ads
ރައީސް ޑރ. މުއިއްޒު: ވިދާޅުވީ ފަސް އަހަރު ދުވަހުގެ ތެރޭގައި ގޯއްޗެއް، ގެދޮރެއް ނުލިބޭ އެކަކުވެސް ނުހުންނަ ހިސާބަކީ ޓާގެޓް ކަމަށް - ފޮޓޯ:ރައީސް އޮފީސް
5 އަހަރުތެރޭ ގޯއްޗެއް، ގެދޮރެއް ނުލިބޭ އެކަކުވެސް ނުހުންނަ ހިސާބަކީ ޓާގެޓް
މި ފަސް އަހަރު ދުވަހުގެ ތެރޭގައި ގޯއްޗެއް އަދި ގެދޮރެއް ނުލިބޭ، އެކަކުވެސް ނުހުންނަ ހިސާބަކީ ޓާގެޓް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުން އަދި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ހިމެނޭހެން، މި ފަސް އަހަރު ދުވަހުގެ ތެރޭގައި ގޯއްޗެއް ނުލިބޭ، ގެދޮރެއް ނުލިބޭ، އެކަކުވެސް ނުހުންނަ ހިސާބު އެއީ އެމަނިކުފާނުގެ އަމާޒު ކަމަށެވެ. އެކަން ހާސިލު ކުރުމަށް މަސައްކަތް ކުރައްވައި، މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް އެމަނިކުފާނުގެ އެޑްމިނިސްޓްރޭޝަނުގެ ފަސް އަހަރުގެ ތެރޭގައި ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

މާލެ ސަރަހައްދުން ގޯތި ދޫކުރަން ހަމަޖެހިފައިވާ ގިރާވަރުފަޅު، ގުޅީފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއު ބައްލަވާލައްވައި ރައީސް ވިދާޅުވެފައި ވަނީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާ މަޝްރޫއުތަކަށް އެންމެ އިސްކަންދެއްވައިގެން، ބާރު ދުވެލީގައި، ރަނގަޅު ނަތީޖާ ނެރެވޭނެ ގޮތަށް ކުރިއަށް ގެންގޮސް ނިންމަވަން ބޭނުންފުޅުވާ ކަމަށެވެ. އެފަދަ މަސައްކަތްތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މާލެ ސަރަހައްދުން ގޯތި ދޫކުރަން ހަމަޖެހިފައިވާ ގިރާވަރުފަޅު، ގުޅީފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއު ބައްލަވާލައްވައި ރައީސް ވަނީ ވަކިވަކީން ކޮންމެ ސަރަހައްދެއްގެ ވެސް މަސައްކަތްތަކުގެ އެންމެފަހުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާފަ އެވެ. އެގޮތުން އެ ތަންތަނުގައި ތަރައްގީކުރަން ރާވާފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތައް ފުރިހަމަ ކުރެވޭނެ ކަމަށް ބެލެވޭ ތާރީހުތައް އެމަނިކުފާނު ވަނީ ހިއްސާކުރައްވާފަ އެވެ. މި ތިން ސަރަހައްދުގައި ފެނާއި ކަރަންޓު އަދި ނަރުދަމާގެ ހިދުމަތް ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ވެސް ނޫސްވެރިންނާ ރައީސް ހިއްސާކުރެއްވި އެވެ.

ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު ބައްލަވާލައްވައި ރައީސް ވިދާޅުވި ގޮތުގައި ގުޅީފަޅުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވާ ވަރަށް ވުރެ ތިން މަސް ދުވަސް އަވަހަށް އެ މަސައްކަތް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމުގަ އެވެ.

ގިރާވަރުފަޅު އިތުރަށް ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށާ އަދި މި މަސައްކަތް ވެސް އަވަސް ކުރުމަށް ޑްރެޖަރު އިތުރު ކުރުމުގެ މަސައްކަތް ކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިހާރު ހިއްކާފައިވާ ބިމުން ގޯތި ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ބިން ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ބާރު ދުވެލީގައި ކުރިއަށް ދާކަން ފާހަގަކުރައްވައި، ހުޅުމާލެ ތިންވަނަ ފިޔަވަހިން މިހާރު ބިން ހިއްކުމަށް ނިންމާފައިވާ "ފުލް ސްކޯޕް" ގައި ގިނަވެގެން ހަތަރު މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް