިޔޭގައި އުޅޭ ކަމެއްވެސް ނޭގެ.. މިކަން އެންމެ ރަގަޅަށް އިނގޭނީވެސް މިޒްރާއަށް..! އެކަމަކު، މިއަދު އަހަރެން ވާހަކަ ދެއްކިޔަދީ ޕްލީޒް...!" އަހަރެން އާދޭސް ކުރީމެވެ.

ފުންނޭވާއެއްލާފައި އަހަރެން އަތުގައި އޮތް މިޒްރާގެ އަތަށް ބަލައިލީމެވެ. މިހާލަތުގައި އަހަރެންގެ ކަރުނަ މިޒްރާއަށް ދައްކާކަށް، ނުވަތަ އަހަރެންގެ ލޮލުން ކަރުނައެއް ވެއްޓޭތަން މިޒްރާއަށް ފެންނާކަށްވެސް ބޭނުމެއް ނޫނެވެ. އެކަމަކު އޭގެ ކޮންޓްރޯލެއް އަހަރެން ކިބައިގައި ނެތެވެ. މިޒްރާއަށް އެކަން ފާހަގަކުރެވޭނެ ކަންވެސް އިގެއެވެ.

"އެންމެ ފަހަރަކުވެސް.... އެއްވެސް އެއްޗެއް ނުބުނީ ކީއްވެ؟! އެކަމެއް ވާނެގޮތަކަށް ވުމަށް ދޫކޮށްލައިގެން ހުރީ ކީއްވެ!؟ ކީއްވެ މިޒްރާ؟ އެންމެ ފަހަރަކު ބުނެލިނަމަ.. ހަމަ އެންމެ ފަހަރަކު.. އެދަވަހު އަހަރެންގެ އުނގުމަތީގައި އެގޮތަށް އޮއްވަ ފެނުނު ވަގުތު... އަހަރެން ހީކުރީ އެވަގުތު، މުޅިއުމުރަށް އަހަންނާއި މިޒްރާ ވަކިވީކަމަށް..! އެވަގުތު ވީ ގޮތްތަކެއް ބުނެދޭކަށްވެސް ނޭގެ... އަހަރެންގެ އަމިއްލަ ނަފުސަށް ބަދުދުޢާވެސް ކުރެވުނު....ލިބުނު ހިތްދަތިކަމެއް ނޭގެ ބުނެދޭކަށް.. ހިތާމައާއި، ހިތްދަތިކަމާއި އަހަރެންގެ އަތުން މިޒްރާ ބީވުމާއި.... މިހުރިހައި ކަމަކަށް އަހަރެންގެ ކުށް، އަންދާޒާ ކުރަންވެސް ނޭގުނު.. ހަގީގަތުގައި އެ އިހުސާސްތަކަށް ދޭނެ ނަމެއް ނޭގުނީ.. އެއީ މުޅިން ތަފާތު އިހްސާސްތަކެއް.....

އަހަރެންގެ ހަޔާތަށް މިޒްރާއައި ފުރަތަމަ ވަގުތުން ފެށިގެންވެސް ހުރިހައި ކަމެއް އައީ ބަދަލުވަމުން.. އެއީ ހެޔޮ، ރަގަޅު ބަދަލުތަކެއް.. އަހަރެންގެ އެކަނިވެރިކަމާއި ހިތްދަތި ދިރިއުޅުން މަޑުމަޑުން މިޒްރާއާއިއެކު ހަމަޔަކަށް އެޅެމުން، ހިތުގެ ހުސްކަން ފޫބެދި ހުރިހައި ކަމެއްއައީ ރަގަޅު މިސްރާބަށް ދަތުރުކުރަމުން.. އަހަރެންގެ އަމިއްލަ ނަފުސު ކުއްވެރިކުރެވި، އެކަންކަމަށް އަދަބު ލިބިގަތުންފަދަ ހުރިހައި ކަމެއް ބަދަލުވި..

އެކަމަކު ކުއްލިޔަކަށް އަނެއްކާވެސް ކުރީގެ ހާލަތައް އަހަރެން ދޫކޮށްލާފައި މިޒްރާ ދިޔައީ... ޔޫ... ޖަސްޓް ލެފްޓް! އަހަންނަށް އިނގޭ، އަހަރެން ގަބޫލުވެސްކުރަން.. ހުރިހައި ކުށެށް ކުރީ އަހަރެން.. ހުރިހައި ގޯހެއް ހެދީ އަހަރެން.. ހަރުކަށިކަމާއި، ނަފްރަތާއި، މަލާމާތާއި ލާއިންސާނީ ހުރިހާ ކަމެއް އަހަރެން ކުރީން.. މިޒްރާ! އެއީ އަހަރެންގެ ހަގީގަތް.. އެއީ އަހަރެން އުޅެމުން އައި އުޅުން! އެކަމަކު މިޒްރާ ތީ އެންމެ އިންޓެލިޖެންޓް ކުއްޖާ ދޯ...... ދެން ކީއްވެ...؟ އެންމެ ފަހަރަކު... ހަމަ އެންމެ ފަހަރަކު.. އަހަރެން ކައިރީގައި ބުނެލިނަމަ..."

މިޒްރާއާއި ދިމާއަށް އަހަރެން ބަލައިލީމެވެ. މަޑުމަޑުން ގިސްލަމުން ރޮނީއެވެ. ރަތްވެފައިވާ މޫނުގައި އަދި އޭނާގެ މަޑުމަޑު ކޮލުގައި އަހަރެން ފިރުމާލީމެވެ. ކުރިއަށްވުރެން ބާރަށް ރޯން ފެށިއެވެ.

-ނުނިމޭ-

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް