އޭޑީބީން އެންމެފަހުން ނެރުނު އޭޝިއަން ޑިވެލޮޕްމެންޓް އައުޓްލުކްގައި ބުނެފައި ވަނީ 2005 ވަނަ އަހަރުން ފެށިގެން 2022 އަހަރަށް ދަނޑުވެރިކަމުގެ ސިނާއަތުން ރާއްޖޭގެ ޖީޑީޕީގައި ހިއްސާކުރަނީ އެންމެ 1.5 އިންސައްތަ ކަމަށެވެ. އެކަމުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ފުޅާކުރަން ޖެހޭ ކަން ހާމަވާ ކަމަށް ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއަރުވަން ގޮންޖެހުންތައް ހުރި ކަމަށް އޭޑީބީގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު މަދުވުމާއި މި ސިނާއަތުގައި ލޯނު ލިބުން ދަތިވުމުގެ އިތުރުން ދަނޑު ހައްދަން ބޭނުންވާ ބައެއް ތަކެތީގެ އަގު ބޮޑުވުމަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުމެއް ކަމަށް ވަނީ ބުނެފަ އެވެ.
މި ރިޕޯޓުގައި ވަނީ ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއަރުވަން ގެންގުޅޭ ތަސައްވުރަށް ތައުރީފުކޮށްފަ އެވެ. އެގޮތުން ޒަމާނީ ޓެކްނޮލޮޖީ އާ ރަހުމަތްތެރި ދަނޑުވެރިކަމުގެ ބާވަތްތައް ތައާރަފުކޮށް ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރަން މި އެޑްމިނިސްޓްރޭޝަނުން ކުރަމުން އަންނަ މަސައްކަތް ވަނީ ފާހަގަކޮށްފަ އެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އެގްރިކަލްޗަ އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރުމަކީ ރާއްޖޭގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވޭ ބޮޑު މަޝްރޫއެއް ކަމުގަ އެވެ. ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެއްކަން ސައީދު ވަނީ ފާހަގަކުރައްވާފަ އެވެ.
އޭޑީބީގެ ރިޕޯޓުގައި ވަނީ މިދިޔަ ޖެނުއަރީ މަހު އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީ އާއި ވީސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު ޒަމާނާ ރަހުމަތްތެރި ދަނޑުވެރިކަން ތައާރަފުކުރަން ވެވުނު އެއްބަސްވުން ފާހަގަކޮށްފަ އެވެ. މުޅި ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކޮށް، ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ކުރުމުގެ ބާރަކަށް އެ މަޝްރޫއު ވާނެ ކަމަށް ރިޕޯޓުގައި ބުނެ އެވެ. ހަނިމާދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއަކީ ޒަމާނީ ވާޓިކަލް ފާމިން މެދުވެރިކޮށް މުޅި ރާއްޖޭގައި ދަނޑުވެރިކަން ކުރަން ވެފައިވާ އެއްބަސްވުމެކެވެ.
ރާއްޖޭގައި ދަނޑުވެރިކަން ކުރާ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 5،900 ހެކްޓަރު ކަމަށްވާއިރު، އެއީ ރާއްޖޭގެ އާބާދީއަށް ބޭނުންވާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ 10 އިންސައްތަ އެވެ.