އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އަޒުމް އާ ކުރަންވީ، މި ދެއްވި ނިއުމަތުގެ މަތީގައި އިހުލާސްތެރިކަމާއި އެކީގައި ކުރިއަށް ދިއުމުގެ އަޒުމް ކަަމަށެވެ. އަދި މިއަދު ޔަގީން ވެގެންދިޔައީ މި ގައުމުގެ ކުރިމަގު ވަަރަށް އުޖާލާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ދެން ފެންނާނީ ސަރުކާރުގެ އިސްވެރިން ނުނިދާ ތިބެ، އަމަލީ ގޮތުން ކަން ކަން ކުރާ ތަނެވެ.
ގެދޮވެރިކަމުގެ ދަތިކަން ފަދަ ޒަމާންވީ މައްސަލަތައް ދާއިމީކޮށް ހައްލުކޮށް، ޒަމާނުއްސުރެ ރައްޔިތުންނަށް ނުފުދިފައި ތިބި ހުރިހާ ކަމެއް ވާ ތަން ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖެ ނުބައި މިސްރާބަކުން ދަނިކޮށް ރަނގަޅު ހެޔޮ މިސްރާބަކަށް ދާން، ދިވެހި ރައްޔިތުން ރިޔާސީ އިންތިހާބުގައި ނިންމި ނިންމުން ބޭކާރު ވިޔަ ނުދިނުމަށްޓަކައި މި އިންތިހާބުގައި ވެސް ބުރަ މަސައްކަތްކޮށް އެ ކާމިޔާބީ ދަމަހައްޓާފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުން ސާބިތުކޮށްދިނީ އިސްލާމް ދީނުގެ މަތީގައި ކުރިއަށްދިޔުމަށާއި މިނިވަންކަން ޔަގީން ވެފައި އޮތުމަށާއި ތަރައްގީ ބާރު ދުވެލީގައި ހޯދުމަށް ބޭނުންވާކަން ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަންކަން ބަލަން ތިބި ބޭރު ދުނިޔޭގެ އެކި ފަރާތްތަކަށް ވެސް، ދިވެހި ރައްޔިތުންނަށް ބޭނުން ވަނީ ކޮން ކަމެއްކަން މިހާރު ސާފުވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޕީއެންސީން ވަނީ 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ 12 ގޮނޑި އެވެ. މިނިވަން 11 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވިއިރު، އެމްޑީއޭ 2 އަދި އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީން އަށް އެއް ގޮނޑި ކާމިޔާބުކޮށްފައިވެ އެވެ.