ads
ތިނަދޫއަށް ސިޓީގެ ދަރަޖަ ލިބުމުން އަލުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެ ސިޓީގެ ކައުންސިލަރުން
ސިޓީއަކަށް ބަދަލުވުން ތިނަދޫ ކައުންސިލަރުން އަލުން ހުވާކޮށްފި
ސިޓީއެއްގެ ދަރަޖަ ރަސްމީކޮށް ލިބުުމުން ގދ. ތިނަދޫގައި ކައުންސިލަރުން އަލުން ހުވާކޮށްފިއެވެ.

ކައުންސިލްގެ މެމްބަރުން އަލުން ހުވާކުރުން އޮތީ ރޭ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. ތިނަދޫއަށް ސީޓީގެ ދަރަޖަ ލިބުމުން ސިޓީގެ މޭޔަރަކީ ކުރީގެ ކައުންސިލްގެ ރައީސްއަކަށް ހުންނެވި ސައުދު އަލީއެވެ. ޑެޕިއުޓީ މޭޔަރަކީ ނައިބު ރައީސަކަށް ހުންނެވި ނަސްރުﷲ އަލީއެވެ. 

your imageތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ހުވާކުރުމުގެ ރަސްމިއްޔާތައް ވަޑައިގަންނަވަނީ 

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބަދަލު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވީ މިދިޔަ މާރިޗުމަހުގެ 27 ގައެވެ. 

އެ ބިލުގައި ވާގޮތުން ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާއިރު އެ ރަށް ނުވަތަ ރަށްތައް ތަމްސީލުކުރާ ކައުންސިލްގެ ދައުރު ހަމަވުމަށް އެއް އަހަރު ދުވަހަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ސިޓީއެއްގެ ދަރަޖަ ލިބިގެންދާނީ އަލަށް އެކުލަވާލެވޭ ކައުންސިލްގެ އިންތިހާބަށް ފަހު އެވެ.

ނަމަވެސް އެ ކައުންސިލްގެ ދައުރު ހަމަވުމަށް އެއަށްވުރެ ދިގު މުއްދަތެއް އޮތްނަމަ، އެ ރަށް ނުވަތަ ރަށްތަކަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި، ސިޓީއަކަށް ބަދަލުވާނެ ކަމަށް ވެސް އިސްލާހުގައި ވެއެވެ. އެހެންކަމުން, ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުކުރުމަށް މިހާރު ގާނޫނީ ހުރަހެއް ނެތެވެ.

ސިޓީއެއް އުފައްދަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ކަމަށްވާނަމަ، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލް އެ ހިނދުން ފެށިގެން އުވޭނެ ކަމަށް ވެސް އޭގައި ބަޔާންކޮށްފައިވެ އެވެ, އަދި އަތޮޅު ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ތަންތަނާއި، ދެމުން ގެންދިޔަ ހިދުމަތްތައް ކުރިއަށް ގެންދާނީ އަލަށް އުފެދޭ ސިޓީ ކައުންސިލުންނެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ މިިދިޔަ ސަރުކާރުގައި 31 އޮގަސްޓް  2023 ގައެވެ. އެ ކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިއުލާން ކުރެއްވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން ތިނަދޫގައި ބޭއްވި ޖަލްސާއެއްގައެވެ. 

ރައީސްގެ ގަރާރާއިއެކު ތިނަދޫ އަކީ ސިޓީއެއް ކަމަށް ކަނޑައެޅުމާއެކު، މިހާރު އޮތް ރަށު ކައުންސިލަށް ލިބިދޭ ބާރުތައް ދިނުމުގައި ހުރި އިދާރީ ގޮންޖެހުންތައް ހައްލު ކޮށްދިނުމަށް އެދި އެ ރަށުގެ ކައުންސިލުން މަޖިލީހަށް ސިޓީއެއް ފޮނުވާފައިވެ އެވެ. ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ އެހެންވެއެވެ.

ތިނަދޫއަކީ ރާއްޖޭގައި ކަނޑައެޅުނު ފަސް ވަނަ ސިޓީ އެވެ. ތިނަދޫގެ އިތުރުން، ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ވެރިކަންކުރާ މާލެއާއި އެންމެ ދެކުނުން އައްޑު އަތޮޅާއި ފުވައްމުލަކު އަދި ރާއްޖޭގެ އުތުރުން ހދ. ކުޅުދުއްފުއްޓަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް