ads
އުމްރާވެރިން ރާއްޖެއަށް އެނބުރިއައުން: މަޝްއަރު ޓުއާސްގެ ހަރަދުގައި އުމްރާވެރިން ވަނީ ގެނެސްފައި - ފޮޓޯ:ހައްޖު ކޯޕަރޭޝަން
މަޝްއަރު ޓުއާސްގެ ހަރަދުގައި އުމްރާވެރިން ރާއްޖެއަށް ގެނެސްފި
މަޝްއަރު ޓުއާސްއަށް ދިމާވި މައްސަލަތަކާ ހުރެ ސައުދީ އަރަބިއްޔާގައި ތާށިވި މީހުން އެ އެޖެންސީގެ ހަރަދުގައި ރާއްޖެއަށް ގެނެސްފި އެވެ.

މަޝްއަރު ޓުއާސްގެ ހަވާލުގައި އުމްރާއަށް ދިޔަ 53 މީހުންގެ ތެރެއިން އޭސް ޓްރެވެލްސްއިން ނެގި 50 ޓިކެޓަށް ވާ ފައިސާ ދައްކަން ދޫކުރި ޗެކް ބައުންސްވުމާ ގުޅިގެން ސައުދީއަށް ދިޔަ މީހުންނަށް ރާއްޖެ ނާދެވި ތާށިވި އެވެ.

މަޝްއަރު ޓުއާސްއިން މައްކާގައި ތާށިވި މީހުން ކައިރީގައި އެންމެ ފުރަތަމަ ބުނެފައި ވަނީ އަމިއްލަ ހަރަދުގައި ޓިކެޓް ނަގައިގެން އައުމަށެވެ. އެހެންނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އެ އެޖެންސީގެ ހަރަދުގައި އެ އެންމެން ރާއްޖެއަށް ވަނީ ގެނެސްފަ އެވެ.

ނިމުނު ރޯދަ މަހުގެ އުމްރާ ޕެކޭޖަށް މަޝްއަރު ޓުއާސްއިން 21 ދުވަހުގެ އުމްރާގެ އަގަކަށް ކަނޑައަޅާފައި ވަނީ 38،500 ރުފިޔާ އެވެ. އޭގެ ތެރޭގައި ހިމެނިފައި ވަނީ މައްކާ އާއި މަދީނާގައި ތިބުމުގެ ހަރަދާއި ދެކޮޅު ޓިކެޓާއި ވިސާ އާއި ދަތުރުފަތުރުގެ އިތުުރުން ތިން އިރުގެ ކެއުމުގެ ހަރަދެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ބައެއް އުމްރާވެރިންގެ ޓިކެޓަށް ފައިސާ ނުދައްކައި ލަސްކޮށް، ފަހުން ޗެކް ބައުންސްވި މައްސަލައިގައި އިސްލާމިކް މިނިސްޓްރީން އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހުއްދަ ބާތިލުކުރި އެވެ. އެހެންނަމަވެސް އެ ގްރޫޕުގެ ވެރިޔާ އަލީ ފާރިޝް، މި އަހަރު އުމްރާއަށް މީހުން ގެންގޮސްފައި ވަނީ ޓްރެވަލް އެޖެންސީއެއް ހަދައި "މަޝްއަރު ޓުއާސް" ގެ ނަމުގަ އެވެ.

މި ޓްރެވަލް އެޖެންސީ ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ނުވާއިރު، އެ ކުންފުންޏަށް ފައިސާ ނުދައްކަން އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް