"މިޒްރާ.. އައި ޑޯންޓް ވޯންޓް އެނީ ރިގްރެޓްސް އިން މައި ލައިފް.. އަހަރުމެން ދެމީހުން އެކުގައި ގަދަ ކަނޑުގައި، އުނދަގޫ ދަތުރެއްކޮށްފައި މިހިސާބުގައި މި ތިބީ.. އަހަރެންގެ މި ތަންދޮރު ނުދަންނަ ހިތައް މީގެކުރީން ނުވިސްނުނަސް، އިހުސާސްތައް ދެނެގަންނާން ނުކުޅެދުނަސް، ނޫނީ ވާނުވާ ނޭގިފައި ވިޔަސް، ހަގީގަތަކީ އަހަރެންނަށްޓަކައި އަބަދުވެސް އެންމެ ގާތުގައި ހުރީ މިޒްރާ... އެހެން އެއްވެސް މީހަކު އަހަރެންނާއިމެދު ކަންތައް ބޮޑުވެ، ނުތަނަވަސްވެ، އަހަރެން ރައްކާތެރިކުރުމަކަށް ނުވިސްނާ... އަހަރެންގެ ހާލެއް ދެނެގަންނާނެ އެހެން އެއްވެސް މީހަކުވެސް ނޫޅޭ.. އޮފީހުގައިވެސް އަހަރެން ފިކުރެއް ޚިޔާލެއް ނެތި އުޅުނީ އަހަރެންގެ ހުރިހައި ޒިންމާއެއް މިޒްރާ އަދާކުރަމުން، އަހަރުމެން ދެމީހުންގެ މަސައްކަތް މިޒްރާ ކުރަމުން ދިޔައީތީ.. އެކަމަކު މިހާރު އަހަރެން ދޫކޮށްލާފައި މިޒްރާ ތިޔަ ދަނީ..... އަހަރެން ކިހިނެއް ދުނިޔެއާއި ކުރިމަތިލާނީ..؟
ހެޔޮނުވާނެ، އަހަންނަށްޓަކައި..... އަހަންނަށް އިނގޭ ހަމައެކަނި ދުޢާއަކުން، އަހަރެންގެ ހަޔާތުގައި މިޒްރާގެ މަގާމު ފުރިހަމަވެގެން ނުދާނެކަން..... މިޒްރާއާއި ނުލައި އަހަރެން ކިހިނެއް ދިރިއުޅޭނީ...؟ އެކަނި ދިރިއުޅެން ދަސްކޮށްނުދިނީ ކީއްވެ..؟ މުޅި އުމުރަށް އަހަރެންގެ މިކުށްވެރިކަމުގައި ދިރިއުޅޭނެ ގޮތެއް ބުނެދީބަލަ..! އެއްފަހަރު އަހަރެންގެ އަތުން ބީވެ، އަހަންނަށް މިޒްރާ ގެއްލިއްޖެ... ފަހަރެއްގައި އަދިވެސް ހަމަ މި ވޭނީ އިހްސާސްތަކާއި މި ހިތާމަ އަހަންނަށް ތަހަންމަލް ކުރެވިދާނެ ކަންނޭގެ.. އެކަމަކު ބުނެދޭން ބޭނުމީ...
މިޒްރާ.... ޖަސްޓް ނޯ ދިސް.. އައި ލަވް ޔޫ...!
އުޑުގެ ތަރިތައް ވިދާ ބަބުޅާހައި ހިނދަކު މި ލޯތްބަށް ބަދަލެއް ނާންނާނެ.. އަހަރެންނާއި ކިތަންމެ ދުރަށް ދިއަޔަސް.. އަހަރެންގެ ހިތް ފިސްފިސްވެ ކުދިކުދި ވިޔަސް... ދުވަހަކު ލޮލަށް ނުފެނުނަސް... އަބަދުވެސް.. އަބަދުވެސް ލޯބިވާނަން.. ވަރަށް.. ވަރަށް.. ލޯބިވޭ.. އައި ލަވް ޔޫ ފޮރެވަރ!"
މިޒްރާގެ ދެލޯ ތަގުޅިކޮށްލިތަން ދުށީމެވެ. އެސްފިޔަތަކުގެ ތެރޭގައި ކަރުނަތައް ހުއްޓުވާލިއެވެ.
"ނާދިފް..."
އެންމެ ފަހުން، އަހަރެންގެ ނަން އަޑުއަހާލުމުގެ އުފާވެސް ލިބުނީއެވެ. އެކަމަކު މިވަގުތު ވާހަކަ ނުދެއްކުމަށް އެދި މިޒްރާގެ ތުންފަތުގައި އިނގިލި ޖައްސައިލީމެވެ. ފުރަތަމަ އަހަރެންގެ ހަރަކާތަށް، ދެން އަހަރެންގެ މޫނަށް މިޒްރާ ބަލައިލިއެވެ.
"މިއީ މިކަން ވުމަށް ތަޤްދީރުގައި ކަނޑައެޅި ނިމިފައި އޮތް ގޮތް" މިޒްރާގެ ތުންފަތުގައި އެއްކޮޅުން އަނެއްކޮޅަށް އަހަރެންގެ ބޮޑުވައިއިނގިލި ބީއްސައިލަމުން ބުނީމެވެ.
"ނާދިފް ފަރާތުން އެންމެ ވަޢުދެއް ބޭނުމީ.." މަޑުމަޑުން ބުންޏެވެ. ލުއިލުއި ހިނިތުންވުމަކާއެކު އަހަރެންގެ އަތް އުފުލާލާފައި އޭނާގެ ކޮލުގައި ބާއްވައިލިއެވެ.
އަހަރެން ބޮލުގެ އިޝާރާތުން އާއެކޭ ބުނީމެވެ.
"އަހަރެން ވަޅުލުމަށްފަހު ކަރުނައިން ފުރިފައިވާ ލޮލަކާއެކު ނާދިފް އަހަރެންނާއި ބައްދަލުކުރަން ނާންނާނެކަމަށް ވަޢުދުވޭ.. އެދުވަހެއްގެ ނުވަތަ އެ ހަފްތާއެއްގައި ނާދިފްއަށް ލިބުނު ކުރިއެރުމާއި ކާމިޔާބާއި، ކުރި ހުރިހައި ރަގަޅުކަމެއްގެ އިހްސާސްތަކާއެކު ތިޔަ ހިތުގެ ހެޔޮދުޢާ އަހަރެން ބޭނުމީ... އަބަދުވެސް އުފަލުގައި ހުރުމަށް މަސައްކަތްކުރާތި.. ހިނިތުންވުމާއި ރުޅިމަޑުކަމަކީ ނާދިފްގެ އެންމެ މަގްބޫލު ސިފަތައްކަމުގައި ހަދާތި... ހިތާމަ ނުކުރާތި.. އަހަރެންގެ މަތީން ހަނދާންވާ ކޮންމެ ފަހަރަކު ހިނިތުންވާން މަސައްކަތްކުރާތި..!"
އަހަރެންގެ ބަސް ހުއްޓުނެވެ. ބުނާނެ އެއްޗެއް ނެގުނެވެ. އެކަމަކު އޭނާގެ ނަން އަހަރެންގެ ދުލުން ބޭރުވިއެވެ.
"މިޒްރާ.."
އޭނާގެ ނަން، މީގެ ފަހުން ދުވަހަކުވެސް މިނަމުން ގޮވާލައި، އަދި އެއަށް އިޖާބަ ދިނުމަށް އަހަރެންނާއިއެކު މިޒްރާ ވާނެކަމެއް ނުވަތަ ނޫންކަމެއް ނޭގެއެވެ. އުނދަގޫ ނޭވާއެއް އަހަރެން ދޫކޮށްލީމެވެ. ދެން އިވުނީ މިޒްރާގެ އަޑެވެ.
"ނާދިފް.. ދިރިއުޅުން އާރާސްތުކޮށް، ދިރިއުޅުމައިގެން ކުރިއަށް ދާނެކަމަށް ވަޢުދުވޭ.. ނާދިފްގެ ހިތާމައިގެ އަސްލަކީ އަހަރެން ކަމުގައި ވާކަށް ބޭނުމެއް ނޫން.. މުޅި އުމުރު އެކުގައި ހޭދަކުރާނެ، ތެދުވެރި ބައިވެރިޔަކު ހޯދާނަން ކަމަށް ވަޢުދުވޭ.. ދެން.. ދެން އަދި ކުދިން ލިބުނީމައި.. ކޮންމެވެސް އެއް ކުއްޖަކަށް 'މިޒްރާ'ގެ ނަމުން ނަން ދޭނެކަމަށް އަހަރެން އުއްމީދުކުރަން.." ހަގީގަތެއް ނެތް، ލުއި ހިނިތުންވުމަކާއެކު މިޒްރާ ވާހަކަދެއްކިއެވެ.
އޭނާގެ ކޮންމެ ޢިބާރާތެއްގައި ރިހުން އެކުލެވިފައި ވާކަން ފާޅުކަން ބޮޑުކޮށް އެގެއެވެ. ފެންނަ ފެނުމަށް މިޒްރާގެ ޒަޚަމުތަކަށް ފަރުވާއެއް ލިބުމެއްވެސް ނެތެވެ. އެއީ ވަރަށް ފުން އަދި ތާޒާ ޒަޚަމްތަކެކެވެ. ލިބުނު ކުޑަކުޑަ ވަގުތުކޮޅުގައި، އެކަން ބަދަލުކުރާން އަހަންނަށް ކުރެވޭނެ އެއްކަމެއްވެސް ނެތެވެ. މިވަގުތު އަހަރުމެން ދެމީހުންގެ ހާލަކީވެސް މިއެވެ. ﷲއަށް ޝުކުރުވެރިވަނީ، މިވަގުތު އަހަރުމެން ދެމީހުން އެކުގައި ހޭދަކޮށްލަން ލިބުނީތީއެވެ. މިޒްރާ އަހަރެންނާއެކު ވާނަމަ، ދުނިޔޭގެ ކޮންމެ ރިހުމެއް، އުފަލާއެކު ތަހަންމަލް ކުރާނަމެވެ. އެކަމަކު އެއީ ހަމައެކަނި 'މިޒްރާއާއެކު' އެވެ!
އަހަރެންގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަ ހުއްޓުވާކަށް މަސައްކަތެއް ނުކުރަމެވެ. އެއިގެ ވާޖިބައިގެން ކުރިއަށްދިޔައެވެ. މިޒްރާގެ ވާހަކަތަކަށް އަހަރެން އަދި ޖަވާބެއް ނުދެމެވެ.
ބޮލުގެ އިޝާރާތުން އަހަރެން ނޫނެކޭ ބުނެލީމެވެ.
"ކިހިނެއްވީ؟ 'މިޒްރާ' އެނަން ކަމަކު ނުދޭތަ؟" ވިސްނުމުގައި އެހެން ނަމެއް އޮތީތަ؟" މިޒްރާ ސުވާލު ކޮށްލި އެވެ.
"ޔެސް!.......... އަމީރާ!" މިޒްރާގެ ލޮލަށް ބަލަމުން އަހަރެން ބުނީމެވެ.
"އަމީރާ..؟!"
"ހޫމްމްމް.. އަމީރާ.." މިޒްރާ ދައްކައިލަމުން އަހަރެން ބުނީމެވެ. އިތުރަށް ވިސްނުމަށްޓަކައި މިޒްރާގެ ދެބުމަ ގޮއްޖަހައިލި އެވެ.
"އަހަރެންގެ ރާނީގެ ބޮލުގައި ތާޖެއް އަޅުވާލުމުގެ ނަސީބެއް އަހަންނަށް ނުލިބުނަސް، އަހަރެންގެ ޕްރިންސެސް ކޮންމެވެސް ދުވަހަކުން ބޮޑުވެ، އޭނާގެ ބޮލުގައި ތާޖެއް އަޅުވާނެ، ކޮންމެވެސް ޕްރިންސެއް، ކޮންމެވެސް ދުވަހަކުން އޭނާއަށް ލިބޭނެކަމަށް އުއްމީދުކޮށްފައި... އެފަދަ ދުވަހެއް ނަޔަސް، ޕްރިންސެސްގެ މަންމައާއި ބައްޕަގެ ފަރާތުން އަބަދަށްޓަކައި އެ ލަގަބު ދިނުމަށް... އުފަންވުމާއެކު އެއީ އަހަރެންގެ ޕްރިންސެސް.. އަހަރެން ބޭނުމީ ތިހައި ލޯބިލޯބި، މިޒްރާ ކަހަލަ ޕްރިންސެސްއެއް..." ދެމީހުންގެ ލޮލުގެ ކަރުނަ އެއް މިސްރާބަކަށް ދަތުރުކުރިއެވެ.
"ކައިވެންޏެއް ކޮށްގެން ދެމަސްދުވަސް ވެފައިހުރި އަންހެންކުއްޖަކު..... ވަރޖިންގއެއްގެ ގޮތުގައި ހުރެ، ދުނިޔެ ނިމިދާން ދުވަހަކުވެސް ހިތަކަށް ނާރާނެދޯ" ރިހުމާއެކުވެސް ހީލެވޭތޯ މިޒްރާ މަސައްކަތްކުރިއެވެ.
ބަރު ހިލަގަނޑެއް އަހަރެންގެ ހިތް މައްޗަށް ވައްޓައިލިޔަސް، މިވަރު ތަދެއް ނުވާނެކަން ކަށަވަރެވެ. މިޒްރާގެ ޖުމުލަ އަހަރެންގެ އެންމެ ހިމަ ނާރުގެ މަސައްކަތްވެސް ހުއްޓުވައިލިއެވެ. ނޭވާލާން ކިތަންމެ އުނދަގޫވިޔަސް މިވަގުތު ކެތް ކުރާނަމެވެ.
އަހަރެންނާއި ދިމާއަށް ބަލައިލަމުން ހިނިތުންވާން މިޒްރާ މަސައްކަތް ކުރިއެވެ.
"ޑޯންޓް ލީވް މީ މައި ލަވް!" ގާތްވެލާފައި އަނެއްކާވެސް މިޒްރާގެ ކޮލުގައި ފިރުމައިލީމެވެ.
އަހަރެންނާއި ގާތްވެލާފައި މިޒްރާގެ ނިއްކުރި އަހަރެންގެ ނިއްކުރީގައި ޖައްސާލާފައި ލޯމަރައިލިއެވެ.
"އައި ވިލް ހޭވް ޓު"
ދެމީހުންގެ ލޮލުން ކަރުނަ ނުހުއްޓެއެވެ. ލޯ މަރައިލައިގެން އެގޮތުގައި އިރުކޮޅެއް ވަންދެން ތިބީމެވެ.
އެ އެއްޗެއްގެ އެންމެ ހިތްގައިމު ވަގުތުގައި އެއެއްޗެއްގެ ނިމުން އައުމަކީ ކިހައި ހިތްދަތި ކަމެއްކަން އިނގޭ ހެއްޔެވެ؟ އެންމެ ތާޒާ ކަމާއެކު ފަރިވެ ފޮޅުމަށްފަހު، މިލާ މޯޅިވުމަށް އެ މައު ބޭނުމެއް ނުވާނެއެވެ. އިރު އޭގެ އެންމެ ފުރިހަމަ ކުލަތަކާއެކު ފެނުން ތޮޅިލުމަށްފަހު އެއިގެ ވާޖިބައިގެން ބުރުއަޅަން ފަށަނީ އެ ހުރިހައި ކުލައެއް ކާއިނާތުން ފަނޑުކޮށްލާފައެވެ. އެއްވެސް އެއްޗަކީ ދާއިމަށް ދެމިހުންނާނެ އެއްޗެއް ނޫނެވެ. އެއްވެސް އިންސާނަކީ އަނެކާގެ އަމިއްލަ މުދަލެއް ނޫނެވެ. އަހަރުމެން އެކަކު އަނެކެއްގެ ހައްޤެއްގެ ގޮތުގައި ދިރިއުޅެލަން ދުނިޔޭގައި ލިބެނީ އިލާޙީ ޤާނޫނުގައި ހަމަޖެހިފައިވާ ކުޑަކުޑަ ވަގުތުކޮޅެކެވެ.
"މީގެ ދިހަ އަހަރު ފަހުންވެސް އަހަރެންގެ މަތީން ހަނދާން ހުންނާނެތަ؟" ދެމީހުންގެ ނިއްކުރި ވަކިކޮށްނުލައި މިޒްރާ ސުވާލުކުރި އެވެ.
"އަހަރެންގެ ހަށިގަނޑުގެ ގުނަވަނެއް އަބަދުވެސް، މުޅި އުމުރަށްވެސް މިޒްރާއަށް އިންތިޒާރުކުރާނެ.... އެއީ ނިމުމެއް ނެތް އިންތިޒާރެއް"
އަހަރެންގެ ޖުމުލައާއެކު މިޒްރާގެ ހިނިތުންވުން ދުށީމެވެ. މިޒްރާގެ ލޮލަށް އިރުކޮޅެއް ވަންދެން ބެލީމެވެ. މިހާލަތުގައިވެސް އެ ލޮލުގައި އަހަރެންގެ ހިއްސުތައް ބަލިކަށިކޮށްލުމުގެ ބާރު އެބަހުއްޓެވެ. މަޑުމަޑުން ގާތްވެލީމެވެ. އަހަރެންގެ އިނގިލިން ދަތްދޮޅީގައި ހިފަހައްޓާލާފައި ލޯތްބާއެކު އުފުލާލީމެވެ. މިޒްރާގެ ތުންފަތުން އަހަރެންގެ ނަޒަރު ދުރަށް ނުލަމެވެ. މި ހިތުގެ ތެޅުން މިޒްރާއަށް އިވޭނެއެވެ. ހިތް ތެޅެން ފެށީ، މާ ބާރަށެވެ. މިއީ އަހަރުމެން ދެމީހުންގެ މިފަދަ އެންމެ ފަހުގެ ގާތްވުމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ހުރިހައި އިހުސާސެއް އެއްފަރާތް ކޮށްފައި ދެ ލޯ މަރައިލީމެވެ. ހަމަ އެސިކުންތުގައި ދެމީހުންގެ ނޭވާ އެކުވެގެން ދިޔައެވެ. ދެމީހުންވެސް މި ވަގުތަށް ކެތްމަދުވެފައެވެ. އެކަކަށްވެސް އިސްނަގަން ނުކެރިފައެވެ. ކުރިއާއި އެއްގޮތަށް ސްޓޯބެރީގެ މީރު ރަހަ ނުލިޔަސް، ފިނިފެންމަލެއްފަދަ ތާޒާކަން ނެތަސް، މި އިހްސާސުން އަހަރެންގެ މުޅި ހަށިގަނޑުގައި އެތައް ތުރުތުރެއް އަޅުވާލައިފިއެވެ. މި ހިނދުކޮޅުގެ ނިމުން ބޭނުމެއް ނޫނެވެ.
އެކަމަކު މިޒްރާގެ ނޭވާގައި ބާރެއް ނެތްކަން އެނގުމުން ދުރަށް ޖެހިލަން މަޖުބޫރު ވީއެވެ. އެކަކުވެސް އަނެކެއްގެ މޫނުން އަތް ދުރަށްނުލަމެވެ. އަހަރެންގެ ބޮޑުވައި އިނގިލިން އޭނާގެ ތުންފަތް ފޮހެލީމެވެ.
"އައި ލަވް ޔޯ ލިޕްސް" ހަގީގަތަށް އަހަރެން ބުނީމެވެ.
މިޒްރާގެ ދެ ލޯ މަރައިލާފައި މަޑުމަޑުން ނޭވާ ހަމަޔަކަށް އަޅުވާން މަސައްކަތް ކުރިއެވެ. ކުޑަ ވަގުތުކޮޅެކެވެ. އެކަމަކު އެތަށް ރިހުމެއް މި ހަށިގަނޑާއި ވަކިވެ، ސިކުނޑިއަށް ލުއި ވެއްޖެއެވެ. ދެމީހުންގެ މޫނުމަތީން ފެނުނު އުފާވެރިކަން ދެމީހުންނަށްވެސް އިހްސާސްކުރެވުނެވެ.
"އައި ލަވް ޔޫ" މިފަހަރު މަޑުމަޑުން އަހަރެންގެ ތުންފަތުގައި ބީހިލަމުން މިޒްރާ ބުނެލިއެވެ.
"އައި ލަވް ޔޫ ޓޫ"
..................
އެކަކު އަނެކެއްގެ އަތުގައި ހިފަހައްޓައިލައިގެން އަހަރުމެން ތިބީމެވެ. އެތައް ޝަކުވާއެއް އަހަރެންގެ ލޮލަށް ޖަމާވަމުން ދިޔައެވެ. އެއަޑުތައް މިޒްރާއަށް އިއްވާން ބޭނުން ނުވިޔަސް، އޭނާއަށް އިވޭފަދައެވެ. ދެމީހުން އެކަކު އަނެކެއްގެ ލޮލަށް ބަލަހައްޓައިގެން ތިބީމެވެ. ދުރަށް ޖެހިލީ ދޮރު ހުޅުވުނީމައެވެ.
އަހަރެން އެނބުރި ބަލައިލީމެވެ. މިޒްރާގެ ބޯ އަރިކޮށްލާފައި ބަލައިލިއެވެ. ޑރ މެލީސާ ފައިލެއް ހިފައިގެން ހުއްޓެވެ. ވަގުތު ޖެހުނީކަން ޑޮކްޓަރގެ މޫނުން ސާފުކޮށް އެނގެއެވެ. މިޒްރާގެ އެނދާއި ގާތަށް ޑޮކްޓަރ އައުމުން އަހަރެން އެނދުން ތެދުވީމެވެ. އަހަރެންގެ އަތުން ހިނދުކޮޅަކަށްވެސް މިޒްރާ ދޫކޮށްނުލައެވެ.
"އިޓްސް ޓައިމް" ޑޮކްޓަރ ބުންޏެވެ.
ހިފަހައްޓައިގެން ހުރި އަތް މަޑުމަޑުން ލޫދިގެން ދާހެން ހީވުމުން އަހަރެން ބަލައިލީމެވެ. ލުއި ހިނިތުންވުމެއް ދެވޭތޯ އެވަގުތުވެސް މިޒްރާ މަސައްކަތް ކުރިއެވެ.
"އައި ނޯ ޔޫ ވިލް ކަމް ބެކް" އަހަރެން ބުނީމެވެ.
މިޒްރާ ޖަވާބެއް ނުދިނެވެ. އުއްމީދެއް ނެތްކަމެއްގައި ދޮގު ވަޢުދެއްވާން ބޭނުން ނުވީކަން އިގެއެވެ. މިޒްރާ އެނދުން ތެދުވުމަށް ވޯރޑް ބޯއީ އެހީވާން ފެށުމުން އަހަރެން ފިޔަވަޅެއް ފަހަތައް އަޅައިލީމެވެ. މިޒްރާގައިގައި އަތް ޖައްސާލަންވެސް މިވަގުތު އަހަރެން ބިރުގަތީއެވެ. އަތްލާންވެސް ނުކެރުނީއެވެ.
ފަސްމިނެޓް ތެރޭގައި ދޮރާއި ހަމައަށް އޭނާ ގެންގޮސްފިއެވެ. އެންމެ ފަހު ފަހަރަށް އަހަންނާއި ދިމާއަށް މިޒްރާ ބަލައިލިއެވެ. ގުޑާލަންވެސް ނުކެރިފައި ހުރި ފިޔަވަޅުމަތީގައި ހުރެވުނީ 'އަހަރެންގެ ފުރާނަ' ގޮވައިގެން ދާމަންޒަރު ބަލާށެވެ.
އަހަރެން ގާތަށް އެނބުރި އަންނާނެކަމަށް ކުރެވުނު އުއްމީދު، ފަޅިސިކުންތެއް ތެރޭގައި ވިއްސިވިހާލި ވެއްޖެއެވެ. މި ބޮޑު ދުނިޔޭގައި އަނެއްކާވެސް އަހަރެން އެކަނިވެރިވީއެވެ. ލޯބިން މަހުރޫމްވެ، އަޅާލާނެ އެއްވެސް މީހަކު ނެތިއެވެ.
އަހަރެންގެ ހަޔާތުގައި މިޒްރާއަކީ 'ޝޫޓިންގ ސްޓަރ'އެކެވެ. މަދުން ނޫނީ ނުފެންނަ ވިދާ ބަބުޅާ ހިނިތުންވުމެކެވެ. އެސްފިޔަ ޖަހާލާފައި ލޯހުޅުވާލަން ވާއިރަށް ގެއްލެއެވެ. ގާގުތައިވީ ކަމުގެ ނިޝާނެއްވެސް ނުހުރެއެވެ.
-ނުނިމޭ-
=ވާހަކައިގެ ނިމުމަށް މާދަމާއަށް އިންތިޒާރުކޮށްލައްވާ= ؛)